މަންހަޖަކީ އިސްލާމް ދީންކަމުގައި ހަދައިފިނަމަ، ނަންހުރި މޮޅު ބަޔަކު ތަރުބިއްޔަތު ކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ އިސްލާމް ދީން އިއްޔެ، ބިނާކުރި އުންމަތަކީ، އޭގެ ކުރީން ނިކަމެތި ބަލިކަށި ބައެއް ކަމަށެވެ. ދެން ﷲގެ ފަޟްލުވަންތަވެރިކަމުން އެ އުންމަތް ވީ އެންމެ މާތް އުންމަތަށް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
އިސްލާމް ދީނަކީ މަގުގެއްލިފައިވާ މީހުންނަށް ހުރި މަގުބައްތިއެއް ކަމަށާއި އަހަރެމެންގެ މަންހަޖަކީ އިސްލާމް ދީންކަމުގައި ހަދައިފި ނަމަ، ނަންހުރި މޮޅު ބަޔަކު ތަރުބިއްޔަތު ކުރެވޭނެ ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.
ސުވަރުގެ ލިބުމަށް ޓަކައި، ޝަހީދުވާން ކެރޭ ޖީލެއް ބިނާކުރެވޭނެ ކަމަށާއި އެ މައިދާނުން ޝަހީދުނުވެ އެނބުރި ގެއަށް ރުޖޫއަވެވިއްޖެ ނަމަ އެއީ ޝަރަފުވެރިކަމާ އެކު ގެދޮރު ޙިމާޔަތްކުރާނޭ ބަޔެއް ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.
ﷲއަށް ކިޔަމަންގަތުމުގައި، އަހުރެމެންގެ ކިބައިގައި ހުރި ފަރުވާކުޑަކަމާއި، ކުރެވޭ ކުށްތަކަކީ ދީނަށް ޚިދުމަތްކުރުމަށް ހުރި ޢުޛުރެއް ނޫން ކަމަށާއި މި ބޮޑު މަސްއޫލިއްޔަތުން ރެކެން އޮތް ބަހަނާއެއް ނޫން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އަހަރެމެންގެ ވާޖިބަކީ މި ދީނަށް ޚިދުމަތްކުރުން ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.
ޚުތުބާގައި ވަނީ ކުށުގެ ވެއްޓަށް ވަދެވި، އެއިން ސަލާމަތްނުވެވިފައިވާ މީހުންނަށް ވެސް އަގުހުރި ނަސޭހަތް ތަކެއް ދީފައެވެ.
"ތިޔަބައިމީހުންގެ ހަވާނަފުސުގައި ލަގަން އަޅުވާށެވެ! ފާފަތަކަށް އަރައިގަތުމާ މެދު ހިތްތަކުގައި ބިރުވެރިކަން އުފައްދާށެވެ! ދުނިޔޭގެ ޙަޔާތަކީ ކުޑަ ދުވަސްކޮޅެކެވެ. ތިޔަބައިމީހުން ހޭވެރިވާށެވެ! ޣާފިލުކަމުގެ ނިދީގައި ތިބެވުނީ، ކިތައް އަހަރުކަން ހަނދާނަށް ގެންނާށެވެ! ހަވާނަފުސު ކޮންޓުރޯލުކޮށް، އޭގެ މައްޗަށް ބާރު ފޯރުވައިފި މީހަކީ ހިތްވަރުގަދަ ފަހުލަވާނެކެވެ." ޚުތުބާގައި ބުންޏެވެ.
"ތިޔަބައިމީހުންނީ އީމާންކަމުން ފުރިގެންވާ ހިތްތަކެއްގެ ވެރި ބަޔަކަށް ވާށެވެ! ﷲ ހަނދުމަކުރުމުގެ ވާހަކަތައް އަޑުއަހާ ބަޔަކަށް ވާށެވެ! ލޮލަށް ފެންނަ ކަންތައްތަކުން ޢިބުރަތް ޙާޞިލުކުރާށެވެ! އަހަރެން މި ކިޔައިދޭ ވާހަކަ އަޑުއަހާށެވެ! މިއީ ހުރިހައި ނަމާދަކުން އަހަރެން ދެކޭ އަޚެއްގެ ވާހަކައެވެ. އަހަރެންނަށް އޭނާ ހުރިހައި ތަނަކުން ފެނެއެވެ."
އިންސާނުންނަކީ، ކުށަށް ހުށަހެޅިފައިވާ ބަޔެއް ކަމަށާއި އިޚުލާޞްތެރިކަމާއެކު ފާފަފުއްސެވުމަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވީމާ ފާފަފުއްސަވާނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ހުރިހައި ޞާލިޙު އަޅުންނަކީ، ފާފަ ކުރެވޭ މީހުން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
"ފާފައިގެ ސަބަބުން އަހަރެމެންނަށް ވޭން ލިބެއެވެ. ކަނުލައި އަޑުއަހާށެވެ! ކުށްތަކުން އަހަރެމެން ސަލާމަތްވެގެންނެއް ނުވެއެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް މުޅިން ސަލާމަތެއް ނުމެވާނޭމެއެވެ. ނަމަވެސް ހިތާމައަކީ، ތިޔަބައިމީހުންގެ ފާފަތަކުގެ ނާޖާއިޒު ފައިދާ ހޯދުމުގެ ފުރުޞަތު ޝައިޠާނާއަށް ދެވޭކަމެވެ. އެއީ ކިހިނެއް ހިނގާކަމެއްކަން ދަންނަމުހެއްޔެވެ! ފާފަތަކުގެ ސަބަބުން ދީންވެރިވެ އުޅުމުގެ ޤާބިލުކަން އަހަރެމެންގެ ކިބައިގައި ނެތިއްޖެކަމަށް އޭނާ ވިސްނައިދޭނެއެވެ." ޚުތުބާގައި ބުންޏެވެ.
ދީނަށް ތަބާވެގެން ނޫނީ ނަޖާވާނެ މަގެއް، މުކައްލަފަކަށް ނުވާ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި އިސްލާމް ދީނަށް އީމާންވެއްޖެ މީހާއަށް ތެދުމަގު ލިބި، ކާމިޔާބުވެއްޖެ ކަމަށް ވެސް ބުންޏެވެ.
"މި ދީން ދޫކޮށް، އެހެން ދީނެއް ހިފައިފި މީހާގެ ކިބައިން الله تَعَالَى ފަރްޟެއް، ސުންނަތެއް އަދި އެހެން ވެސް ޢަމަލެއް ޤަބޫލެއް ނުކުރައްވާނެއެވެ." ޚުތުބާގައި ބުންޏެވެ.
"މި ދީނަކީ އުންމަތުގެ ފަޚުރެވެ. މި ދީނުގެ ޝަރީޢަތުން ޢިއްޒަތްލިބި، މުސްލިމުންގެ ސަފުތައް ބަދަހިވެ، ހިތްތައް އެކުވެރިވިއެވެ. މުޅި އިންސާނިއްޔަތު ހަލާކުން މިންޖުކޮށްދީ، ޝަރަފުވެރިކަމުގެ އެންމެ އުހަށް ފޯރުކޮށްދިނީ މި ދީނެވެ. މި ދީނަކީ ޞައްޙަ ސާފު ޢަޤީދާއެކެވެ. ފުރިހަމަ އީމާންކަމެކެވެ. ޙުކުމްތައް ބަޔާންކޮށްދިނީ މި ދީނެވެ. ޢަދުލުވެރިކަމާއި، ހަމަހަމަކަން ގެނެސްދީ، ޢާންމުންނާއި ޚާއްޞުންގެ ޙައްޤުތަކަށް އިޙްތިރާމުކުރާން ދަސްކޮށްދިނީ މި ދީނެވެ. އާދަކާދައާއި ޢުރުފަށް ރިޢާޔަތްކޮށް، މަޞްލަޙަތު އިސްކުރުމާއި، ފަސާދަތައް ދުރުކުރުމަކީ، މި ދީނުގެ އަސާސެވެ. މިއީ ޙަޔާތުގެ ހުރިހައި ފަޅިފަޅިއަކަށް އިންސާފުކޮށްދޭ ދީނެވެ." ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި އިތުރަށް ބުނެފައިވަނީ ފާފައިގެ ސަބަބުން، ދީނަށް ޢަމަލުކުރުމާއި، ދީން ދެކެވާ ލޯތްބާ މުސްލިމުންނަށް ވާގިވެރިވުމަށް ބަދަލެއް ނާންނަ ކަމަށެވެ. ދީނަށް ޚިދުމަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަން ވެސް ޚުތުބާގައި ހަނދާން ކޮށްދިނެވެ.