މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަން ޒުވާނުން މަސައްކަތް ކުރަންޖެހޭ: ސިޔާމް

އެމްޑީއޭގެ ރައީސް އަދި ރ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު: ގައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ޚިތާބުގައި ގޮވައިލެއްވީ ގައުމުގެ އިގްތިސާދު ދެމެއްޓުމަށް ހުރިހާ ދިވެހީން އެއްބާރުލުން ދިނުމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށާއި، ދެމެހެއްޓެނިވި އަދި ފުދުންތެރި އިގްތިސާދެއް ގާއިމްކުރުމަށް ޓަކައި، ޒުވާނުން މަސައްކަތް ކުރަން ޖެހޭ ކަމަށް މޯލްޑިވްސް ޑިވަލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ، ގައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށާއި އެމްޑީއޭގެ މެންބަރުންނަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވަމުންނެވެ.

އެ ޚިތާބުގައިވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށާއި، ދެމެހެއްޓެނިވި އަދި ފުދުންތެރި އިގުތިސާދެއް ގާއިމްކުރުމަށް ޓަކައި، ގައުމުގެ އެންމެހައި ޒުވާނުން މިއަދު ކަމަރުބަނދެ، އާ ހިތްވަރަކާއި ފޯރިއަކާއި އަޒުމަކާއެކު މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ. އަދި މިއީ ގައުމީ ވާޖިބެއްކަމުގައި ދެކި، ކޮންމެ ދިވެއްސަކު ވެސް މި މަތިވެރި މަގުސަދު ހާސިލު ކުރުމަށް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެ ޚިތާބުގައިވަނީ ގައުމީ ދުވަސް އެ ބަތަލަކަށް ޓަކައި ޚާއްސަވާ އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް ޢައުޒަމް ސިރީ ސާވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު)އާއި އެ މަނިކުފާނާއެކު ރާއްޖޭގެ މިނިވަންކަމަށް މަސައްކަތް ކުރެއްވި އެންމެހާ އަބުތާލުންގެ ހަނދާން އައުކޮށް، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ޕޯޗުގީޒުންގެ އަނިޔާވެރިކަމުގެ ދަށުގައި 15 އަހަރާއި ހަ މަސް ދުވަސް ހޭދަ ކުރުމަށްފަހު، ދިވެހީންނަށް މިނިވަންކަން ލިބުނުއިރު، ދިވެހީން ތިބީ ވަރަށް ވެސް ނިކަމެތި ހާލެއްގައިކަން އެ ޚިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

މި ނިކަމެތި ހާލަތުން ދިވެހީން ސަލާމަތް ކުރައްވައި، އައްދައުލަތުލް މަހަލްދީބިއްޔާގެ ނަމުގައި ދައުލަތެއް އުފައްދަވައި، ދިވެހީންނަށް ހަމަޖެހުމާއި ތަރައްގީ ގެނެސްދެއްވައި، އިސްލާމީ ވަޙްދަތު ގާއިމްކުރައްވައި، ވަރުގަދަ އިގްތިސާދެއް ބިނާކުރެއްވުމަށް ކުރެއްވި ލާމަސީލު މަސައްކަތުން އިބުރަތް ހާސިލް ކުރަންޖެހޭ ކަމަށް އެ ޚިތާބުގައިވެއެވެ.

އެ ޚިތާބު ނިންމަވާލައްވައިފައިވަނީ ދިވެހީންނަށް ދާއިމީ އުފާ ފާގަތިކަން މިންވަރު ކުރައްވައި، ރާއްޖޭގެ މިނިވަންކަން ދަމަހައްޓައިދެއްވުމަށް އެދި ދުޢާ ދަންނަވަމުންނެވެ.

comment ކޮމެންޓް