ކޯޓު އަމުރަކާ ގުޅިގެން ބްރެޒިލްގައި އެކްސް ބްލޮކްކުރުމުގެ މަސައްކަތް ފަށައިފި

އީލޮން މަސްކް: ކޯޓު އަމުރަކާ ގުޅިގެން ބްރެޒިލްގައި އެކްސް ބްލޮކްކުރުމުގެ މަސައްކަތް ވަނީ ފަށައިފައި -- ފޮޓޯ/ ރޮއިޓާސް

ކޯޓު އަމުރަކާ ގުޅިގެން އީލޮން މަސްކްގެ އެކްސް ބްރެޒިލްގައި ބްލޮކްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ބްރެޒިލްގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރުން އިއްޔެ ވަނީ އެގައުމުގައި އެކްސް ބޭނުންނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ބުނެފައެވެ.

މި މައްސަލައިގެ އަސްލަކީ ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލެކްސެންޑްރޭ ޑި މޮރާއިސްއާއި އީލޮން މަސްކްއާ ދެމެދު މަސްތަކެއް ވަންދެން ހިނގަމުން އައި ދެބަސްވުމެކެވެ. އެގޮތުން ސޯޝަލް މީޑިއާގައި ނަފުރަތުގެ ވާހަކަތައް ކޮންޓްރޯލް ކުރުމަށް ގަވާއިދުތަކެއް ބޭނުންވާ ކަމަށް ފަނޑިޔާރު ވިދާޅުވާއިރު މަސްކް ބުނެފައިވަނީ ފަނޑިޔާރު މޮރާއިސް ހަމަނުޖެހޭ ސެންސަޝިޕެއް ތަންފީޒުކުރަން މަސައްކަތް ކުރައްވާ ކަމަށެވެ.

ބްރެޒިލްގެ ގާނޫނުގައިވާ ގޮތުން، އެ ގައުމުގައި އެކްސްގެ ގާނޫނީ ފަރާތެއް ހުންނަންޖެހޭއިރު، އެކަން ކުރުމަށް ކޯޓުން ކަނޑައެޅި ސުންގަޑި ބުރާސްފަތި ދުވަހުގެ ރޭ ވަނީ ހަމަވެފައެވެ. މިހާރު އެކްސް ބްލޮކްކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އެގައުމުގެ ބައެއް ރައްޔިތުން ރިޕޯޓް ކޮށްފައިވެއެވެ.

މި ފިޔަވަޅުތަކާ ގުޅިގެން، ބްރެޒިލްގައި އެކްސްގެ ޚިދުމަތް އެއްކޮށް ހުއްޓިދާނެ ކަމަށް ބެލެވެއެވެ. މިއީ އެކްސްއަށް އެންމެ ބޮޑު އެއް މާކެޓް ކަމަށްވާތީ، މިކަމުން އެކްސްއަށް ބޮޑު ގެއްލުމެއް ލިބިދާނެއެވެ.

ފަނޑިޔާރު މޮރާއިސްގެ ޙުކުމުގައި ވަނީ ކުރިން ނެރެފައިވާ ހުރިހާ ކޯޓު އަމުރުތަކަކާ އެއްގޮތަށް އެކްސްއިން ޢަމަލުކުރަންދެން ބްރެޒިލްގައި އެކްސް ހުއްޓުވާލަން ޖެހޭނެ ކަމަށެވެ. މީގެ ތެރޭގައި ތިން މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ޖޫރިމަނާ ފައިސާ ދެއްކުމާއި، ބްރެޒިލްގެ ގާނޫނުގައި ބުނާ ގޮތަށް އެ ގައުމުގައި ގާނޫނީ ފަރާތެއް ޢައްޔަންކުރުން ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން މަސްކްގެ އަނެއް ކުންފުނި، ސްޓާލިންކްގެ ބޭންކް އެކައުންޓްތައްވެސް ބްރެޒިލްގައި ހިފަހައްޓާފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެއެވެ. އެހެންނަމަވެސް މަސްކް ބުނެފައިވަނީ "މި މައްސަލަ ނިމެންދެން" ސްޓާލިންކްއިން ބްރެޒިލްގެ ރައްޔިތުންނަށާއި އެ ގައުމުގެ މިލިޓަރީއަށް ހިލޭ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ވިދާޅުވެފައިވަނީ ބްރެޒިލްގައި ވިޔަފާރިކުރާ ހުރިހާ ފަރާތްތަކަކުންވެސް ގާނޫނަށް ތަބާވާންޖެހޭނެ ކަމަށެވެ.

"މީހަކު އަތުގައި ގިނަ ފައިސާ ހުރުމަކީ އޭނާއަށް ގާނޫނަށް ނުކިޔަމަންތެރިވެވިދާނެ ކަމަށް ބެލެވޭނެ ސަބަބެއް ނޫން،" ރައީސް ވިދާޅުވިއެވެ.

މަސްކް ވަނީ ބްރެޒިލްގައި އެކްސްއަކީ "ހަގީގަތް ހާމަކުރުމުގެ އެންމެ މުހިންމު ވަސީލަތް" ކަމަށް ބުނެ، ކޯޓްއަމުރަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ. އޭނާ ވަނީ ފަނޑިޔާރު މޮރާއިސްއަކީ "ޑިކްޓޭޓަރެއް" ކަމަށް ވެސް ސިފަކޮށްފައެވެ.

comment ކޮމެންޓް