އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަންއިންނެވެ.
ނަމަވެސް މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެފައިވަނީ އާސެނަލްއިންނެވެ. މިގޮތުން މިހާފުގައ ިއާސެނަލްއިން ވަނީ ބްރައިޓަންގެ ގޯލަށް ނުރައްކާކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ޖަހާ ލީޑު ނަގާފައިވަނީ އާސެނަލް އިންނެެވެ.
މި ލަނޑު ބުކާޔޯ ސާކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާފައިވަނީ ކައި ހަވާޓްޒްއެވެ. މިއާއެކު މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-1 އިން އާސެނަލް ކުރީގައި އޮވެގެންނެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގެ ކުރީކޮޅު އާސެނަލްއަށް ވަނީ މައްސަލަ ތަކާއި ކުރިމަތިވާން ފަށައިފައެވެ. މިގޮތުން ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި އާސެނަލްގެ މެދުތެރެއިން ކުޅޭ ޑެކްލަން ރައިސް ބްރައިޓަންއަށް ލިބުނު ހިލޭ ޖެހުމެއް ޖެހުން ލަސްކުރުމުގެ ގޮތުން ހުރަސް އަޅާފައިވާތީ އޭނާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކާ އޭނާ ފޮނުވާލިއެވެ.
މިއާއެކު ދެވަނަ ހާފުގެ ބޮޑުބައި އާސެނަލްއަށް ކުޅެން ޖެހުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. އަދި ބްރައިޓަން އިން މިލިބުނު އެޑްވާންޓޭޖްގެ ފައިދާ ނަގާ ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އިތުރުކުރިއެވެ. ނަތީޖާ އަކަށް ވެގެންދިޔައީ މިހާދިސާ ހިނގިތާ ނުވަ މިނެޓު ފަހުން ބްރައިޓަން އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މިލަނޑު އެ ޓީމަށް ޖަހައިދިނީ މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޖާއޮ ޕެޑްރޯއެވެ. މި މެޗުގެ ދެވަނަ ހާފުގައި މެޗުގެ ލީޑު ނަގައިނެ ފުރުސަތުވަނީ ދެ ޓީމަށް ވެސް ލިބިގެން ގޮސްފައެވެ.
ނަމަވެސް ދެ ޓީމަށް ވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ނަތީޖާ އަކަށް ވެގެންދިޔައީ މި މެޗު އެއްވަރު ވެގެން މެޗު ނިމުމެވެ.
މި މެޗު އެއްވަރު ވުމުން މިދެޓީމަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފައެވެ.