އެމެރިކާއިން ހަމާސް ޖަމާއަތުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފި

ހަމާސްގެ އިސް ލީޑަރުން ހިމެނޭ ފޮޓޯއެއް: އެމެރިކާއިން ވަނީ ހަމާސްގެ ހަ އިސް ލީޑަރުންގެ މައްޗަށް "ޓެރަރިޒަމް" ގެ ދައުވާ އުފުލައިފައި -- ފޮޓޯ/އޭއެފްޕީ

އެމެރިކާއިން ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުގެ މައްޗަށް "ޓެރަރިޒަމް" ގެ ދައުވާ އުފުލައިފިއެވެ.

ފެޑެރަލް ކޯޓުން އަންގާރަ ދުވަހު އާންމުކޮށްފައިވާ ލިޔުންތަކުގައިވާ ގޮތުގައި ޖުލައި 31ވަނަ ދުވަހު ތެހެރާނުގައި މަރާލި އިސްމާއިލް ހަނިއްޔާ ހިމެނޭ ގޮތަށް ހަ މީހެއްގެ މައްޗަށް ދައުވާ އުފުލައިފައެވެ. އެ އެމީހުންގެ މައްޗަށް ދައުވާ އުފުލައިފައި ވަނީ ފުރާނައަށް ނުރައްކާވާ ޓެރަރިޒަމްގެ އަމަލުތަކަށް މާއްދީ އެހީތެރިކަން ދިނުމަށް ރޭވި ކަމަށް ތުހުމަތުކޮށެވެ. އެ ދައުވާގެ އިތުރުން އިތުރު ހަ ދައުވާއެއް ވެސް ކޮށްފައިވެއެވެ.

ދައުވާ އުފުލާފައިވާ ހަމާސްގެ އެހެން ލީޑަރުންގެ ތެރޭގައި މިދިޔަ އަހަރު އިސްރާއީލަށް ދިން ހަމަލާ ރޭވުމަށް އެހީތެރިވެދެއްވި، ޣައްޒާގައި ހުންނަ ހަމާސްގެ ހަތިޔާރު އެޅި ގޮފީގެ ޑެޕިއުޓީ ލީޑަރު މަރްވާން އީސާ، ހަނިއްޔާގެ އިތުރު ޑެޕިއުޓީއެއް އަދި އެ ގްރޫޕްގެ ކުރީގެ ލީޑަރެއް ކަމަށްވާ ޚާލިދު މަޝާލް؛ މުހައްމަދު އަލް މަސްރީ އާއި އަލީ ބަރަކާ ހިމެނެއެވެ.

އެމެރިކާއިން "ޓެރަރިސްޓް ޖަމާއަތެއް" ކަމަށް ކަނޑައަޅާފައިވާ ހަމާސް އިން ވަނީ އިސްރާއީލަށް މިދިޔަ އަހަރު އޮކްޓޫބަރު ހަތް ވަނަ ދުވަހު ހަމަލާދީފައެވެ. އެ ހަމަލާގެ ރައްދުގައި އިސްރާއީލުން އަންނަނީ ޣައްޒާގެ އާންމުންނަށް ޢުދުވާނީ ހަމަލާ ދެމުންނެވެ.

"މިއަދު މި ކުރާ ދައުވާތަކަކީ ހަމާސްގެ އޮޕަރޭޝަންތަކަށް އަމާޒުކޮށްގެން އަޅުގަނޑުމެން ކުރާ މަސައްކަތުގެ އެއްބައި. މިއީ އަދި ނިމުމެއް ނޫން." އެމެރިކާގެ އެޓާނީ ޖެނެރަލް މެރިކް ގާލަންޑް ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

"ޔަހްޔާ ސިންވާރާއި ހަމާސްގެ އެހެން އިސް ލީޑަރުންގެ މައްޗަށް މިއަދު ދައުވާ ކުރަނީ މި ޓެރަރިސްޓް ޖަމިއްޔާއިން ޒަމާންތަކެއް ވަންދެން ކުރިއަށް ގެންދިޔަ ގިނަ އަދަދެއްގެ އަނިޔާވެރިކަމާއި ޓެރަރިޒަމްގެ ކެމްޕޭންތަކުގެ ސަބަބުން." އެ ބަޔާނުގައި ގާލަންޑް ވިދާޅުވިއެވެ.

ހަމާސްއާ ދެކޮޅަށް އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ލޭއޮހޮރުވުންތަކުގައި މިހާތަނަށް ޣައްޒާގައި 40،819 މީހުން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކުރެއެވެ. އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

comment ކޮމެންޓް