ޝުވާޓެކް، ޔޫއެސް އޯޕަންގެ ކުއާޓާއަށް؛ ކުއާޓާގައި ފޯރިގަދަ މެޗުތަކެއް

އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސް އިވެންޓްގެ ކުއާޓާ ފައިނަލުން މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޕޯލަންޑްގެ އީގާ ޝްވާޓެކް ޖާގަ ހޯދައިފިއެވެ.

ކުއާޓާ ފައިނަލުން ޝްވާޓެކް ޖާގަ ހޯދާފައިވަނީ ހަތަރުވަނަ ބުރުގައި 16 ވަނައަށް ސީޑު ކުރެވިފައިވާ ލިއުޑްމިލާ ސަމްސޮނޯވާއާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ، 6-4 އަދި 6-1 އިންނެވެ.

މިއީ މި މުބާރާތުގެ ކުއާޓާއަށް ޝްވާޓެކް ދަތުރުކުރި ދެވަނަ ފަހަރެވެ. މިދިޔަ 2022 ވަނަ އަހަރު އޭނާ ވަނީ މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޝްވާޓެކް ބައްދަލުކުރާނީ ހަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާއާއެވެ. ކުއާޓާ ފައިނަލުން ޕެގޫލާ ޖާގަހޯދީ ހަތަރުވަނަ ބުރުގައި ރަޝިއާގެ ޑިއާނާ ޝްނެއިޑާއާ ބައްދަލުކުރި މެޗު 6-4 އަދި 6-2 އިން ކާމިޔާބުކޮށްގެންނެވެ.

ދެވަނައަށް ސީޑުކުރެވިފައިވާ އަރީނާ ސަބަލެންކާ ވެސް ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ. އޭނާ ކުއާޓާ ފައިނަލުން ޖާގަހޯދާފައިވަނީ 30 ވަނައަށް ސީޑުކުރެވިފައިވާ ބެލްޖިއަމްގެ އެލީސޭ މާޓެންސްއާ ބައްދަލުކުރި މެޗު 6-2 އަދި 6-4 ކާމިޔާބުކޮށްގެންނެވެ.

މިއީ އޭނާ މި މުބާރާތުގެ ކްއާޓާ ފައިނަލުން ޖެހިޖެހިގެން ޖާގަހޯދި ހަތަރުވަނަ ފަހަރެވެ. ކުއާޓާ ފައިނަލްގައި ސަބަލެންކާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ހަތްވަނައަށް ސީޑު ކުރެވިފައިވާ އެންމެ ފަހުން ބޭއްވި އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ޗެމްޕިއަން ޗައިނާގެ ގިންވެން ޒެންއާއެވެ.

ޒެން ކްއާޓާ ފައިނަލުން ޖާގަ ހޯދީ 24 ވަނައަށް ސީޑުކުރެވިފައިވާ ކްރޮއޭޝިއާގެ ޑޯނާ ވެކިޗާ ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ، 7-6، 4-6 އަދި 6-2 އިންނެވެ.

comment ކޮމެންޓް