އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ތެރެއިން، އީރާނުގެ އިސްފަހާންގައި ހުންނަ ރަޝިއާގެ ކޮންސިއުލޭޓަށް ހަމަލާއެއްގެ އަސަރުކޮށް ގެއްލުންތަކެއް ލިބިއްޖެއެވެ.
ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ މިއަދު ވިދާޅުވީ، މި ހަފުތާގެ ކުރީކޮޅު ދިން ހަމަލާތަކެއްގައި ކޮންސިއުލޭޓް އިމާރާތަށް ގެއްލުންވެފައިވާ ކަމަށެވެ.
ޒަޚަރޯވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިދިޔަ އާދިއްތަ ދުވަހު އިސްފަހާން ޕްރޮވިންސްގެ ގަވަރުނަރުގެ އޮފީހަށް އަމާޒުކޮށް ދިން ހަމަލާއެއްގެ ސަބަބުން، އެ ސަރަހައްދުގައި ހުންނަ ރަޝިއާގެ ކޮންސިއުލޭޓަށް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ. މި ހަމަލާގެ ސަބަބުން ކޮންސިއުލޭޓްގެ އޮފީސް އިމާރާތާއި މުވައްޒަފުން ދިރިއުޅޭ އެޕާޓްމަންޓްތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވެއެވެ. އަދި ގޮވުމުގެ ބާރުގަދަ އަޑާއެކު އައި ލޮޅުމުގައި ބައެއް މުވައްޒަފުން ވިއްސައިގެން ދިޔަ ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާއެއް ނުވަތަ ސީރިއަސް ޒަޚަމެއް ލިބިފައި ނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ 2017 ވަނަ އަހަރު ޖަރުމަނުގައި ބައްދަލު ކުރައްވާފަ -- ފޮޓޯ: އޭޕީ
ޑިޕްލޮމެޓިކް އިމާރާތްތަކަށް ހަމަލާދިނުމަކީ ބައިނަލްއަޤުވާމީ މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަން ފާހަގަކުރައްވައި، ޒަޚަރޯވާ ވަނީ ޑިޕްލޮމެޓިކް ތަންތަނުގެ ހުރުމަތްތެރިކަން ހިފެހެއްޓުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލައްވާފައެވެ.
"ޑިޕްލޮމެޓިކް ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހުރިހާ ފަރާތްތަކެއްގެ މައްޗަށް ލާޒިމުކަމެއް،" އޭނާ ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައި މިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. މި ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
މި މައްސަލައާ ގުޅިގެން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ އަންގާރަ ދުވަހު އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ. ކްރެމްލިންއިން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށް ޕޫޓިން ގެންދަވަނީ ތަކުރާރުކޮށް ގޮވާލައްވަމުންނެވެ.