ގައުމެއް ނުވަތަ ތަނެއްގެ ގައުމިއްޔަތަކީ އެހެން ގައުމަކުން ގެނެވޭނެ އެއްޗެއް ނޫންކަމަށާއި އެކަން ކުރުމުގެ އިޚުތިޔާރެއް އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށް ދިވެހި ބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއިން މިރޭ ބުނެފިއެވެ.
އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޝަހްރުއްޒިޔާދު ވިދާޅުވީ، ގައުމިއްޔަތަށް ވިސްނާއިރު ދިވެހިންގެ ތެރޭގައި އޮޅުމެއް އޮންނަ ކަމަށެވެ.
ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ގައުމިއްޔަތެއް އޮންނަ ކަމަށާއި ގައުމިއްޔަތަކީ އެއްބަޔެއްގެ ގޮތުގައި ކުރާ ތަޖުރިބާއެއް ކަމަށް އޭނާ ވިދާޅުވެއެވެ.

ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގެ ބައެއް ސުކޫލް ތަކުގައި ބޭއްވި ޖާފަތް: އެހެން ތަނެއްގެ ގައުމިއްޔަތެއް ނުގެނެވޭނެ، ގެނައުމުގެ އިޚްތިޔާރެއް ވެސް ނޯންނާނެ ކަމަށް މުޙައްމަދު ޝަހްރުއްޒިޔާދު ވިދާޅުވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދުނިޔޭގެ އެހެން ތަނަކުން ރާއްޖެއަށް ގައުމިއްޔަތު ގެނައުމުގެ އިޚުތިޔާރު އޮންނަ ކަމަށް ބައެއް ފަރާތްތަކަށް ހީވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އެހެނެއް އެކަމެއް ނުހިނގާނެ. އަޅުގަނޑުމެން މިތާގައި ކުރި ތަޖުރިބާތަކެއްގެ މައްޗަށް ބަލައި، އަޅުގަނޑުމެން ވަޒަންވެރިވެ، އެވޭލާ ޒަމާނުއްސުރެ މިހާ ހިސާބަށް އާދެވުނު ތަޖުރިބާތަކަކަށް ބަލައި އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ވިސްނުން ގައުމިއްޔަތަކީ. އަޅުގަނޑުމެން އެއް ބަޔަކަށް ވީ މިހެންނޭ. އަޅުގަނޑުމެން މާދަމާ ދެމިތިބެން ބޭނުން ވަނީ މިގޮތަށޭ،
މީގެއިތުރުން، ދިވެހިން އެއް ބައެއްގެ ގޮތުގައި ދެމިތިބެން ވިސްނާ ވިސްނުމަކީ ގައުމިއްޔަތު ކަމަށާއި އެގޮތަށް ވިސްނާއިރު، އެކި ގައުމުތަކުގައި އޮންނާނީ ތަފާތު ތަޖުރިބާތައް ކަމަށް އޭނާ ވިދާޅުވެއެވެ.
މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ، ހުޅަނގުގެ ގައުމެއްގައި އުފަންކުރުވި ގައުމިއްޔަތެއް ރާއްޖެއަށް ނުގެނެވޭނެ ކަމަށާއި އަރަބި ގައުމުތަކުގައި އޮންނަ ގައުމިއްޔަތު ޗައިނާއަކަށް ނުގެންދެވޭނެ ކަމަށެވެ.
އެހެންކަމުން، ބަޔެއްގެ ގައުމިއްޔަތުން ކިޔާދޭ ވާހަކައަކީ އެބަޔަކު ކޮށްފައިވާ ތަޖުރިބާއެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ގައުމިއްޔަތަކީ އެއް ބަޔެއްގެ ގޮތުގައި ދެމިތިބުން ކަމަށާއި އެއީ އެހެން ގައުމަކުން އިންޕޯޓުކޮށް، އެކްސްޕޯޓު ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

ދިވެހިންގެ ސަގާފީ ކެއުމެއް: އެހެން ތަނެއްގެ ގައުމިއްޔަތެއް ނުގެނެވޭނެ، ގެނައުމުގެ އިޚްތިޔާރެއް ވެސް ނޯންނާނެ ކަމަށް މުޙައްމަދު ޝަހްރުއްޒިޔާދު ވިދާޅުވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާ ވިދާޅުވީ، ބައެއް ދިވެހިންނަށް ހީވެފައި އޮންނަ ގޮތަށް ރާއްޖެއަށް ނުވަތަ ބޭރުގައުމަކަށް ވެސް އެހެން ތަނެއްގެ ގައުމިއްޔަތެއް ތައާރަފެއް ނުކުރެވޭނެ ކަމަށެވެ.
މީގެއިތުރުން، ދިވެހިންނަކީ އެންމެ އެވޭލާ ގައުމުތަކުގެ ސިފަތައް ލިބިފައި އޮތް ގައުމުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރާއްޖެއަކީ އުފެދުނު ޒަމާނެއް ނޭނގޭހާ އެވޭލާ ތަނެއް ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް އެންމެ ފުރިހަމަ ފާޑުވެރިކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ވީމާ ދިވެހި ގައުމިއްޔަތުގެ ވާހަކަ މިއަދު ދެއްކޭއިރުގައި، މި ދެއްކެނީ ދިވެހިންގެ އަސްލުވެހިކަމުގެ އަސްލުން އަޅުގަނޑުމެން ކުރި ތަޖުރިބާތައް މިއަދު އަޅުގަނޑުމެން އެއްބަޔަކަށް އެތަޖުރިބާތައް ގެނުވާ ގޮތާއި އަޅުގަނޑުމެން މާދަމާ ދެމިތިބުމަށްޓަކައި ދުނިޔެއަށް އަންނަ ބަދަލުތަކެއްގެ ރާޅުތަކުގައި އަޅުގަނޑުމެން ފަތާލާ ގޮތްތަކުގެ ވާހަކަ
ފާހަގަކޮށްލެވޭ ގޮތުގައި، މިއަދަކީ ރާއްޖޭގެ ގައުމީ ދުވަސް ކަމަށްވާއިރު، ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހުއެވެ.