އާސެނަލްއިން ބްރެންޓްފަޑް ބަލިކޮށް ދެވަނައަށް ކުރިއަށް ޖެހިލައިފި

އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބުކޮށް ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެެވެ.

ބްރެންޓްފަޑްގެ ދަނޑުގައި ކުޅުނު މިމެޗު އާސެނަލްއިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ތިން ލަނޑު އެއް ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލް އިންނެވެ. މިމެޗު އާސެނަލްއިން ވަރަށް ވަރުގަދަކޮށް ފެނި ނަމަވެސް މެޗުގެ ލީޑު އެންމެ ފުރަތަމަ ނަގާފައިވަނީ ބްރެންޓްފަޑްއިންނެވެ.

މެޗުގެ 13 ވަނަ މިނެޓުގައި އުފެއްދި ހަމަލާއަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބްރަޔަން އެމްބެއުމޯއެވެ. އަދި މިއާއެކު ދެން ފެނިގެންދިޔައީ ބްރެންޓްފަޑްއިން ނުރައްކާތެރި ދެތިން ހަމަލާ އުފެއްދި ތަނެވެ. އަދި މެޗުގެ 28 ވަނަ މިނެޓުގައި ބްރެންޓްފަޑްއިން އުފެއްދި ހަމަލާއެއްގައި އާސެނަލްގެ ކީޕާ ޑޭވިޑް ރާޔާއަށް ހެދުނު ގޯހެއްގައި ލަނޑެއް އާސެނަލްގެ ގޯލަށް ވަދެވަދެ އޮއްވާ ރާޔާ ދެވަނަ ފަހަރަށް މަސައްކަތް ކޮށް ގޯލްގެ ރޮނގުމަތިން ބޯޅަ ސަލާމަތް ކުރުން ވެގެންދިޔައީ މެޗުގެ އޮވެވަރު ބަދަލުވެގެންދިޔަ ސަބަބަކަށެވެ.

ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 29 ވަނަ މިނެޓުގައި އާސެނަލްއިން އުފެއްދި ހަމަލާއެއްގައި ގެބްރިއެލް ޖޭސުސް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށްވެސް މިހާފުގައި ލިބިގެންދިޔައެވެ.

މި މެޗުގައި އާސެނަލްއިން ލީޑު ނަގާފައިވަނީ މެޗުގެ 50 ވަނަ މިނެޓުގައި މިކޭލް މެރީނޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި އޭގެ ތިން މިނެޓް ފަހުން އާސެނަލްގެ ލީޑު ފުޅާކޮށްދިނީ ގެބްރިއެލް މާޓިނެއްލީ އެވެ.

މި މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. މި ކާމިޔާބީއާއެކު އާސެނަލް މިހާރު މިވަނީ ކުޅުނު 19 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު ތާވަލްގެ ދެ ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިއާއެކު ތާވަލްގެ އެއްވަނައިގާ އުޅޭ ލިވަޕޫލާއި ދެމެދުގައިވާ ފަރަގު މިވަނީ ހަ ޕޮއިންޓަށް ކުޑަކޮށްފައެވެ. ނަމަވެސް ލިވަޕޫލް އަދިވެސް އެއްމެޗު މަދުން ކުޅެފައިވުމުން އެ ޓީމަށް މިލީޑު ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ. މި މެޗުން ބަލިވުމުން ބްރެންޓްފަޑް މިހާރު އުޅެނީ 24 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.

comment ކޮމެންޓް