ޚުތުބާ އިވި ލޮލުން ފާއްދާލީ ކަރުނަ، އުނދަގޫކުރެވުނު އެންމެން ކިބައިން އެދުނީ މާފަށް!

މީހަކު އިށީނދެލައިގެން: ޚުތުބާ އިވި ލޮލުން ފާއްދާލީ ކަރުނަ، އުނދަގޫކުރެވުނު އެންމެން ކިބައިން އެދުނީ މާފަށް! -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުގެ ހުކުރު ޚުތުބާ އަޑުއިވުނު ޒުވާނެއްގެ ލޮލުން ކަރުނަ ފާއްދާލައި، އޭނާގެ އަމަލުތަކުން، ކުރިން އުނދަގޫ ކުރެވުނު އެންމެންގެ ކިބައިން މާފަށް އެދިފައިވާކަމަށް ބުނެ މިއަދުގެ ޚުތުބާގެ އަސަރުގަދަކަން ފާހަގަކޮށް ގިނަ ބަޔަކު ތައުރީފްކޮށްފިއެވެ.

އެ ޒުވާނާގެ މައުލޫމާތު ހިއްސާކޮށް، ފޭސްބުކުގައި ޝުއައިބް އަލީ ނަމަކަށް ކިޔާ މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ ޒުވާނާގެ އަޚުލާގު ގޯސްކަމުން މުޅި ރަށުގެ އެންމެން ގަބޫލު ކުރަނީ އޭނާއަކީ 'އާންމު އުނދަގުލެއް'ގެ ގޮތުގައި ކަމަށެވެ.

ހުކުރު ނަމާދަށް ގޮސް، އަބަދުވެސް މިސްކިތުން ބޭރުގައި ހުންނަ ޒުވާނެއް ކަން ފާހަގަކޮށް، ޝުއައިބް ވަނީ އެ ޒުވާނާގެ ލޮލުން ކަރުނަ ފާއްދާލަން މެދުވެރިވާން ޚުތުބާގައި ބުނި ބުނުން ލިޔެފައެވެ.

އެގޮތުން "ކުށް ކުރުމަކީ އަހަރެމެން އެކަނި ކުރާ ކަމެއް ކަމަށް ހީކުރަނީ ހެއްޔެވެ؟ ނޫނެކެވެ. އަހަރެމެން ދުވަހަކުވެސް، މަލާއިކަތުންނަށް ވެގެނެއް ނުވެއެވެ،" މި އިބާރާތްކޮޅު އިވުމާއެކު އެ ޒުވާނާ ފުންމައިގެން ތެދުވެ، މިސްކިތަށް ވަން ކަމަށް އޭނާ ލިޔުނެވެ.

ޚުތުބާ ނިމެން ދެން އެ ޒުވާނާ ސިއްރުން ގިސްލަ، ގިސްލާފައި ރުއި ކަމަށާއި ޚުތުބާ ނިމިގެން އޭނާގެ ފަރާތުން އުނދަގޫ ޖެހުނު މީހުންގެ ކިބައިން މައާފަށް އެދުނު ކަމަށް ޝުއައިބްގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ހުކުރު ނަމާދުގެ ތެރެއިން: ޚުތުބާ އިވި ލޮލުން ފާއްދާލީ ކަރުނަ، އުނދަގޫކުރެވުނު އެންމެން ކިބައިން އެދުނީ މާފަށް!
-- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މީގެއިތުރުން، އެ ޒުވާނާގެ އެ އަމަލުން ދޭހަވަނީ ޚުތުބާގެ އަސަރުގަދަ ކަން ކަމަށާއި މިފަދަ ޚުތުބާތައް ކޮންމެ ހުކުރެއްގައި ވެސް އަޑުއިވޭނެ ކަމަށް އުންމީދުކުރާ ކަމަށް ޝުއައިބް ބުނެފައިވެއެވެ.

އަދި، މީހަކު ހަމައެކަނި ހުކުރު ނަމާދުގެ ޖަމާއަތުން ފެނުމަކީ އޭނާގެ ހިތުގައި އިސްލާމްދީނާމެދު ޝައުގުވެރިކަން ހާމަވާ ކަމެއް ކަމަށް ޝުއައިބް ވަނީ ސިފަކޮށްފައެވެ.

"ހަމައެކަނި ހުކުރު މުސްލިމެކޭ ބުނެ، ފުރައްސާރަ ނުކޮށް، އެފަދަ މީހުންނަށް ހިތްވަރު ދޭށެވެ. މިކަހަލަ ޚުޠުބާތައް ގިނައިން އަޑު އިވޭނަމަ، އެތައް ބަޔަކު އިޞްލާޙުވާނެއެވެ،" އެ ފޯސްޓުގައި ބުނެފައިވެއެވެ.

https://www.sun.mv/196165

މި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، 262 މީހުން މި ޕޯސްޓު ޝެއާކޮށްފައިވެއެވެ. އޭގެއިތުރުން، ޕޯސްޓާ ގުޅިގެން މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ވަނީ މިއަދުގެ ޚުތުބާ ފުރިހަމަވެފައި އަސަރުގަދަ ކަމަށެވެ.

އަދި އެ ޒުވާނާއަށް ދީނުގައި ސާބިތުކަން ދެއްވުން އެދި އެހެން ކޮމެންޓެއްގައި ދުއާކޮށްފައިވެއެވެ.

މިއަދުގެ ޚުތުބާގައި މަންހަޖަކީ އިސްލާމް ދީންކަމުގައި ހަދައިފިނަމަ، ނަންހުރި މޮޅު ބަޔަކު ތަރުބިއްޔަތު ކުރެވޭނެ ކަމަށް ބުނެފައިވާއިރު، ޚުތުބާގެ މައުޟޫއަކީ ދީނަށް ޓަކައި ޚިދުމަތް ކުރުމެވެ.

ގިނަ ބަޔަކު ވަނީ މިއަދުގެ ޚުތުބާއާއެކު ޝައުގުވެރިކަން އިތުރުވެ، އެ ފަދަ ޚުތުބާތައް އިވެން ބޭނުންވާކަމަށް ފާހަގަކޮށްފައެވެ.

comment ކޮމެންޓް