ގައުމީ ދުވަހުގެ ދިދަ ނެގުމުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ޚާއްސަ އިހުތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ޚާއްސަ އިހުތިފާލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

ގައުމީ ދުވަހާ ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި އެ މަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދުގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން، އެ މައިދާނުން އެ ދެކަނބަލުންނަށް، މަރުޙަބާ ދެންނެވީ، މިނިސްޓާ އޮފް ޑިފެންސް މުހައްމަދު ޣައްސާން މައުމޫނާއި މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމެވެ.

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ މި ރަސްމިއްޔާތުގައި، ގައުމީ ދިދަ ނެގުމުގެ އިތުރުން، ދުވަހާ ގުޅޭ ޚާއްސަ ދުޢާއެއް ކުރުން ވެސް އޮތެވެ.

މި ރަސްމިއްޔާތު ނިންމާލާފައިވަނީ ގައުމީ ދިފާއީ ބާރުގެ ބޭންޑްޕާޓީގައި ގައުމީ ސަލާމް ކުޅުމާ އެކުގައެވެ.

ދިވެހިރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް