މޭޔަރުގެ އިންޒާރެއް: ހުއްދަ ނުހޯދާ އިމާރާތްކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނަން!

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: އާޒިމް ވަނީ ހުއްދަ ނުހޯދާ އިމާރާތްކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައި -- ސަން ފޮޓޯ/ އަމަން ލަތީފް

މާލެ ސިޓީގައި ހުއްދަ ނުހޯދާ، ގަވާއިދާ ޚިލާފަށް އިމާރާތްކުރާނަމަ އެކަން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މި ފަހަކަށް އައިސް ގަވާއިދާ ޚިލާފަށް އިމާރާތްކުރާ މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ. އެ ކަމަކީ ވަރަށް ނުރައްކާތެރި މައްސަލައެއްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، އޭގެ ސަބަބުން ގޮންޖެހުންތަކެއް ވެސް އެބަހުރި ކަމަށެވެ.

ނަގަންޖެހޭ ހުއްދަތައް ނުނަގައި، ގަވާއިދާ ޚިލާފަށް އިމާރާތްކުރާ ތަނެއް ހަލާކުވުމުން، އެ ތަނުގައި އުޅޭ ބަޔަކަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އިމާރާތްކުރުމަށް ވެސް ވަކި ހުއްދަތަކެއް ކަނޑައަޅާފައި ހުންނަނީ އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން, އިމާރާތްކުރުމުގައި އުޅޭ އިންޖިނިއަރުން ޗެކުކޮށް މޮނިޓަކުރުމަކީ ވެސް ކުރަންޖެހޭ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެހެންކަމުން ގަވާއިދާ ޚިލާފަށް އެކަން ކުރާނަމަ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ލޭންޑް ސެކްޝަނަށް އަންގާފައި އޮންނާނީ އެއްވެސް އިމާރާތެއް ހުއްދަ ނުނަގާ ކުރާނަމަ ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ހުއްޓުވަންޖެހޭނެ ކަމަށާއި އަދި ހައުސިން މިނިސްޓްރީއާ ކޮމިޓީ ތެރެއަށް ވައްދައިގެން ވެސް އެކަން ހުއްޓުވެންޖެހޭނެ ކަމަށް. އަދި ފުލުހަށް ގޮސް އެކަން ހުއްޓުވެން ޖެހޭނެ ކަމަށާއި، ކޯޓުތަކަށް ދާންޖެހިއްޖެ ހާލަތެއްގައި ކޯޓަށް ގޮސްގެން ވެސް އެކަން ހުއްޓުވެން ޖެހޭނެ ކަމަށް އަޅުގަނޑު އޮންނާނީ އެދިފައި، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ މާލެ ސިޓީއަކީ "ކުޅޭކުޅޭ" ތަނެއްގެ ގޮތުގައި އޮތްއޮތުން ބަދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި، މިހާރު އަޅާ ފިޔަވަޅުތަކަކީ ރައްޔިތުންނަށް ފަސޭހައިން ދިރިއުޅެވޭނެ މާހައުލެއް ގާއިމުކުރުމުގެ މަގު ކޮށައިދިނުމަށްޓަކައި އަޅާ ފިޔަވަޅުތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާލޭގައި ގިނަ ދުވަސްވެފައިވާ އިމާރާތްތައް ވެސް ވަރަށް ގިނައެވެ. އެ ފަދަ އިމާރާތްތައް ހުއްދަ ނުހޯދާ ގަވާއިދާ ޚިލާފަށް އިމާރާތްކުރާ މައްސަލަތައް ވެސް ފެންމަތިވެއެވެ.

comment ކޮމެންޓް