މުއްދަތުގެ ކުރިން ބުރިޖު ނިންމައިލެވުމަކީ ރައީސް މުއިއްޒުގެ ލީޑާޝިޕްގެ ހެއްކެއް: މުއްތަލިބް

އޭރުގެ ރައީސް އަބްދުﷲ ޔާމީނާ އެކު އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ސިނަމާލެ ބުރިޖުގެ މަސައްކަތް ބައްލަވައިލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ސިނަމާލެ ބުރިޖު ނިންމަން ކަނޑައެޅި ތާރީޚުގެ ވެސް ކުރިން، އެ ކަމަށް ކަނޑައެޅި ބަޖެޓުގެ ތެރެއިން އެ މަސައްކަތް ނިންމައިލުމަކީ އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑާޝިޕް ދައްކުވައިދޭ ހެއްކެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެ ފަދައިން ވިދާޅުވީ، ސިނަމާލެ ބުރިޖަށް ހަ އަހަރު ފުރުމާ ގުޅިގެން މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

މުއްތަލިބް ވިދާޅުވީ، ސިނަމާލެ ބުރިޖު މަޝްރޫއުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި އެ ކަމުގެ ސަބަބުން ދިވެހި އިގުތިސާދަށް ވެސް ކުރިއެރުން އައިސްފައިވާ ކަމަށެވެ. އަދި، ބުރިޖާ އެކު ދިވެހި އިންފްރާސްޓްރަކްޗާ އާ އުސްމިންތަކަކަށް ގޮސް، ދެމެހެއްޓެނިވި އިގުތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ސިނަމާލެ ބުރިޖަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ދެމިއޮތް އެކުވެރިކަމުގެ ދެމިއޮންނާނެ ރަމްޒެއް،" މުއްތަލިބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސިނަމާލެ ބުރިޖުގެ މަސައްކަތް ނިންމާލާފައިވަނީ މަޝްރޫއު ނިންމަން ކަނޑައެޅި ތާރީޚަށް ވުރެ ވެސް އަވަހަށް، އެ ކަމަށް ކަނޑައެޅި ބަޖެޓުގެ ތެރެއިން ކަމަށެވެ. އެއީ، އޭރު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ރައީސް މުއިއްޒުގެ ލީޑާޝިޕް ދައްކުވައިދޭ ހެއްކެއް ކަމަށް މުއްތަލިބް ގަބޫލުކުރައްވައެވެ.

"އެ މަޝްރޫއު ބަޖެޓުގެ ތެރެއިން، ނިންމަން ކަނޑައެޅި ތާރީޚުގެ ކުރިން ނިންމައިލުމަކީ އޭރުގެ ހައުސިން މިނިސްޓަރު، މިހާރުގެ ރައީސް ޑރ. މުއިއްޒުގެ ލީޑާޝިޕް ދައްކުވައިދޭ ހެއްކެއް،" މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ބިނާކުރި ބުރިޖެކެވެ. ބުރިޖުގެ މަސައްކަތް ނިންމާ، ރަސްމީކޮށް ބުރިޖު ހުޅުވީ އޯގަސްޓް 30، 2018 ގައެވެ. ބުރިޖުގެ މަސައްކަތާ ސަރުކާރުގެ ފަރާތުން ހަވާލުވެ ހުންނެވީ އޭރުގެ ހައުސިން މިނިސްޓަރު، ރައީސް މުއިއްޒެވެ.

ބުރިޖު ހުޅުވައިދެއްވަމުން ޔާމީން ވިދާޅުވީ، ސިނަމާލޭ ބްރިޖުގެ މަގުސަދަކީ އެތައް ދިވެހި ރައްޔިތުންނެއް ކަނޑު ހުރަސްކޮށް ކޮންމެ ދުވަހަކު އެ ކުރާ ދަތުރަށް ނިމުމެއް ގެނައުން ކަމަށެވެ. ބުރިޖު އެޅުމުގެ ކުރީގައި ހުޅުމާލޭގައި ދިރިއުޅުނު މީހުން ކޮންމެ ދުވަހަކު މާލެއާ ދެމެދު ދަތުރުކުރަމުން އައި ކަނޑު މަގުންނެވެ.

މީގެ ހަ އަހަރު ކުރިން ބުރިޖު ހުޅުވި ރޭ ބުރިޖުގެ އެއްކޮޅުން އަނެއްކޮޅަށް ހަވާ އަރުވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ބުރިޖު އަޅަން ދެ ގައުމުގެ ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ ޖުލައި 9، 2015 ގައެވެ. އެއަށް ފަހު، މަޝްރޫއު ކުރިއަށް ގެންދިޔަ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއާ މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 23، 2015ގައެވެ.

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ ނަމުން އެ ބްރިޖަށް ނަން ދެއްވާފައިވަނީ ޔާމީނެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީއާއި ރާއްޖޭގެ ސަރުކާރުގެ ބަޖެޓުން އަދި ޗައިނާގެ ލޯނު އެހީގައި އެޅި ބްރިޖު މަޝްރޫއަށް 200 މިލިއަން ޑޮލަރު ވަނީ ޚަރަދުވެފައެވެ.

އެ ބްރިޖަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއެވެ. ތިން އަހަރާއި 11 މަސް ތެރޭ ބުރިޖުގެ މަސައްކަތް ނިންމައިލާ ބުރިޖު ހުޅުވިއިރު ސިނަމާލެ ބްރިޖު ހުޅުވުން ވެގެންދިޔައީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒަކަށެވެ.

comment ކޮމެންޓް