72 ފިރިހެނުން ލައްވައި އަނބިމީހާ ރޭޕްކުރުވި ފްރާންސް މީހަކަށް ދައުވާކޮށްފި

ބޭސްދީ އަނބިމީހާ ރޭޕް ކުރުވި މައްސަލައިގައި ކޯޓުން ބޭރުގައި އަޑު އުފުލަނީ --- ފޮޓޯ/ޖެޓީ އިމޭޖަސް

ދިހަ އަހަރު ވަންދެން އަނބިމީހާއަށް ނިދާ ބޭސްދީ ޖިންސީ ގުޅުން ހިންގުމަށް ފަހު، އެހެން މީހުން ލައްވައި ވެސް އަނބިމީހާ ރޭޕްކުރުވި މީހެއްގެ މައްޗަށް ފްރާންސްގެ ކޯޓަކުން ދައުވާކޮށްފިއެވެ.

އެކަމުގެ ޝިކާރައަކަށްވެފައިވަނީ 72 އަހަރުގެ މީހެކެވެ. ޝަރީއަތް ފެށުމަށް އެ މީހާ ފްރާންސްގެ އެވިނިއޯންގެ ކޯޓަކަށް ހާޒީރުވީ އަންހެން ދަރިފުޅާއި ދެ ފިރިހެން ދަރިންނާ އެކުގައެވެ.

ކޯޓުން ބުނި ގޮތުގައި ދައުވާ ލިބޭ 71 އަހަރުގެ ޑޮމިނިކް، އަނބިމީހާ ރޭޕް ކުރުމަށް މީހުން ހޯދާފައިވަނީ އޮންލައިންކޮށެވެ. ނިދާ ބޭހާއި، އެންޓި އެންޒައިޓީ ފަދަ ބޭސް ދިނުމަށް ފަހު އަނބިމީހާ ރޭޕްކުރުވައިފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ.

އޭނާގެ މައްޗަށް ނުވަ ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި ރޭޕްކުރުމާއި، ރޭޕް ކުރުވުމަށް ބޭސްދިނުން، އަދި އެކަމާ ގުޅުންހުރި ފޮޓޯތައް ހިއްސާކުރުމުގެ ދައުވާ ހިމެނެއެވެ.

ކޯޓުގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި އެ އަންހެން މީހާއަށް 72 ފިރިހެނުން ވަނީ ޖިންސީ ގޯނާކޮށްފައެވެ. އެ މީހުންގެ އުމުރަކީ 26 އަހަރާއި 74 އަހަރާ ދެމެދު ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިހާތަނަށް 50 މީހުން ދެނެގަނެވިފައިވާއިރު، ގިނަ މީހުންގެ މައްޗަށް އުފުލާފައިވަނީ ރޭޕްކުރުމުގެ ކުށުގެ ނުވަތަ ރޭޕް ކުރަން އުޅުމުގެ ދައުވާއެވެ.

ކޯޓުގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި އޭނާގެ އަންހެނުންނަށް ބޭސް ދީފައިވާކަން ރޭޕްކުރުމުގައި ޝާމިލުވި ހުރިހާ ފިރިހެނުންނަށް އެނގޭނެ ކަމަށް ޑޮމިނިކް ބުނެއެވެ. ނަމަވެސް، އެކަން އެ މީހުން ދޮގުކުރެއެވެ.

އެ މައްސަލައިގައި ޝަރީއަތް ފަށައިފައިވާއިރު، ހުކުމް އިއްވުން ތާވަލުކޮށްފައިވަނީ އަންނަ ޑިސެމްބަރު 20 ވަނަ ދުވަހަށެވެ.

comment ކޮމެންޓް