ދިވެހި ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޞަލާޙުއްދީނަށް އަރުވައިފި

1446 ވަނަ އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން: ދިވެހި ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޞަލާޙުއްދީނަށް އަރުވައިފި -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ޤައުމިއްޔަތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްހޫމް ހުސައިން ޞަލާހުއްދީންގެ ހަނދާނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފިއެވެ.

ޞަލާޙުއްދީންގެ ހަނދާނަށް މި ޝަރަފު އެރުއްވީ މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި 1446 ވަނަ އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ދިވެހި ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ޞަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ގައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްގީއަށް މަގުފަހިކޮށްދެއްވުމުންނެވެ. އަދި އިލްމުގެ ނޫރު ފެތުރުއްވުމަށް ޞަލާޙުއްދީން ކުރައްވައިފައިވާ ގައުމީ ޚިދުމަތަށްޓަކައެވެ.

އެގޮތުން ދިވެހި ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސް ދެއްވެވީ ޝަރަފުގެ އައްޑަނައެކެވެ.

‎ޞަލާޙުއްދީނަކީ ދިވެހިރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބެވެ. އޭނާއަކީ ދިވެހި ގައުމުގެ ނަމޫނާ ދަރިއެއްގެ އިތުރުން ދިވެހި ގައުމިއްޔަތު ނެގެހެއްޓުމުގެ އެންމެ ހަރުދަނާ އެއް ތަނބެވެ. އެގޮތުން އޭނާ ލިޔުއްވި ސިޔަރަތަށް ބަލައިލުމުން ވެސް އޭނާގެ ޢިލްމުވެރިކަމާއި އަރަބި ބަހާއި ދިވެހި ބަހަށް ވެސް ހުރި ކުޅަދާނަކަން ސާބިތުވެއެވެ.

ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ، ގައުމިއްޔަތަށް ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސް ދެއްވާ އެންމެ މަތިވެރި ޝަރަފެވެ. މި ޝަރަފު ދެއްވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ އިއްޒަތުގެ ޤާނޫނުގެ ހަވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.

ޤައުމީ ދުވަހުގެ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހަތް ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ. އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، ދެމިހުންނަނިވި ޚާއްސަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން އެ ބޭފުޅެއްގެ ހަނދާނަށެވެ.

މި އަހަރު އެ އިނާމު އަރުވާފައިވަނީ، ހެންވޭރު ހާޖަރާގޭ އަލްމަރްހޫމް މުހައްމަދު ތައުފީގަށެވެ. މުހައްމަދު ތައުފީގުގެ ހަނދާނަށް މި ޝަރަފު އަރުވާފައި ވަނީ، ކީރިތި ރަސޫލާގެ ސިޔަރަތު ގެނެސްދެއްވާފައިވާލެއް ފުރިހަމަކަމާއި، ސިޔަރަތު އަޑުއެހުމަށް ރައްޔިތުންގެ ހިތްތަކުގައި އޮންނަ ޝައުގުވެރިކަން އިތުރުކުރެއްވުމަށް ކުރެއްވި ގައުމީ ޚިދުމަތަށްޓަކައެވެ.

‎މި އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވީ 10 ބޭފުޅަކަށެވެ. ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

comment ކޮމެންޓް