ޖަލްސާގައި ގިނަ ފިރިހެނުން ސާޖިދާއާ ސަލާމްނުކުރެއްވުމުން ދެރަވި: މައުމޫން

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ފަހުގައި ރައީސްގެ ދެކަނބަލުން ހާޒިރީންނާ ސަލާމްކުރައްވަނީ: ގިނަ ފިރިހެން ބޭފުޅުން ސާޖިދާއާ ސަލާމް ނުކުރައްވާ --

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއާ ގިނަ ފިރިހެނުން ސަލާމް ނުކުރެއްވިތަން ފެނިވަޑައިގަތުމުން އެ ކަމާ "ދެރަވި" ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ކުރިއަށް ދިޔަ ގޮތަށް ތައުރީފުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫނު ވިދާޅުވީ، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ވަންތަކަމަށްޓަކާ ފަޚުރުވެރިވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފެނިވަޑައިގެން ކަމަށެވެ. އަދި، އެ ކަމާ ވަރަށް އުފާކުރެއްވި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާ އެކު ވަރަށް ގިނަ ފިރިހެން ބޭފުޅުން ރައީސްގެ އަނބިކަނބަލުންނާ ސަލާމް ނުކުރެއްވިތަން ފެނުމުން ވަރަށް ހިތާމަކުރެއްވި ކަމަށް އެ މަނިކުފާނު އެ ޕޯސްޓުގައި ލިޔުއްވިއެވެ.

މައުމޫނު ވަނީ ގައުމީ ދުވަހާ ގުޅުވައި މިއަދުގެ ޖަލްސާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް ވެސް ތައުރީފުކުރައްވާފައެވެ. އެ ޚިތާބުގައި އެ މަނިކުފާނު ދެއްވި ބަސްފުޅުތަކަކީ ބާރުގަދަ، ހިތްގައިމު ވާހަކަފުޅުތަކެއް ކަމަށް މައުމޫނު ވިދާޅުވިއެވެ.

އެ ޕޯސްޓާ ގުޅިގެން ރައީސް މުއިއްޒު ވަނީ މައުމޫނަށް ޝުކުރު އަދާކުރައްވާފައެވެ.

ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށް އަރުވައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކަށާއި ކުންފުންޏަކަށް އަރުއްވައިފިއެވެ. އަދި، ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ ނިޒާމުގެ މުހިންމު އެއް ގުނަވަނުގެ ގޮތުގައި އެކަށައަޅުއްވާފައިވާ "ދިވެހި ގައުމިއްޔަތުގެ އިސްވަރު" ވެސް އެ މަނިކުފާނު ވަނީ އެ ޖަލްސާގައި އިފުތިތާހުކޮށްދެއްވާފައެވެ.

comment ކޮމެންޓް