ކުށެއް ކުރުމުގެ ކުރިން ޓެކްނޮލޮޖީ ބޭނުންކޮށްގެން، ފުލުހުންނަށް އެކަން ހުއްޓުވެން ޖެހޭ: ސީޕީ

ޕޮލިސް ކޮމިޝަނަރު، އަލީ ޝުޖާއު: ވިދާޅުވީ ކުށެއް ކުރުމުގެ ޓެކްނޮލޮޖީއާ އޭއައި ބޭނުންކޮށްގެން، އެކަން ހުއްޓުވޭނެ ގާބިލްކަން ފުލުހުންގެ ހުންނަންޖެހޭ -- ސަން ފޮޓޯ/ މޫސާ ނަދީމް

ކުށެއް ކުރުމުގެ ކުރިން ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އެކަމެއް ހުއްޓުމުގެ ގާބިލްކަން ފުލުހުންގެ ހުންނަން ޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ސީޕީ ޝުޖާއު މިހެން ވިދާޅުވީ، ފުލުހުންގެ ޚިދުމަތުން ވަކި މުއައްސަސާއެއްގެ ގޮތުގައި ޚިދުމަތް ދޭންފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއަދަކީ ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާގެ ޒަމާންކަމަށްވާއިރު، މަގުމަތީގައި ހުންނަ ކޮންމެ ފުލުހެއްގެ އެތައް ދިމާލަކުން މަންޒަރުތައް ނަގާނެކަން އެނގޭ ކަމަށާއި އެއީ އެކަން އޮންނާނެ ގޮތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެ ޚިދުމަތުން ފުލުހުންގެ ތަމްރީނުތައް ބައްޓަން ކުރަނީ ކޮންމެ ދުވަހަކު ނެގޭ ފުލުހުންގެ މަންޒަރުތަކުގައި ތަހުޒީބު ފުލުހުންގެ ސިފަތައް ހުންނާނެ ބަޔަކަށް ހެދުމަށް ކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތަކަށް ސީޕީ ހަނދާނީ ފިލާ ހަވާލު ކުރައްވަނީ --- ފޮޓޯ/ ފުލުހުން

މީގެއިތުރުން، ފުލުހުންގެ ޚިދުމަތުން ވަރަށް ބައިވަރު މަސައްކަތްތައް ކުރަން ޖެހޭ ކަން ފަހަގަކުރައްވައި، ޝުޖާއު ވިދާޅުވީ ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކަށް ފުލުހުން ތައްޔާރުކުރަން ޖެހޭ ކަމަށާއި މަސްތުވާތަކެއްޗާއި ކުށްކުރާ ގުރޫޕުތަކުގެ ނުރައްކަލުން ސަލަމާތްކުރުމަށް ޓަކައި 'ތަފާތު' ގޮތަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، ގައުމުގައި ހިނގާ ބޮޑެތި ކުށްތައް ތަހުގީގު ކުރުމުގައި ފުލުހުން މިހާރަށް ވުރެ 'ކުޅަދާނަ' ވާން ޖެހޭ ކަމަށާއި ޓެރަރިޒަމާއި ފައިނޭންޝިއަލް މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންގެ ކެޕޭސިޓީ އެތައް ގުނައަކަށް އިތުރު ކުރަން ޖެހޭ ކަމަށެވެ.

ފުލުހުންގެ މަސައްކަތުގައި ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކުށެއް ކުރުމުގެ ކުރިން އެކަމެއް ހުއްޓުވުމުގެ ގާބިލްކަން ފުލުހުންނަށް ލައިދޭން އެބަ ޖެހޭ. މިދެންނެވި ވަސީލަތްތައް މިއަދުގެ ސަރުކާރުން ފުލުހުންނަށް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ދެއްވާފައި

އެއާއެކު، ފާއިތުވި 20 އަހަރުގެ ތެރޭގައި ރާއްޖެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ފުލުހުން ރެޔާއި ދުވާލު ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ރައްޔިތުން ގަބޫލުކުރައްވާނެކަން ޔަގީންކުރައްވާކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ފުލުހުން

އެގޮތުން، ކުށްކުރާ ފަރާތްތަކުގެ މިލްކަކަށް މި ފަސްގަނޑު ވިޔަނުދިނުމަށްޓަކައި ފުލުހުންގެ ލެޔާއި ފުރާނައިން އަގު ދައްކާފައިވާކަމަށް ވެސް ރައްޔިތުން ހެކިވާނެ ކަމުގައި ސީޕީ ވިދާޅުވެފައިވެއެވެ.

ޝަހީދު އާދަމް ހަލީމާއި ޝަހީދު އަލީ ނާޒިމާއި ޝަހީދު މިސްބާހު އަބްދުﷲ އަދި ޑިއުޓީ އަދާކުރުމުގައި ބޮޑެތި އަނިޔާތައް ލިބިފައިވާ އެތައް ފުލުހުންނެއް ރައްޔިތުންގެ ފުރާނައާއި މުދާ ހިމާޔަތްކުރުމަށްޓަކައި ގުރުބާންވެފައިވާކަން މި ކުރު މާޒީގައި ފެންނަންހުރި ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި، ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށް ހަނދާނީ ފިލާ ދީފައިވެއެވެ.

comment ކޮމެންޓް