މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އަށް އަހަރު ފަހުން ބޭފުޅަކު ހަމަޖައްސަވައިފިއެވެ.
ތެލަސީމިއާ ސެންޓަރުން ދޭ ޚިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ އެތަނުން ފަރުވާ ހޯދާ މީހުންނާއި އެ މީހުންގެ އާއިލާތަކުން މުޒާހަރާ ކޮށްފައެވެ. އެއާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ އެ ސެންޓަރަށް ވަޑައިގެން ވަނީ ތަނުގެ ހާލަތު ބައްލަވާލައްވައިފައެވެ. އެއަށް ފަހު ރައީސް ވިދާޅުވީ އެ ސެންޓަރުގައި 2017 ވަނަ އަހަރުން ފެށިގެން ޑިރެކްޓާ ޖެނެރަލެއް ނެތް ކަމަށެވެ. އަދި ރައީސް ވަނީ މިހާރުން މިހާރަށް އެތަނުގެ ޚިދުމަތް ރަނގަޅު ކުރަން ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން ބުނިގޮތުގައި މިއަދު އެ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ހަމަޖައްސާފައިވަނީ އަހްމަދު މައުސޫމް އެވެ.
އޭނާއަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ ކުރިން މައުސޫމް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައިވެސް މަސައްކަތް ކުރައްވާފައެވެ.
މީގެ އިތުރުން އެ ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްކަމާއި ޑިރެކްޓަރު ކަމުގެ މަގާމަށް ވެސް ދެ ބޭފުޅުން ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ހެލްތުން ބުންޏެވެ.
ތެލަސީމިއާ ސެންޓަރަށް, ވަރަށް އަވަހަށް ފިޒީޝަނެއްގެ އިތުރުން އެތަނަށް މި ވަގުތަށް ބޭނުންވާ ފަސް ނަރުހުން ވެސް ހަމަޖައްސާނެ ކަމަށް ހެލްތުން ބުންޏެވެ. އަދި އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ޙައްލުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.