ބުރިޖަކީ، ޗައިނާ-ރާއްޖެ ގުޅުމުގެ ރަމްޒެއް: ރައީސް

ސެޕްޓެމްބަރ 1، 2018: މާލެ/ހުޅުލެ ބުރިޖު (ސިނަމާލެބުރިޖު): ބުރިޖުން މިއަދު ވަނީ ހަ އަހަރު ފުރިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނުވަތަ ސިނަމާލެ ބުރިޖަކީ ހަމައެކަނި ދެ ރަށެއް ގުޅުވައިދޭ ފާލަމެއް ނޫން ކަމަށާއި އެއީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ ރަމްޒެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ސިނަމާލެ ބުރިޖަށް ހަ އަހަރު ފުރުން ފާހަގަކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒުގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބުރިޖަކީ ފާހަގަކޮށްލެވޭ އިންޖިނިއަރިންއެއް ކަމަށާއި އެ ތަނަކީ ހަމައެކަނި ދެ ރަށެއް ގުޅުވައިދޭ ފާލަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ދެ ގައުމުގެ ގާތް ގުޅުމުގެ ރަމްޒެއް ކަމަށް ރައީސް ސިފަކުރެއްވިއެވެ.

"ދެ ގައުމުގެ މެދުގައި ދެމިއޮތް އެކުވެރިކަމާއި ދެ ގައުމުގެ އިތުބާރު ރަމްޒުކޮށްދޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ސިނަމާލެ ބުރިޖަކީ އެއްބަވައިންތަކަމާއި ކުރިއެރުމުގައި ދެ ގައުމުން ހިއްސާކުރާ ތަޞައްވުރުގެ ހެކިތަކެއް ކަމަށެވެ. އަދި، މި ބުރިޖަކީ ދެ ގައުމުގެ އެއްބާރުލުން ދިނުމުގެ ނިޝާނެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ވެސް ޚިދުމަތްކުރާނެ ކަމަށް އެ މަނިކުފާނުގެ ޕޯސްޓުގައިވެއެވެ.

ސިނަމާލެ ބުރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ބިނާކުރި ބުރިޖެކެވެ. ބުރިޖުގެ މަސައްކަތް ނިންމާ، ރަސްމީކޮށް ބުރިޖު ހުޅުވީ އޯގަސްޓް 30، 2018 ގައެވެ.

އެ ދުވަހު ބުރިޖު ހުޅުވަމުން ޔާމީން ވިދާޅުވީ، ސިނަމާލޭ ބްރިޖުގެ މަގުސަދަކީ އެތައް ދިވެހި ރައްޔިތުންނެއް ކަނޑު ހުރަސްކޮށް ކޮންމެ ދުވަހަކު އެ ކުރާ ދަތުރަށް ނިމުމެއް ގެނައުން ކަމަށެވެ. ބުރިޖު އެޅުމުގެ ކުރީގައި ހުޅުމާލޭގައި ދިރިއުޅުނު މީހުން ކޮންމެ ދުވަހަކު މާލެއާ ދެމެދު ދަތުރުކުރަމުން އައި ކަނޑު މަގުންނެވެ.

ބުރިޖު އަޅަން ދެ ގައުމުގެ ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ ޖުލައި 9، 2015 ގައެވެ. އެއަށް ފަހު، މަޝްރޫއު ކުރިއަށް ގެންދިޔަ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއާ މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 23، 2015ގައެވެ.

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ ނަމުން އެ ބްރިޖަށް ނަން ދެއްވާފައިވަނީ ޔާމީނެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީއާއި ރާއްޖޭގެ ސަރުކާރުގެ ބަޖެޓުން އަދި ޗައިނާގެ ލޯނު އެހީގައި އެޅި ބްރިޖު މަޝްރޫއަށް 200 މިލިއަން ޑޮލަރު ވަނީ ޚަރަދުވެފައެވެ.

އެ ބްރިޖަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއެވެ. ތިން އަހަރާއި 11 މަސް ތެރޭ ބުރިޖުގެ މަސައްކަތް ނިންމައިލާ ބުރިޖު ހުޅުވިއިރު ސިނަމާލެ ބްރިޖު ހުޅުވުން ވެގެންދިޔައީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒަކަށެވެ.

comment ކޮމެންޓް