ޣައްޒާގައި ޕޯލިއޯ ވެކްސިން ދޭން ފަށައިފި

ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގެ އަލް ނާސިރު ހޮސްޕިޓަލުގައި، އިއްޔެ ކުޑަކުއްޖަކަށް ޕޯލިއޯ ވެކްސިން ދެނީ. ފޮޓޯ/ރޮއިޓާސް

ޣައްޒާގައި ޕޯލިއޯ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފައިވާ ކަމަށް ފަލަސްތީނުގެ ސިއްޚީ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ވެކްސިންދޭން ފަށައިފައި ވަނީ ޣައްޒާއަށް ވެކްސިން ފޯރުކޮށްދިނުމަށް ތިން ދުވަހުގެ މުއްދަތަށް ހަމަލާތައް މެދުކަނޑައިލާނެ ކަމަށް ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާއި، އިސްރާއީލުން އެއްބަސްވުމުންނެވެ.

އދ.އާއި އެންޖީއޯތަކާއެކު ސިއްޚީ އޮފިޝަލުން ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭން އިއްޔެ ފަށައިފައިވާ ކަމަށް ހަމާސް އިން ހިންގާ ޣައްޒާގެ ސިއްޚަތާބެހޭ ވުޒާރާގެ ޕްރައިމަރީ ހެލްތު ކެއާގެ ޑިރެކްޓަރު މޫސާ އަބޭދު އޭއެފްޕީއަށް ވިދާޅުވިއެވެ.

ދެ ޑޯޒް ހިމެނޭ އެ ވެކްސިންގެ ފުރަތަމަ ޑޯޒް ވަކި އަދަދެއްގެ ކުދިންނަށް ދީފައިވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުންނެވެ.

ނަމަވެސް ވެކްސިން ދިނުމުގެ ކެމްޕޭނު ފުރިހަމައަށް ފަށާނީ މިއަދު ކަމަށް ޣައްޒާގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އޮފިޝަލަކު ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުރާސްފަތި ދުވަހު ބުނީ ވެކްސިން ދިނުމަށް މަގުފަހި ކުރުމަށް ތިން ދުވަހުގެ މުއްދަތަށް ހަމަލާތައް ދިނުން މަޑުޖައްސާލަ ދިނުމަށް އިސްރާއީލުން އެއްބަސްވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފަލަސްތީނު ސަރަހައްދުތަކުގައި މަދަނީ ކަންކަން ބަލަހައްޓާ އިސްރާއީލުގެ ދިފާއީ ވުޒާރާގެ (ކޯގަޓް) އިން ހޮނިހިރު ދުވަހު ބުނީ މެދުތެރޭ ޣައްޒާގައި ތިން ދުވަހާއި ދެކުނު ޣައްޒާގައި ތިން ދުވަހު އަދި އުތުރު ޣައްޒާގައި ތިން ދުވަސް ހިމެނޭހެން ކޮންމެ ދުވަހަކު ހެނދުނު 06:00 އިން މެންދުރު 02:00 އަށް ވެކްސިން ދޭނެ ކަމަށެވެ.

ކޮންމެ ސަރަހައްދީ ވެކްސިން ކެމްޕޭނެއް ނިމުމުން އެ ސަރަހައްދަށް ސިޗުއޭޝަނަލް އެސެސްމަންޓެއް ހެދޭނެ ކަމަށްވެސް ކޯގަޓްއިން ބުނެފައިވެއެވެ.

ނަމަވެސް ފަލަސްތީނުގެ ސިއްޚަތާބެހޭ ވުޒާރައިން ވަނީ ކޮންމެ ސަރަހައްދެއްގައި ހަތަރު ދުވަހުގެ މުއްދަތަށް ވެކްސިން ދޭނެ ކަމަށް ބުނެފައެވެ. އެގޮތުން ހޮސްޕިޓަލްތަކާއި، ސިއްޚީ މަރުކަޒުތަކާއި، ސްކޫލްތައް ހިމެނޭހެން، ޣައްޒާގެ މެދުތެރެއިން 67 ވެކްސިން ސެންޓަރު، ދެކުނު ޣައްޒާގައި 59 އަދި އުތުރު ޣައްޒާގައި 33 ސެންޓަރުގައި ވެކްސިން ދޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އެ ކެމްޕޭނުގެ މަގްސަދަކީ 10 އަހަރުން ދަށުގެ 640،000 އަށް ވުރެ ގިނަ ކުދިންނަށް ވެކްސިން ފޯރުކޮށްދިނުމެވެ.

ޑަބްލިއުއެޗްއޯގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މައިކަލް ރަޔަން ވިދާޅުވީ ޣައްޒާއަށް ދޭ ވެކްސިންގެ 1.26 މިލިއަން ޑޯޒް މިހާރު ޣައްޒާގައި އެބަހުރި ކަމަށާއި އަދި އިތުރު 400،000 ޑޯޒް ފޯރުކޮށްދޭނެ ކަމަށެވެ.

ޣައްޒާއަށް ޕޯލިއޯ ވެކްސިން ދޭން ޖެހުނީ 25 އަހަރު ފަހުން އެ ސަރަހައްދުން ފުރަތަމަ ފަހަރަށް ޕޯލިއޯ ފެނުމާ ގުޅިގެންނެވެ. އެ ބަލި ޖެހިފައި ވަނީ 10 މަހުގެ ކުއްޖަކަށެވެ. ބަލީގެ ސަބަބުން އެ ކުއްޖާ ވަނީ ވާގިނެތިފައެވެ.

ޕޯލިއޯ ވައިރަސް އާންމު ގޮތެއްގައި ފެތުރެނީ ވައިރަސް ހުރި ކާނާ ކެއުމުންނެވެ. އެ ވައިރަސް ޖެހުމުން ނާރުތަކަށް ގެއްލުންވެ، ހަށިގަނޑުގައި ވާގިނެތުމުގެ މައްސަލަ ކުރިމަތިވެއެވެ. ބަލީގެ ނުރައްކާ އެންމެ ބޮޑީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.

ނަމަވެސް ގިނަ އަދަދަކަށް ވެކްސިން ދިނުމުގެ ކެމްޕޭންތަކުގެ ސަބަބުން 1988 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައި ޕޯލިއޯގެ ކޭސްތައް 99 ޕަސެންޓް މަދުވެފައިވާއިރު، ޕޯލިއޯ މުޅިން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ.

comment ކޮމެންޓް