ފޭސްބުކް އެޕްގެ އައިކަން ކުއްލިއަކަށް ކަޅުވީ ކީއްވެ؟

އައިފޯން ބޭނުންކުރާ ފަރާތްތަކަށް ކުއްލި ހައިރާންކަމެއް ލިބުނީ ފޭސްބުކް އެޕްގެ އައިކަން ކަޅު ކުލައަށް ބަދަލުވުންނެވެ.

އެތައް އަހަރެއް ވަންދެން ނޫކުލައިގެ ބެކެއްގައި ހުދުކުލައިން، އެފް އަކުރެއް ސިފަވާގޮތަށް ހުރި ފޭސްބުކްގެ އައިކަން އިއްޔެއިން ފެށިގެން ފެންނަނީ ކަޅު ބެކެއްގައި ނޫ ކުލައިގައެވެ.

އެހެނިހެން އެޕްތަކުގެ އައިކަން އަވަސް އަވަހަށް ބަދަލުވަމުން ދިޔަނަމަވެސް ފޭސްބުކްގެ އައިކަން އަކީ އެހާ އަވަސްއަވަހަށް ބަދަލުކުރާ އައިކަން އެއް ނޫނެވެ. ވަރަށް ގިނައަހަރުތަކެއް ވަންދެން އެއައިކަން ވަނީ އެގޮތުގައި ދަމަހައްޓާފައެވެ. ނަމަވެސް މިހާރު މިވަނީ ގޮތް ނޭންގޭ ކުއްލި ބަދަލެއް އައިސްފައެވެ. މިބަދަލު އައިސްފައިވަނީ ހަމައެކަނި އައިއޯއެސް އަށެވެ.

މި ބަދަލު އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ފޭސްބުކްގެ އެޕަށް ގެނެވުނު އަޕްޑޭޓަކާ ގުޅިގެންކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި މިކަމަކީ އައިއޯއެސް 17.6.1 އަޕްޑޭޓް އިންސްޓޯލް ކޮށްފައިވާ ފޯނުތަކުގައި ފެންނަ މައްސަލައެއް ކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ.

ފޭސްބުކުން މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް މި ބަދަލަކީ ސެޕްޓެމްބަރު މެދުތެރޭގައި ނެރޭނެކަމަށް ބެލެވޭ އައިއޯއެސް 18 އާ ގުޅުންހުރި ކަމެއްކަމަށް ލަފާކުރެވެއެވެ.

އައިއޯއެސް 18 ގައި ޑާކް މޯޑާ ގުޅޭގޮތަށް އެޕްތަކުގެ އައިކަންތައް ބަދަލުކުރެވޭނެ ފީޗާއެއް ހިމެނޭނެ ކަމަށް ވެސް ބެލެވެއެވެ. އެހެންކަމުން އައިއޯއެސް 18 ނެރުމާއެކު ޑާކް މޯޑުގައި ފޭސްބުކްގެ އައިކަން ކަޅުވާނެ ކަމަށް ވެސް ބެލެވެއެވެ.

ފޭސްބުކުން އަވަސް އަޕްޑޭޓެއް ނެރެ މި މައްސަލަ ރަނގަޅުކުރާނެ ކަމަށް ބެލެވޭކަމަށް ޓެކް މީޑީއާތަކުން ދެކެއެވެ.

comment ކޮމެންޓް