ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފި

އެމްޑަބްލިއުއުއެސްސީން ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާ ކުރެވޭނެ ތާނގީއެއް ބެހެއްޓުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައި -- ފޮޓޯ/ އެމްޑަބްލިއުއެސްސީ

މާލެ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ)ން ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާ ކުރެވޭ ތާނގީއެއް ބެހެއްޓުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީން މި މަސައްކަތް ފެށީ އެ ކުންފުނީގެ "ވޯޓާ ސެކިއުރިޓީ ޕްލޭން"ގެ ދަށުންނެވެ.

އެމްޑަބްލިޔުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ތާނގީ ބެހެއްޓުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. ޢަބްދުﷲ މުއްޠަލިބާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު، ޢަބްދުލް މަތީން މުޙައްމަދެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު: ވިދާޅުވީ މި މަޝްރޫއާ އެކު ހުޅުމާލޭގައި ރައްކާ ކުރެވޭ ފެނުގެ ކެޕޭސިޓީ 80 އިންސައްތައަށްވުރެ އިތުރުވާނެ ކަމަށެވެ.

އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން އަމިއްލައަށް ރާވައި ބަހައްޓާ މި ތާނގީއަކީ، މިހާތަނަށް ބެހެއްޓޭ އެންމެ ބޮޑު ތާނގީ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި ތާނގީ ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދަނީ ދިވެހި މުވައްޒަފުންކަން ވެސް އެ ކުންފުނިންވަނީ ފާހަގަކޮށްފައެވެ.

އެ ތާނގީގެ މަސައްކަތްތައް ނިމުމާއެކު ހުޅުމާލޭގައި ފެން ރައްކާ ކުރެވޭ މިންވަރު 22،000 ޓަނަށް އިތުރުވާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެ މަޝްރޫއު އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ނިންމުމަށް ތާވަލުކޮށްފައިވާއިރު، މި ކަމަށް ޖުމްލަ 34.7 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އެމްޑަބްލިއުއެސްސީން އަންދާޒާ ކުރެއެވެ. މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގައި ފެން ރައްކާ ކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް، އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާ ކުރެވޭ ތާނގީއެއް ބެހެއްޓުމުގެ މަޝްރޫއު ޢަމަލީ ގޮތުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްޑަބްލިއުއެސްސީ

ގްރޭޓާ މާލޭ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިއުއެސްސީއިން، ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަޙައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ވަނީ ގާއިމްކޮށްފައެވެ.

އެ ގޮތުން ސިނަމާލެ ބުރިޖު މެދުވެރިކޮށް، އެ ކުންފުނިން އަޅާފައިވާ ފެންހޮޅީގެ ޒަރިއްޔާއިން، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅައިލުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތައް ގާއިމްކުރުމުގެ މަސައްކަތްތަކުގެ އިތުރުން، މާލޭގެ 378 ނަންބަރު ކޮށީގައި ފެން ރައްކާ ކުރާ އިތުރު ދެ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެންނަށް ވެސް ފޯރުކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް