ޔޫއޭއީގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް، ޒަމީރު ޔޫއޭއީއަށް

ފޮރިން މިނިސްޓަރު މޫސާ ޒަމީރު: ރަސްމީ ދަތުރެއްގައި މިނިސްޓަރު ޒަމީރު ވަނީ މިރޭ ޔޫއޭއީއަށް ފުރާވަޑައިގެންފައި --

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް މިރޭ ފުރާވަޑައިގެންފިއެވެ.

ޒަމީރު ޔޫއޭއީއަށް ކުރައްވާ މި ދަތުރަކީ، އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު ޝެއިހް އަބްދުالله ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި ދަތުރަކީ އަންނަ ބުދަ ދުވަހާ ހަމައަށް ދިގުދެމިގެންދާ ދަތުރެއް ކަމަށެވެ.

މި ދަތުރުގައި ޒަމީރު ޔޫއޭއީގެ ފޮރިން މިނިސްޓަރާއި ޔޫއޭއީ ސަރުކާރުގެ އިސް ވެރިންނާއެކު މަތީ ފަންތީގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މި ދަތުރަކީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ޒަމީރުގެ އަރިހުގައި އެމްބެސެޑާ އެޓް ލާޖް އަހުމަދު ނަސީރާއި، ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދުގެ އިތުރުން ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ.

މިދިޔަ މަހު މިނިސްޓަރު ޒަމީރު ވަނީ ސައުދީ އަރަބިއްޔާއަށް ވެސް ރަސްމީ ދަތުރެއް ކުރައްވާފައެވެ.

comment ކޮމެންޓް