މިދިޔަ މަހު ވިއްސާރައިގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ގެއްލުން

މާލޭގެ މަގެއް މަތީގައި ފެންބޮޑުވެފައި: މިދިޔަ މަހު ވިއްސާރައިގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ގެއްލުންވި ކަމަށް އެންޑީއެމްއޭއިން ބުނޭ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރައިގެ ސަބަބުން ޖުމުލަ 10 ރަށަކުން 89 ގެއަކަށް ގެއްލުންވެފައިވާ ކަމަށާއި އެ ކަމުގެ ސަބަބުން އިމާރަތަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް މިލިއަނަކަށް ވުރެ ގިނަ އަރާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.

މިދިޔަ މަހު މުޅި ރާއްޖެއަށް ވެސް ވަނީ ވަރަށް ބޮޑަށް ވިއްސާރަކޮށްފައެވެ.

އެންޑީއެމްއޭއިން މިއަދު ބުނީ، މިދިޔަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން ކުރި ވިއްސާރައިގައި ޖުމުލަ 89 ގެއަކަށް ގެއްލުންވެފައިވާ ކަމަށެވެ. އެއީ، ޖުމުލަ 10 ރަށަކުންނެވެ. އެ ގެތަކަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އަގު 1,084,169 ރުފިޔާއަށް އަރާނެ ކަމަށް ވަޒަންކުރެވިފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކަކީ:

  • ހއ.ހޯރަފުށި،
  • ހއ.އުލިގަމް،
  • ހއ.އިހަވަނދޫ،
  • ހއ.ކެލާ،
  • ހއ.ބާރަށް،
  • ހދ.ކުޅުދުއްފުށި،
  • ބ.އޭދަފުށި،
  • އއ.އުކުޅަސް،
  • ސ.ހިތަދޫ،
  • ސ.ފޭދޫ

އެންޑީއެމްއޭއިން ބުނީ، ގެއްލުން ލިބިގެން ރިޕޯޓުކުރި ރަށްރަށުގެ ގެތަކުގެ އިތުރުން މާލޭ ސަރަހައްދުގެ ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އިދާރާއިން ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ މަހު ޖުމުލަ ގޮތެއްގައި މުޅި ރާއްޖެއަށް ވެސް ވަނީ ވިއްސާރަކޮށްފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، މިހާރު ކުރަމުން އަންނަނީ ހުޅަނގު މޫސުގެ ވިއްސާރަ ކަމަށާއި ވިއްސާރަ ޑިސެމްބަރާ ހަމައަށް ދެމިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މިދިޔަ މަހު އެންމެ ބޮޑަށް ވިއްސާރަކުރީ އުތުރާއި މެދުރާއްޖެތެރެއަށެވެ. ވިއްސާރައާ ގުޅިގެން މިދިޔަ މަހުގެ 14 ވަނަ ދުވަހު ސަރުކާރު ވެސް ބަންދުކުރިއެވެ.

comment ކޮމެންޓް