މަޖީދިއްޔާގެ ޕްރިންސިޕަލްއާއި ޑެޕިއުޓީ ވަކިކުރަން އެޑިއުކޭޝަން މިނިސްޓްރީއަށް ޕެޓިޝަނެއް

އައިޝަތު މުހައްމަދު ޞާލިޙް: އޭނާ ވަކިކުރަން ގޮވާލައި ވަނީ ޕެޓިޝަނެއް ހުށަހަޅާފައި -- ފޮޓޯ/ ރައީސް އޮފީސް

މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ޞާލިޙާއި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީގެ އިސްތިއުފާއަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކޮށް، އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

އެ ޕެޓިޝަންގައި ވަނީ، ދެ ބޭފުޅުން ވަކިކުރަން ގޮވާލަނީ މަޖީދިއްޔާގެ ކިޔެވުމާއި ދަރިވަރުންނާއި ޓީޗަރުންނާ ގުޅޭ ކަންކަން ގޯސްވެ، ބޮއްސުންލަމުންދާތީ ކަމަށެވެ.

ތޭރަ ސަފުހާގެ އެ ޕެޓިޝަންގައި ވަނީ ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލްގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިމަތިވެފައިވާ ކަމަށް ބުނާ 35 ކަމެއް ފާހަގަކޮށްފައެވެ.

އެ ކަންތައްތަކުގެ ތެރޭގައި ދަރިވަރުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުމާއި ކިޔެވުމާއި އިތުރު ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ ސަމާލުކަމާއި ވަގުތު ނުދިނުން ހިމެނެއެވެ. އަދި ވަކި ފިކުރެއްގެ ޓީޗަރުންނަށް ކުރިއެރުމާއި ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ގޮތަށް ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ޕެޓިޝަނުގައި ތުހުމަތުކޮށްފައިވެއެވެ.

އޭގެ އިތުރުން ޕެޓިޝަންގައި ކޮށްފައިވާ ތުހުމަތުތައް:

  • އައިޝަތު އާއި ޝީޒާގެ ޚިޔާލު ތަފާތުވެ، ދެ ވިސްނުންފުޅެއްގައި މަސައްކަތް ކުރައްވާތީ މެނޭޖްމަންޓް އަދި މުދައްރިސުންނަށް ކަންކަން ކުރުމަށް ހުރަސްތަކެއް އެޅޭ
  • ކިޔެވުމުގެ އިތުރުން ދަރިވަރުންނަށް ތަފާތު ތަޖުރިބާތައް ކުރުމަށް އެކި ދިމަދިމާލުން ހޯދަންޖެހޭ ފުރުސަތުތައް ހޯދައި ނުދިނުން
  • މުދައްރިސުންނާއި ބެލެނިވެރިންނާ ދެމެދު އޮތްގުޅުން ހީނަރުވުން
  • މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރާ ދިމާކޮށް، ޓީޗަރުންގެ ސިޔާސީ ފިކުރު ހުރިގޮތް ބެލުމާއި ސިޔާސީ ފިކުރު ތަފާތު ޓީޗަރުންނަށް ޕްރިންސިޕަލް އެކިއެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުވުން
  • ލީޑިން ޓީޗަރުން ކަނޑައެޅުމުގައި ކޮލިފިކެޝަނަށާއި ތަޖުރިބާއަށް ބެލުމެއް ނެތި ޕްރިންސިޕަލާ ސިޔާސީ ފިކުރު އެއްގޮތްވާ އަދި މެނޭޖްމަންޓަށް ސަނާކިޔާ ފަރާތްތަކަށް މި މަގާމުތައް ދިނުމުގައި އިސްކަން ދިނުން
  • މަޖީދިއްޔާ ސްކޫލްގެ 30 ކްލާސްރޫމު ފިނިކުރަން ބޭނުންވެގެން، މީގެ ދެތިން އަހަރު ކުރިން އޭސީ ޔުނިޓްތަކެއް ހަދިޔާކުރުމުން އަދިވެސް އޭސީ ހަރުކޮށްފައި ނުވުން. އަދި އެކަމުގެ ކޮރަޕްޝަނުގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށްފައިވޭ.

އެ ޕެޓިޝަނާ ގުޅޭ ގޮތުން ޕްރިންސިޕަލް އައިޝަތު "ސަން"އަށް ވިދާޅުވީ އެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި އެއީ "ސިޔާސީ، އަމިއްލަ އެދުމެއް"ގެ ސަބަބުން އެކުލަވާލާފައިވާ ޕެޓިޝަނެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަން ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ އައިޝަތު ޞާލިޙަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކޮއްކޮއެވެ.

comment ކޮމެންޓް