ގަނެގެން ތިކަނީ ކިހާ މުޑުދާރުކޮށް ހަދާ އެއްޗެއްކަން އެނގޭތަ؟

އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިން: ގަވައިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ބިދޭސީންތަކެއް ހޯދައިފައިވޭ -- ފޮޓޯ/ އިމިގްރޭޝަން

ކަންމަތީ ފިހާރައަކުން 10 ރުފިޔާއަށް ގަނެގެން ތި ކާލާ ގުޅަ ޕެކެޓް އަނގަޔަށް ކިތަންމެ މީރު ނަމަވެސް ތިއީ ކޮންތާކު، ކާކު، ކިހިނެއް ތައްޔާރު ކުރި އެއްޗެއްކަން އެނގޭ ހެއްޔެވެ؟ ފުރަތަމަ ތި ވިޔަފާރި ފެށިގެން އައިއިރު އެ މަސައްކަތް ވަރަށް ކުރާ ހިތުން ދިވެހީން ކުރަމުން އައި ނަމަވެސް އެހެން ވިޔަފާރިތަކެކޭ އެއްގޮތަށް ބިދޭސީން ފަހުން އޭގެ ކޮންޓްރޯލް ނެގި ވާހަކަ ދެކެވުނެވެ. އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންތަކުގައި އެކަމުގެ ހެކިތައް މިދަނީ ފެންނަމުންނެވެ.

އިއްޔެ އިމިގްރޭޝަނުން އާއްމު ކުރި ފޮޓޯތަކަށް ބަލާއިރު ފެންނަނީ މާލޭގައި ހުރި ދިރިނޫޅެވޭ ވަރަށް ބާވެފައިވާ އިމާރާތެއްގައި ގިނަ އަދަދެއްގެ ކާބޯތަކެތި އުފައްދަމުން ދިޔަތަނެވެ. ވަރަށް މުޑުދާރުކޮށް ހުރި އެ ތަނުގައި ދިޔައީ ކުދި ގުޅަ އާއި ތެލުލި ފަތުގެ އިތުރުން އެކިއެކި ކާޖާ އާއި ކިއްލި ފަދަ ތަކެތި ތައްޔާރުކޮށް، ޕެކެޓް ކުރަމުންނެވެ. އެ ތަކެތި ވިއްކަމުން ދަނީ ރަށުތެރޭގައި ހިންގާ ފިހާރަތަކާއި ޓޭކްއަވޭ ތަންތަނުގައި ބަހައްޓައިގެންނެވެ.

އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިން: ގަވައިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ބިދޭސީންތަކެއް ހޯދައިފައިވޭ -- ފޮޓޯ/ އިމިގްރޭޝަން

ޕެކެޓްކޮށްފަޔާއި ނުކޮށް ހުންނަ، އެކިއެކި ހެދިކާތަކާއި ތެލުލި ފަތާއި ކިއްލިއާއި މަސްމިރުހާއި ކޮށި ފޯއް ފަދަ ތަކެއްޗަކީ މީހުން ވަރަށް ގިނައިން ގަނެ، ކައިހަދާ އެއްޗެއްސެވެ. އެހެންވެ ވިއްކުމަށްޓަކައި އެފަދަ ތަކެތި އުފައްދާ ގިނަ ބަޔަކު ވެސް އުޅެއެވެ. އޭގެ ތެރޭގައި ދިވެހީން ވެސް ހިމެނެއެވެ. ގޭގައި ތިބެގެން އާމްދަނީއެއް ހޯދުމަށް ގިނަ ދިވެހީންތަކެއް އެ މަސައްކަތް ކުރި ޒަމާނެއް ވެސް ދިޔައެވެ. ނަމަވެސް ފަހުން ވީ ގޮތަކީ އެ މަސައްކަތް ކުރާއިރު އެހީތެރިއަކަށް ގެންގުޅެން ގެނައި ބިދޭސީ މީހާއަށް އެކަމުގައި ހުރި ފައިދާ ފެނި އެ މީހުން އަމިއްލައަށް އެ ވިޔަފާރީގެ ތެރެއަށް ވަނީއެވެ.

ގޭގޭގައި ތައްޔާރުކޮށް ބާޒާރަށް ނެރޭ ކާބޯތަކެތި އުފެއްދުމުގައި އުސޫލުތަކެއް ރާއްޖޭގައި ވެސް ކަނޑައަޅާފައި ހުރެއެވެ. އޭގެ ތެރޭގައި ސާފުތާހިރުކަމުގެ މިންގަނޑަށް ބެލުން ލާޒިމް ކޮށްފައި ހުރެއެވެ. ނަމަވެސް ރާއްޖޭގައި ގިނަ ގާނޫނުތަކާއި ގަވާއިދުތަކަކީ ތަންފީޒު ނުވާ އެއްޗަކަށް ވާތީ މިކަން ވެސް މިއޮތީ އެގޮތަށެވެ. އޭގެ ގެއްލުން މި ކުރަނީ އާއްމުންގެ ސިއްހަތަކަށެވެ.

ކާބޯތަކެއްޗަކީ ވަކި އުސޫލުތަކެއްގެ ތެރެއިން އުފައްދަން ޖެހޭ އެއްޗެކެވެ. އެތަކެތި ތައްޔާރު ކުރާ ތަންތަނުގައި ވަކި މިންގަނޑުތަކެއް ހުންނަން ޖެހެއެވެ. އޭގެ ތެރޭގައި ސާފުތާހިރުކަމާއި ފިނިހޫނުމިން ހިމެނެއެވެ. އަދި އެތަކެތި ތައްޔާރު ކުރާ މީހުން ވެސް ތިބެންވާނީ ސާފުތާހީރުވެ، ރީތިކޮށް ހެނދުން އަޅައިގެންނެވެ. ދާހިތްލައި ފޯވެ ހުރެ، އިރުއިރިކޮޅާ އަނދެގެން ހުރި މުންޑުގައި އަތްފޮހެލައި އަނެއްކާ އެ އަތުން ކާބޯތަކެތި ހެދުމަކީ އެކަން ކުރަން ވާނެ ގޮތެއް ނޫނެވެ. އަދި ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ އެއްޗެއްސަކީ ވެސް ވަކި މިންގަނޑަކަށް ރައްކާކޮށް ބަހައްޓަން ޖެހޭ އެއްޗެކެވެ.

އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިން: ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ބައެއް ތަންތަން ހުރީ ވަރަށް މުޑުދާރުކޮށް -- ފޮޓޯ/ އިމިގްރޭޝަން

ފިހާރަތަކުގައި ބަހައްޓައިގެން ވިއްކާ ކާބޯތަކެތީގެ އިތުރުން މާލޭގައި ހިންގާ ގިނަ ކެފޭ އާއި ހޮޓާތަކަށް ބެލި ނަމަވެސް ސާފުތާހިރުކަން ވަރަށް ކުޑަކަން ފާހަގަ ކުރެވެއެވެ. ކާބޯތަކެތި އުފައްދަން ތިބޭ މީހުން ތިބެނީ އެހާ ސާފުތާހިރު ކޮށެއް ނޫނެވެ. އަދި ކާބޯތަކެތި އުފައްދަން ބޭނުން ކުރާ ތަކެތި ރައްކާކޮށް، ގެންގުޅެނީ ސާފުތާހިރުކަން ވަރަށް ދަށް ކޮށެވެ. ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލާފައި އޮތުމުން އެ މީހުން ބޭނުން ގޮތެއް ހަދަނީއެވެ. މިއީ ސިއްހީ އެތައް ނުރައްކަލަކަށް މީހުން ހުށަހެޅޭ ކަމެކެވެ.

ސިއްހީ ނުރައްކަލެއް، މުއައްސަސާތައް ކޮބާ؟

ރާއްޖޭގައި މިހާރު ވެސް އެންމެ ގިނަ މީހުން މަރުވާ އެއް ސަބަބަކީ ގައިން ގަޔަށް ނާރާ ބަލިތަކެވެ. އޭގެ ތެރޭގައި ހިތުގެ ބައްޔާއި ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ހިމެނެއެވެ. ހަކުރު ބަލި ޖެހުމާއި ކޮލެސްޓްރޯލް މަތިވުންފަދަ މައްސަލަތަކަކީ ވެސް ދިވެހީންގެ މެދުގައި އާއްމު ކަންކަމެވެ. ގަޑުބަޑުކޮށްފައި ހުންނަ ސާފުތާހިރުނޫން ކާބޯތަކެތި ކެއުމަކީ އޭގެ ސަބަބަކަށް ވެދާނެއެވެ.

ސިއްހީ ދިރާސާތަކަށް ބަލާއިރު ގެއްލުން ހުރި ބެކްޓީރިއާ، ވައިރަސް، ނުވަތަ ޕެރަސައިޓުން ތަޣައްޔަރުވެފައިވާ ކާނާ ކެއުމުން ތަފާތު ބަލިތައް ފެތުރެއެވެ. ގިނަ ފަހަރަށް އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮޑުލުން، ބޭރަށްހިންގުން، ބަނޑުގައި ރިހުން، އަދި ހުމުގެ އަސަރު ހިމެނެއެވެ. ސާފު ތާހިރުކަން ދަށް ކާނާ ގިނަ ދުވަސް މަތިން ކެއުމަކީ ކިޑްނީ ފެއިލްވުމާއި، ދިގުމުއްދަތަކަށް އާތުރައިޓިސް، އަދި ސިކުނޑިއާއި ނާރުތަކަށް ގެއްލުން ލިބުންފަދަ ބޮޑެތި ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމެކެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށް މިކަމުގެ އަސަރު ބޮޑަށްކޮށް، އެކިއެކި ބަލިތައް ޖެހުން އެކަށީގެންވެއެވެ.

މިކަމުގެ ނުރައްކާ މިހާ ބޮޑަށް އިތުރުވީ ގާނޫނާއި ގަވާއިދު ތަންފީޒު ނުކުރެވުމުގެ ސަބަބުންނެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ ހަވާލުކޮށް، "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ"ގެ ނަމުގައި ހެލްތު މިނިސްޓްރީގެ ދަށުން އިދާރާއެއް ހިންގާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެން ހިންގާ އެ އިދާރާއިން ދޭތެރެ ދޭތެރެއިން އޮޕަރޭޝަންތައް ހިންގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ޗެކްކޮށް، ފިޔަވަޅު އަޅައިވެސް ހަދައެވެ. ނަމަވެސް ތަފާތު ގިނަ ސަބަބުތަކާ ހުރެ އަސްލު މައްސަލަ އަދިވެސް އޮތީ ހައްލުނެއެވެ.

ބިދޭސީންތަކެއް ސާފުތާހިރުކަން ކުޑަކޮށް ތަކެތި އުފައްދަނީ: މިކަން އެންމެނަށް އެނގި އޮތީ ނުހުއްޓުވި-- ފޮޓޯ: އިމިގްރޭޝަން

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގެ ތަފްސީލު މި ރިޕޯޓަށް ހޯދުމަށް ހެލްތުގެ މީޑިއާ އޮފިޝަލަށް ގުޅައި މެސެޖު ކުރި ނަމަވެސް އަދި މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.

ކާބޯތަކެތި ރައްކާތެރިކަމުގެ ބިލް މަޖިލީހުން ފާސްކޮށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ މޭ މަހުގެ 23 ވަނަ ދުވަހު އެ ބިލް ތަސްދީގު ވެސް ކުރައްވައިފައެވެ. މި ގާނޫނަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި ކާބޯތަކެތިކަން ކަށަވަރުކުރުމަށް ބާރު އަޅައި ގާނޫނެކެވެ. އަދި ސިއްހަތަށް ފައިދާހުރި، އަދި އާންމު ސިއްހަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށް ޓަކައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި، ރައްކާތެރިކަން ދެމެހެއްޓުމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ހަދާފައިވާ ގާނޫނެކެވެ.

މީގެ އިތުރުން މި ގާނޫނުގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައާއި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާނެއެވެ. އަދި ކާބޯތަކެއްޗަކީ، އިންސާނުން ބޭނުންކުރުމަށް ސިއްހީގޮތުން އެކަށީގެންވާ ރައްކާތެރި ތަކެތި ކަމުގައި ހެދުމަށް ޓަކައި ކަނޑައަޅަންޖެހޭ އެ ނޫން ވެސް އުސޫލުތަކާއި މިންގަނޑުތައް ހިމެނެއެވެ. އެގޮތުން، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ އަދި ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ.

މި ގާނޫނަށް މި މަހުގެ 24 އިން ފެށިގެން އަމަލު ކުރަން ފަށާނެއެވެ. ހެޔޮ ބަދަލަކަށް އުއްމީދު ކުރެވިދާނެއެވެ. ނަމަވެސް ރާއްޖެއަށް ކުރިމަތި ވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ގާނޫނު ނެތުމެއް ނޫނެވެ. މައްސަލައަކީ ގާނޫނު ތަންފީޒު ނުވުމެވެ.

ފޮޓޯތައް ފެނި ފަކުރު ނުގަންނަ އެކަކު ވެސް ނެތެވެ. އަދި މިކަން މިވަރަށް ހިނގާކަން ނޭނގޭ މީހަކު އަދި މުއައްސަސާއެއް ވެސް ނެތެވެ. ނަމަވެސް ނުހުއްޓުވިއޮތީ އިހުމާލުތަކުގެ ސަބަބުންނެވެ. އެ ކަމުގެ ގެއްލުން ވަނީ އާއްމުންގެ ސިއްހަތަކަށެވެ. ދެން ވެސް ކުރަންވީ ކަމަކީ މިކަންކަން ހުއްޓުވުމެވެ.

comment ކޮމެންޓް