ބަންގްލަދޭޝްގައި ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ ބިރު ބޮޑުވެއްޖެ

ބަންގްލަދޭޝްގައި ފެންބޮޑުވެފައި، ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފެތުރުމުގެ ބިރު ބޮޑު ކަމަށް ކަމާބެހޭ އޮފިޝަލުން ބުނޭ. ފޮޓޯ/ރޮއިޓާސް

ބަންގްލަދޭޝްގައި ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފެތުރުމުގެ ބިރު ބޮޑުވެއްޖެއެވެ.
އެ ގައުމުގައި އެންމެ ފަހުން މިދިޔަ ހަފްތާ ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި 54 މީހުން މަރުވެފައިވާއިރު، މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ހާލުގައިޖެހިފައެވެ. އެމީހުންނަށް ބޭނުންވާނެ ކާނާއާއި ސާފު ފެނާއި ބޭހާއި އަންނައުނު ލިބުން ވެސް ވަނީ ދަތިވެފައެވެ.

ބަންގްލަދޭޝްގެ މޫސުމާބެހޭ އިދާރާއިން ބުނީ ފެންގަނޑު މަޑުން މަޑުން ހިނދެމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރަށް ވާރޭ ވެހޭނަމަ، ފެންބޮޑުވުން އެކަށީގެންވާ ކަމަށެވެ.

ފެންގަނޑު ހިނދޭވަރަކަށް ބަލިމަޑުކަމުގެ ނުރައްކާ އެބަ އޮތް ކަމަށާއި ސާފު ފެން ފޯރުކޮށްނުދެއްވިޖެނަމަ، ފެނުންޖެހޭ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްކާތެރި ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް،" އޮފިޝަލް ވިދާޅުވިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފެނުން ޖެހޭ ބަލިތަކުގެ ސަބަބުން ގާތްގަނޑަކަށް 3،000 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ޑިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސާވިސަސްއިން ބުނެއެވެ.

"ހުރިހާ ތަނެއްގައި ފެން ހުރި ނަމަވެސް ސާފު ބޯ ފެނެއް ނެތް. މީހުން ބަލިވަމުން އަންނަނީ." އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސަރަހައްދު، ލަކްޝްމީޕޫރުގެ ރައްޔިތެއް ކަމަށްވާ ފަރީދު އަހުމަދު ބުންޏެވެ.

ފެންބޮޑުވި 11 ސަހަރަހައްދެއްގެ 3،300 ވަގުތީ ހިޔާއެއްގައި ގާތްގަނޑަކަށް 470،000 މީހުން ހިމާޔަތް ހޯދާފައިވާއިރު، ގާތްގަނޑަކަށް 600 މީހުންގެ މެޑިކަލް ޓީމަކުން ވަނީ އެމީހުންނަށް ފަރުވާ ދިނުމުގައި އެހީތެރިވެދީފައެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ސިފައިންނާއި ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިންނާއި ބޯޑަރު ގާޑުން ވަނީ އެހީތެރިވެދީފައެވެ.

ބަންގްލަދޭޝްގެ އިރުމަތީ ސަރަހައްދުތަކަށް 30 އަހަރު ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ފެންބޮޑުވުމުގެ ހާދިސާގައި ދެ މިލިއަން ކުޑަކުދިންނަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އދ. ކުޑަކުދިންނާބެހޭ ޖަމިއްޔާއިން ބުނެއެވެ. އެކަމަށް އެހީތެރިވުމަށް 35 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އެ ޖަމުއިއްޔާއިން ބުނެއެވެ.

ބަންގްލަދޭޝަށް ވިއްސާރަ މޫސުމުގައި އާދަޔާ ޚިލާފަށް ގިނައިން ވާރޭވެހުމާ ގުޅިގެން ކޯރުތަކުގެ ކައިރީގައި ދިރިއުޅޭ 3.5 މިލިޔަނެއްހާ މީހުންގެ ފުރާނައަށް ނުރައްކާވާނެ ކަމަށް ބެލެވޭ ކަމަށް ވޯލްޑް ބޭންކުން 2015 ވަނަ އަހަރު ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ލަފާކޮށްފައިވެއެވެ.

comment ކޮމެންޓް