އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލަމުންދަނިކޮށް ހައްޔަރުކުރި ޢާއިޝަތު ޝާދިޔާއާއި ޑރ. ޝަޒްރާ އިބްރާހީމް މިއަދު ދޫކޮށްލައިފިއެވެ.
ދިވެހިރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތައް ކައިރިއަށް އެއްވެ، ސަފީރުންނަށް އުނދަގޫ ކުރާކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ދެ މީހުންނަށް ވެސް ވަނީ ސަފީރުންނަށް އުނދަގޫކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި ޝާދިޔާގެ ފިރިކަލުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް މިއަދު ވަނީ ދެ މީހުން ވެސް މިއަދު ދޫކޮށްލާފައިވާކަން 'ސަން'އަށް ކަށަވަރުކޮށްދީފައެވެ.
އެ މީހުން މިނިވަންކުރީ ދެ މީހުންގެ ބަންދަށް ދަށު ކޯޓުން މި މަހުގެ އެއްވަނަ ދުވަހު އިތުރު ފަސް ދުވަސް ޖަހާފައިވަނިކޮށެވެ.
މި މައްސަލައިގައި ފުލުހުން މީގެ ކުރިން ބުނީ، ދެ އަންހެނުން ހައްޔަރުކުރީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކުރުމުގެ ސަބަބުން ކަމަށެވެ.
އަދި، ޑިޕްލޮމެޓިމް މިޝަންތަކުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމުގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތަކެއް އެ މީހުން ހިންގަމުން ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
މި އަމަލުތަކާ ގުޅިގެން، އެގޮތަށް އަމަލު ނުކުރުމަށް އެކި ފަހަރު މަތިން ޝާދިޔާއާއި ޝަޒުރާއަށް ނަސޭހަތްދީފައިވާނެ ކަމަށް ވެސް ފުލުހުން މީގެ ކުރިން ބުންޏެވެ.
ޝަޒްރާ އާއި ޝާދިޔާ މެދުކެނޑުމެއްނެތި މާލެއާއި ހުޅުމާލޭގައި އިޒްރޭލާ ދެކޮޅަށް މެގަ ފޯނުން އަޑުއުފުލާފައިވެއެވެ.
އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގެ މަސައްކަތް ލަސްވުމުގެ ސަބަބުން މިހާރު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.