ގޭގައި ހަދާ ކާބޯތަކެތި ވިއްކޭނީ ކޯހެއް ހެދުމަށް ފަހު ކަމަށް ކަނޑައަޅައި، މިންގަނޑު އާންމުކޮށްފި

ހުޅުމާލޭގައި ހެދިކާ ވިއްކާ ޓެންޓެއް -- ފޮޓޯ: ފޭސްބުކް

އަމިއްލަ ފަރާތްތަކަށް ކާބޯތަކެތީގެ ވިޔަފާރިކުރާއިރު، ބޭސިކް ފުޑް ސޭފްޓީ ކޯހެއް ހަދަންޖެހޭ ގޮތަށް, އަމިއްލަ ދިރިއުޅުމަށް ޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އާންމުކޮށްފިއެވެ.

އެ އޮތީރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އަމިއްލަ ދިރިއުޅުމަށް ޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލު މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓުގައްޔާއި އެމްއެފްޑީއޭގެ ދިރިތި ޕޯޓަލްގައި ޝާއިއުކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން އެ މިންގަނޑަށް އަމަލު ކުރަން ކުރުމަށް އާންމުކޮށް އަންގައި، އެ އޮތޯރިޓީންވަނީ އިއުލާންކޮށްފައެވެ. މި އުސޫލުގައި ހިމެނޭ އާންމު ޝަރުތުތަކަކީ:

  • ވަހާއ،ި ދުމާއ،ި ކުނި އަދި ގަދަ އަޑުގެ ސަބަބުން އާންމުންގެ ޞިއްޙަތަށް ނުރައްކާ ވެދާނެ ފަދަ މަސައްކަތަކަށް ނުވުން
  • ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މުވައްޒަފުންނާއި މަސައްކަތު މީހުން ބޭނުން ނުކުރުން
  • މި މިންގަނޑުގެ ދަށުން ކާބޯތަކެތި ތައްޔާރުކުރާ ފަރާތަކީ "ބޭސިކް ފުޑް ސޭފްޓީ ކޯސް" ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން
  • ކާބޯތަކެތި ތައްޔާރުކުރާ ވަގުތުތަކުގައި ކަމާ ނުގުޅޭ މީހުން ބަދިގެއަށް ނުވެއްދުން
  • ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އުފައްދަން ގެންގުޅޭ ފަދަ ބޮޑެތި އާލާތްތައް ބޭނުން ނުކުރުން
  • ކާބޯތަކެތި ވިއްކަން ބަހައްޓާއިރު، އެ ތަކެތި "ބަންދުކުރި ކާބޯތަކެތި ލޭބަލް ކުރުމުގެ ގައުމީ މިންގަޑު"ގައިވާ ގޮތަށް ލޭބަލް ކުރުން
  • މުއްދަތު ހަމަވާ ތާރީޚު 24 ގަޑިއިރަށްވުރެ އިތުރުނުވާ ކާބޯތަކެތީގެ ތެރެއިން ވަކި އުފެއްދުމެއްގައި ލޭބަލް ނުކުރެވޭފަދަ އުފެއްދުންތައް (ހެދިކާ) ވިއްކަން ބަހައްޓާއިރު، އެ ތަކެތި އަޅާފައިވާ ކޮންޓެއިނަރުގައި އުފެއްދި ތަނުގެ ނަމާއި ކާބޯތަކެތި ތައްޔާރު ކުރުމަށް ހުއްދަދޭ ފަރާތުން ތަނަށް ދޫކޮށްފައިވާ ރެޖިސްޓްރީ ނަންބަރު ލޭބަލްކުރުން

މި އުސޫލުގެ ދަށުން އަމިއްލަ ފަރާތްތަކުން ކާބޯތަކެތި ތައްޔާރުކުރާ ބަދިގޭގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

  • އަތް ދޮވުމާއި ހިފައިގެންގުޅޭ ސާމާނު ދޮވެ ސާފުކުރުމަށް ބޭނުންވާ އިންތިޒާމު ބަދިގޭގައި ހަމަޖެހިފައި ހުރުން
  • ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ގެންގުޅޭ ތަކެތި އަބަދު ވެސް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން
  • އާމްދަނީ ހޯދުމުގެ ބޭނުމުގައި ކާބޯތަކެތި ތައްޔާރު ކުރުމަށް ވަކި ޚާއްސަ ގަޑިއެއް ކަނޑައަޅައެޅުން

މީގެ އިތުރުން ވެސް މި އުސޫލުގައި، ހިފާގެންގުޅޭ ސާމާނާއި އާލާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި، ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުގެ އާންމު ސާފުތާހިރުކަމުގެ އިތުރުން ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރާ ބާވަތްތަކާ ގުޅޭ ޝަރުތުތައް ވެސް ހިމަނާފައިވެއެވެ.

މި ބާވަތުގެ ކާބޯތަކެތި އަމިއްލަ ބޭނުމަށް ވިޔަފާރިކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލުގެ ތެރޭގައި ހިމަނާފައިވާ ބައެއް މުހިންމު ކަންކަމުގެ ތެރޭގައިވަނީ ދަފްތަރު ކުރަން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، ދަފްތަރުން އުނިކުރުމާއި، އަލުން ދަފްތަރު ކުރުމުގެ އިތުރުން، ބަލައިފާސްކުރުމާއި ތަހުލީލުކުރުމާއި ގުޅޭ އުސޫލުތައް ބަޔާންކޮށްފައެވެ.

މި ކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި 3014361 އަށް އަދި ރަސްމީ ނޫން ގަޑީގައި 7603204އަށް ގުޅުމަށް އެ އޮޓޯރިޓީންވަނީ އެދިފައެވެ.

https://sun.mv/195190

ގޭގައި ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ސާފުތާހިރު ކަމާ ގުޅޭ ގޮތުން މިފަހުން ވަނީ ކަންބޮޑުވުންތައް އިތުރުވެފައެވެ. ޚާއްސަކޮށް، ބިދޭސީން ގަވައިދާ ޚިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވަން އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ވަރަށް މުޑުދާރުކޮށް ހުންނަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ މައްސަލައަށް ސަމާލުކަން ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް