ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ކޮއްކޮ, ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު، ފޮރިން މިނިސްޓްރީގެ މަސައްކަތްތަކަކަށް މާލެ ގެންނަން ނިންމާފައިވާކަން އެނގިއްޖެއެވެ.
އަސްމާއާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރާ ގުޅުން ގޯސްވެފައި ވަނިކޮށް, އަސްމާގެ ދަރިފުޅު ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ސަލްމާ ވަޒީފާއިން ވަކިކުރީ މިދިޔަ ހޯމަ ދުވަހުއެވެ.
ނަމަވެސް އޭގެ ދެ ދުވަސް ފަހުން މިއަދު، ސަލްމާގެ ގާތް މީހަކު މިއަދު "ސަން" އަށް ވިދާޅުވީ ޚާރިޖީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ, ސަލްމާ ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓް ކެންސަލް ކަމަށް މިހާރު އަންގާފައިވާ ކަމަށެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި އޭނާ އަދިވެސް ހުރީ ޖެނީވާގައެވެ. އަދި މިނިސްޓްރީގެ މަސައްކަތްތަކަށް އޭނާ މާލެ ގެންނަން ވަނީ ނިންމައިފައެވެ.
އެ ބޭފުޅުން މަގާމުތަކުން ވަކިކޮށްފައި ވަނީ ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އޯޑިއޯއެއްގެ މައްސަލައާ ގުޅިގެންކަން 'ސަން' އަށް ވަނީ ކަށަވަރުވެފައެވެ.
އެ އޯޑިއޯގައި މެންބަރު އަސްމާ ވެސް ހިމެނޭހެން ދެ މީހަކު ވަނީ، ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ބޭފުޅުން ވެސް މަގާމުން ވަކިކޮށްފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.