މިއަދުން ފެށިގެން މާދަމާގެ ނިޔަލަަށް ފިލިޕީންސްގެ މަނީލާގައި ބޭއްވޭ ހަތް ވަނަ ގްލޯބަލް މިނިސްޓީރިއަލް ސަމިޓް ފޯ ޕޭޝަންޓް ސޭފްޓީގައި ސިއްޚަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.
ފިލިޕީންސްގެ ޞިއްޙަތާބެހޭ ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ މި ސަމިޓަކީ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ މަސައްކަތްތައް ހަރުދަނާކުރުމަށް ޓަކައި ދުނިޔޭގެ ޞިއްޙީ ދާއިރާގެ އިސްވެރިންނާއި، މާހިރުންނާއި، މަޞްލަޙަތުވެރިން އެއްތަނަކަށް ޖަމާކުރާ ބައްދަލުވުމެއް ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މި ހަރަކާތުން ވަޒީރުންނާއި ޞިއްޙީ ދާއިރާގެ ފަންނީ މާހިރުންނަށް ގްލޯބަލް ޕޭޝަންޓް ސޭފްޓީ އެކްޝަން ޕްލޭން (ޖީޕީއެސްއޭޕީ) 2021 އާއި 2030 ގެ ކުރިއެރުން ވަޒަންކުރުމާއި، ބަލި މީހުންގެ ރައްކާތެރިކަމުގެ އިސްކަންދޭ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، މުހިންމު ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ސްޓްރެޓެޖީތައް ދިރާސާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އަދި މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، ޕްރައިމަރީ އަދި އެމްބިއުލޭޓަރީ ކެއާ ބަލިމީހުންގެ ބައިވެރިވުމާއި، ބަލި ދެނެގަތުމުގެ ރައްކާތެރިކަން ފަދަ ކުރިމަތިވަމުންދާ ދުނިޔޭގެ މައްސަލަތަކުން ޞިއްޙީ ނިޒާމުތަކަށް ކުރާ އަސަރުތައް ވެސް މި ސަމިޓުގައި ފާހަގަކުރެވިގެންދާނެ ކަމަށް މިނިސްޓްރީއިން ބުނެއެެވެ.
މި ސަމިޓުގައި ވަޒީރު ނާޒިމް، މުހިންމު ޞިއްޙީ ޖަމްޢިއްޔާތަކާއި ބައިނަލްއަޤްވާމީ ބައިވެރިންނާ ބައްދަލުކުރައްވައި، ބަލިމީހުންގެ ރައްކާތެރިކަމުގެ މަސައްކަތްތައް ކުރިއެރުވުމަށް އެއްބާރުލުން ދެވިދާނެ ދާއިރާތައް ދެނެގަތުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ރާއްޖެއިން ވަނީ ރައްކާތެރިކަމުގެ ސަގާފަތެއް ކުރިއެރުވުމަށާއި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހިންގާ ޤައުމީ ޕްރޮގްރާމްތަކުގެ ތެރެއިން ބަލިމީހުންގެ ރައްކާތެރިކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމަށް އަޒުމު ކަނޑައަޅާފައެވެ.
މި މުހިންމު އިސްނެގުންތަކުގެ ތެރޭގައި ބަލިމީހުންގެ ރައްކާތެރިކަމުގެ ޕްރޮގްރާމާއި، ހޮސްޕިޓަލުތަކުގައި ފެންވަރު ރަނގަޅުކުރުމާއި ތަރައްޤީކުރުމުގެ (ކިއުއައިޑީ) ޔުނިޓުތައް ޤާއިމުކުރުމާއި، އަދި 178 ޞިއްޙީ މަރުކަޒުތަކުގައި ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭ ފޯކަލް ޕޮއިންޓުތައް ޢައްޔަންކުރަން ވަނީ ހިމަނާފައެވެ.
އަދި ބަލިމީހުންނަށް ދެވޭ ފަރުވާ އިތުރަށް ހަރުދަނާކުރުމަށް ޓަކައި، ބަލިމީހުންގެ ރައްކާތެރިކަމުގެ އޮނިގަނޑަކާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި އިންފެކްޝަން ކޮންޓްރޯލްކުރުމާއި ހުއްޓުވުމަށް (އައިޕީސީ) ޤައުމީ އުޞޫލުތަކެއް ވަނީ ތަންފީޒުކޮށްފައެވެ.