ތަސްލީމު ގެއްލުން: ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ޖިނާއީ ތަހުގީގެއް ފަށައިފި

ގެއްލިގެން ހޯދާ ތަސްލީމު: އެ ހާދިސާއާ ގުޅިގެން ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށާފައި --

ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު މ. އަސަރީހަނދާން, ތަސްލީމް މުޙައްމަދު (43) ގެއްލުމުގެ ހާދިސާއާ ގުޅިގެން ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ރައްޓެހިންތަކަކާ އެކު ތަސްލީމް ފިނޮޅަށް ދަތުރު ދިޔައީ މިދިޔަ ހުކުރު ދުވަހުއެވެ.

އޭނާ ވީނުވީއެއް ނޭނގި ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ، ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށާފައެވެ.

އޭނާ ހޯދުމުގެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ތަސްލީމު ހޯދަން ފުލުހުންނާއި ސިފައިން ގުޅިގެން 5،000 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއް ސްނޯކްލް ކޮށްގެން ބަލާފައިވާއިރު ކަނޑު އަޑިން ޑައިވްކޮށްގެން 3،000 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ބަލައިފައެވެ.

ތަސްލީމްގެ އާއިލާ މީހަކު މީގެ ކުރިން 'ސަން'އަށް ބުނީ، ފިނޮޅުން އޭނާ ނުފެނިގެން ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު މެންދުރު 1:00 ގައި ކަމަށެވެ. އޭނާއާ އެކު ދަތުރުދިޔަ މީހުންނަށް ހޯދާ ހޯދައި ތަސްލީމު ނުފެނުނު ކަމަށް އާއިލާއިން އޭރު ބުންޏެވެ.

މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފެށި ކަމަށް ފުލުހުން ބުނި ނަމަވެސް ތުހުމަތުކުރެވޭ ކަންކަމާ ގުޅޭ ތަފުސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް