މޮސްކޯ (25 ފެބްރުއަރީ 2026) : ޔުކްރެއިންއަށް ނިއުކްލިޔާ މުޑުދާރު ބޮމެއް ދީގެން އެބޮން ރަޝިއާއާ ދެކޮޅަށް ބޭނުންކުރަން ޔޫރަޕުން މަސައްކަތް ކުރާކަމަށް ވިދާޅުވެ އެކަމުގެ ސަބަބުން މުޅި އުމުރަށް ހިތާމަ ކުރަންޖެހޭ ވަރުގެ ނަތީޖާތަކަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ރަޝިއާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން ޔޫރަޕަށް ދެއްވައިފިއެވެ.
ރަޝިއާގެ ޖާސޫސީ އިދާރާ ކޭޖީބީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ ކުރިޔާ އަޅައިބަލާއިރު ބައިނަލްއަގްވާމީ ދުނިޔެ މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެކަމުގައެވެ.
ޕޫޓިން ވިދާޅުވިގޮތުގައި ޔުކްރެއިންއަށް ހަތިޔާރާއި ވަސީލަތްތައް ދީގެން ރަޝިއާ ބަލިކުރަން ފާއިތުވި ހަތަރު އަހަރު ޔޫރަޕުން ކުރި މަސައްކަތް ކާމިޔާބު ނުވާނެކަން މިހާރު ޔޫރަޕަށް މުޅިން ޔަގީންވެފައިވާ ކަމުގައެވެ.
މިކަން ޔަގީންވުމުން ހަދާނެގޮތް ހުސްވެ ޔޫރަޕްގެ ބާރުތައް މިހާރު ރާވަނީ ޔުކްރެއިންއަށް ނިއުކްލިޔާ މުޑުދާރު ބޮމެއް (ޑާޓީ ބޮމެއް) ދީގެން އެބޮމުން ރަޝިއާއަށް ހަމަލާދޭން ކަމަށް ޕޫޓިން ތުހުމަތު ކުރެއްވިއެވެ.

ޕޫޓިން
ރަޝިއާގެ ޖާސޫސީ އިދާރާ ކޭޖީބީން އިއްޔެ ނެރުނު ބަޔާނެއްގައި ރަޝިއާ އާ ދެކޮޅަށް ބޭނުންކުރުމަށް ޓަކައި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ނިއުކްލިޔާ ޑާޓީ ބޮމެއް ދޭން ސިއްރު ރޭވުންތަކެއް ރާވަމުންދާކަމަށް ބުނެ ވަނީ ބަޔާނެއް ނެރެފައެވެ.
ނިއުކްލިޔާ ޑާޓީ ބޮމަކީ ކޮބާ؟
ނިއުކްލިޔާ ޑާޓީ ބޮމަކީ އެއްފަހަރާ ގިނަ އަދަދަކަށް މީހުން މަރާލައި އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ޚާއްސަކޮށްގެން އުފައްދާ ނޮން ނިއުކްލިޔާ ރޭޑިއޮލޮޖިކަލް ބޮމެކެވެ. މި ބޮން ގޮއްވާލުމުން ނުކުންނަ ރޭޑިއޭޝަންއަކީ ނިއުކްލިޔާ ބޮން ގޮއްވާލުމުން އުފެދޭ ނިއުކްލިޔާ ޗެއިން ރިއެކްޝަނަކުން ނޫނީ ނިއުކްލިޔާ ފިޝަން އެއްގެ ސަބަބުން ނުކުންނަ އަލްފާ ބީޓާ އަދި ގެމާ ފަދަ ނިއުކްލިޔާ ރޭޑިއޭޝަނެއް ނޫނެވެ.
ޑާޓީ ނުވަތަ މުޑުދާރު ބޮމަކީ ރޭޑިއޯލޮޖިކަލް ޑިސްޕާސަލް ޑިވައިސް އެކެވެ. އޭގެން ނުކުންނާނީ ނޮން ނިއުކްލިޔާ ރޭޑިއޮލޮޖިކަލް ރޭޝިއޭޝަން އެވެ. ޑާޓީ ބޮމުން އެއްފަހަރާ އެތައް ހާސް ބަޔަކު މަރާލެވިދާނެއެވެ.
ރިޕޯޓްތައް ބުނާގޮތުން މިބާވަތުގެ ބޮން އުފައްދަނީ ނިއުކްލިޔާ ބޮން އުފެއްދުމަށް ބޭނުންވާވަރަށް ވުރެދަށް ލެވެލްއަކަށް ފައްކާކޮށްފައިވާ ޔޫރޭނިއަމް އިންނާއި ވިހަގަދަ ޓޮކްސިކް ވޭސްޓް ބޭނުންކޮށްގެންނެވެ.
ޑާޓީ ބޮމުން އެއްފަހަރާ އެތައް ހާސްބަޔަކު މަރާލުމުގެ އިތުރުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ދެވިދާނެއެވެ. އަދި ވައި ތަޣައްޔަރުވުމުގެ ކަންތައް އެތައް މަހަކަށް ދިގުދެމިގެންދާ ވަރުގެ ބޮޑެތި ގެއްލުންތަކެއް ތިމާވެއްޓަށް ދެވިދާނެއެވެ.
ޔޫރަޕުން ޔުކްރެއިންއަށް ނިއުކްލިޔާ މުޑުދާރު ބޮމެއް ދީގެން އެބޮން ރަޝިއާއާ ދެކޮޅަށް ބޭނުންކުރަން ރާވަމުންދާ ކަމަށް ބުނެ ކޭޖީބީން ނެރުނު ރިޕޯޓާ ގުޅިގެން ވަރަށް ކޯފާވެ ވަޑައިގެން ވާހަކަ ދައްކަވަމުން ރަޝިއާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން ވިދާޅުވީ ރަޝިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ނިއުކްލިޔާ ހަތިޔާރުހުރި ނިއުކްލިޔާ ބާރުކަން ޔޫރަޕް ދަންނަން ޖެހޭނެކަމުގައެވެ.
ރަޝިއާއަށް މުޑުދާރު ބޮމަކުން ހަމަލާދޭން ރާވާ ރޭވުންތަކުގެ ފަހަތުގައި އިސްކޮށް އުޅެނީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ކަން ކޭޖީބީގެ ޖާސޫސީ ރިޕޯޓް ބުނެއެވެ.
ޕޫޓިން ވިދާޅުވިގޮތުގައި މިފަދަ ގޮތަކަށް ރަޝިއާއާ ކުޅެން އުޅެފިނަމަ އެކަމުގެ ނަތީޖާ އަކަށްވާނީ ކޮންކަމެއްކަމާއި އެފަދަ އަމަލެއް ރަޝިއާ ދެކޮޅަށް ހިންގުމުގައި ކިރިޔާވެސް ބައިވެރިވެއްޖެނަމަ މުޅި އުމުރަށް ހިތާމަކުރަން ޖެހޭވަރުގެ ބިރުވެރިކަންތައްތަކަކާ ކުރިމަތިލާން ޖެހޭނެކަން ޔޫރަޕާ އަދި ޚާއްސަކޮށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ދަންނަން ޖެހޭނެކަމުގައެވެ.
ޕޫޓިން މިމޭރުމުން ވާހަކަ ދެއްކެވީ ޔުކްރެއިން ހަނގުރާމަ ފެށުނުތާ 4 އަހަރު ފުރުމާ ގުޅިގެން ދެއްވި ޚިތާބެއްގައެވެ.