އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ހާލަންޑްގެ ހެޓްރިކާ އެކު، ފަސޭހަކަމާ އެކު ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފިއެވެ.
ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ 3-1 އިންނެވެ.
ވެސްޓް ހޭމްއިން މެޗު ފެށީ ވަރަށް ފޯރީގައެވެ. ކުރީކޮޅު ލަނޑެއް ޖަހާފާނެ ހެން ވެސް ހީވިއެވެ. އެކަމަކު، ސިޓީން ކުޅުން ރަނގަޅުކޮށް، ވެސްޓް ހޭމްގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައި، 10 ވަނަ މިނެޓުގައި ވަނީ މެޗުގެ ލީޑު ނަގައިފައެވެ. ބަނާޑޯ ސިލްވާ ދިން ރީތި ބޯޅައެއްގައި މި ލަނޑު ޖެހީ ހާލަންޑެވެ.
އެކަމަކު، އޭގެ ނުވަ މިނެޓު ފަހުން މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. އެއީ، ވެސްޓް ހޭމްއިން އުފެއްދި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ސިޓީގެ ޑިފެންޑަރު ރުބެން ޑިއޭޒްގެ އަތުން ބޯޅަ ބައިކޮޅު ގޯލަށް ވަނުމުންނެވެ.
ސިޓީން ވަނީ 30 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި އަލުން ލީޑު ނަގައިފައެވެ. އެ ލަނޑު ވެސް ޖަހައިދިނީ ހާލަންޑެވެ.
ދެވަނަ ހާފުގެ ބޮޑުބައި ގޯލެއް ނުފެނި ދިޔަ ނަމަވެސް 83 ވަނަ މިނެޓުގައި ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހައި، އަނެއްކާ ވެސް ހެޓްރިކެއް ހަދައިފައެވެ. މިއީ، އޭނާ ޖެހިޖެހިގެން ހެޓްރިކް ހެދި ދެވަނަ މެޗެވެ. މި ލީގުގައި މިހާރު އޭނާ ވަނީ ހަތް ލަނޑު ޖަހައިފައެވެ.
ހާލަންޑް ވަނީ ޕްރިމިއާ ލީގުގައި 69 މެޗު ކުޅުނުއިރު އަށް ހެޓްރިކް ހަދައިފައެވެ.
މި ކާމިޔާބީއާ އެކު ސިޓީން ވަނީ މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައެވެ. އެ ނުވަ ޕޮއިންޓާ އެކު ސިޓީ އޮތީ އެއްވަނައިގައެވެ.
މި މުބާރާތުގައި އިޕްސްވިޗްއާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން ވީ އެއްވަރެވެ. މިއީ މި ފަހަރުގެ ލީގުގައި އިޕްސްވިޗަށް މިހާތަނަށް ކާމިޔާބުކުރެވުނު ފުރަތަމަ ޕޮއިންޓެވެ. މީގެ އިތުރުން، ނޮޓިންހަމް ފޮރެސްޓާއި ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު ވެސް ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.