ބައިލައްކަ ރުފިޔާގެ މުސާރައެއްގައި، އެމްއެމްއޭއަށް ފަސް އެމްޑީން ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި

އެމްއެމްއޭ: ބައިލައްކަ ރުފިޔާގެ މުސާރައެއްގައި، އެމްއެމްއޭއަށް ފަސް އެމްޑީން ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި --- ސަން ފޮޓޯ/ ނާއިޝް ނާހިދު

ބައި ލައްކަ ރުފިޔާގެ މުސާރައެއްގައި މަރުކަޒީ ބޭންކް، އެމްއެމްއޭއަށް އަނެއްކާވެސް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން އިއުލާނުކޮށްފިއެވެ.

އެމްއެމްއޭއިން މިދިޔަ މަހު އަށެއްގައި ވެސް އެ އޮތޯރިޓީއަށް ފަސް އެމްޑީން ހޯދަން އިއުލާނުކުރިއެވެ.

އެކަމާ ގުޅުވައި މިއަދު އެމްއެމްއޭއިން ކުރި އިއުލާނެއްގައި ބުނީ، އެ އޮތޯރިޓީން އޭރު ކުރި އިއުލާނަށް އެކަށީގެންވާ އަދަދަކަށް ޝަރުތުހަމަވާ އެޕްލިކޭޝަން ލިބިފައެއް ނެތް ކަމަށެވެ. އެހެންވެ، އޭރު ކުރި އިއުލާނު ބާތިލުކޮށް، ޓާމްސް އޮފް ރިފަރެންސަށް ބަދަލު ގެނެސް އެމަގާމުތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް އަލުން ހުޅުވާލާފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްޑީން ހޯދަން އިއުލާނުކޮށްފައިވާ ދާއިރާތައް:

  • މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް
  • ފައިނޭންޝަލް ސްޓެބިލިޓީ
  • ބޭންކިން އޮޕަރޭޝަންސް
  • ކޯޕަރޭޓް ސާވިސަސް
  • ފައިނޭންޝަލް ސެކްޓާ ޑިވަލަޕްމަންޓު

އެމްއެމްއޭ: ބައިލައްކަ ރުފިޔާގެ މުސާރައެއްގައި، އެމްއެމްއޭއަށް ފަސް އެމްޑީން ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި --- ސަން ފޮޓޯ/ ނާއިޝް ނާހިދު

އެގޮތުން، އެ ބެންކުން ބުނެފައިވާ ގޮތުގައި، މިމަގާމުތަކުގެ މުއްދަތަކީ ފަސް އަހަރު ކަމަށާއި އެ ފަރާތެއްގެ މަސައްކަތަށް ބެލުމަށްފަހު އިތުރު ދައުރެއް ހަމަޖައްސާނެ ކަމަށެވެ. އެމްއެމްއޭއަށް ހޯދަން އިއުލާނުކޮށްފައިވާ ފަސް އެމްޑީންގެ މުސާރައާއި އިނާޔަތްތަކަކީ 50،000 ރުފިޔާއާއި 55،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށް އެ ބެންކުގެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، މި މަގާމުތަކަށް ކުރިމަތި ލުމަށް ބޭނުންވާ ފަރާތްތަކަށް އެމްއެމްއޭގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭއިރު، އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އަކީ މިމަހުގެ 17ވަނަ ދުވަހުގެ 13:00އަށެވެ.

މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާސްކްރިޕްޓްގެ ކޮޕީ (އެސެޓްކޮށްފައި)
  • ވަޒީފާއެއްގައި އުޅެފައި ނުވަތަ އުޅެމުން އަންނަ ފަރާތެއް ނަމަ ވަޒީފާ އަދާކުރާ ތަން ނުވަތަ އަދާކުރި ތަނުގެ ރަސްމީ ލިޔުން
  • ދައުލަތުގެ އިދާރާއަކަށް ޚިދުމަތް ކުރަންޖެހިފައިވާނަމަ، އެ އިދާރާއަކުން އެމްއެމްއޭގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ލިޔުން

އެމްއެމްއޭއިން ބުނީ، ވަޒީފާތަކަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުން ގަޑި ހަމަވާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ހަތް ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ދައުވަތު ދޭނެ ކަމަށެވެ.

އަދި، ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި ބަލާނީ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާގެ އިތުރުން، އިންޓަވިއު އެސެސްމަންޓުގެ ނަތީޖާއަށް ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް