އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލުން މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީ ފައިނަލުން ސިނާ ޖާގަހޯދީ ކުއާޓާ ފައިނަލުގައި މިއަދު ހެނދުނު މުބާރާތުގައި ފަސްވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވާ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. ދެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 6-2 ކާމިޔާބުކޮށްފައިވަނީ ސިނާއެވެ.
ނަމަވެސް، ޖެހިގެން އައި ދެވަނަ ސެޓު މެޑްވެޑޭވްވަނީ ފަސޭހަކަމާ އެކު 6-1 އިން ކާމިޔާބުކޮށް އެއްވަރުކޮށްފައެވެ. މެޗުގައި ކުޅުނު ފަހު ދެ ސެޓު ސިނާ ކާމިޔާބުކޮށްފައިވަނީ 6-1 އަދި6-4 އިންނެވެ. މި ސީޒަންގައި ބޭއްވި ގްރޭން ސްލޭމް ހަތަރު މުބާރާތުގެ ތެރެއިން ތިން މުބާރާތުގައި ދެ ކުޅުންތެރިންވަނީ ވާދަކޮށްފައެވެ.
ފުރަތަމަ މުބާރާތް ކަމަށްވާ އޮސްޓްރޭލިއާ އޯޕަންގެ ފައިނަލްގައި މެޑްވެޑޭވް ފުރަތަމަ ދެ ސެޓު ކާމިޔާބުކޮށްފައިވަނިކޮށް ސިނާ ވަނީ ފަހަތުން އަރައި ޖެހިގެން އައި ތިން ސެޓު ކާމިޔާބުކޮށް އެ މުބާރާތް ކާމިޔާބުކޮށް، އޭނާގެ ކެރިއަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބުކޮށްފައެވެ.
ދެވަނަ މުބާރާތް ކަމަށްވާ ފްރެންޗް އޯޕަންގައި ސިނާ ވާދަކޮށްފައިނުވާއިރު ވިމްބަލްޑަން ޗެމްޕިއަންޝިޕްސްގެ ކުއާޓާ ފައިނަލުގައި ވާދަކުރި މެޗު ކާމިޔާބުކޮށްފައިވަނީ މެޑްވެޑޭވެވެ.
ސެމީފައިނަލްގައި ސިނާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މުބާރާތުގައި 25 ވަނައަށް ސީޑުކުރެވިފައިވާ އިނގިރޭސިވިލާތުގެ ޖެކް ޑްރެޕާއާއެވެ. އޭނާ ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި 10ވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރެލިއާގެ އެލެކްސް ޑި މިނޯއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ސެޓުތައް ޑްރެޕާ ކާމިޔާބުކޮށްފައިވަ 6-3، 7-5، އަދި 6-2 އިންނެވެ.
މި މުބާރާތުގެ ދެވަނަ ސެމީފައިނަލުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާއަށް ނިސްބަތްވާ ދެ ކުޅުންތެރިން ކަމަށްވާ 12ވަނައަށް ސީޑު ކުރެވިފައިވާ ޓޭލާ ފްރިޓްޒާއި 20 ވަނައަށް ސީޑު ކުރެވިފައިވާ ފްރަންސެސް ޓިއަފޯއެވެ.