އަހަރުގެ އެންމެ ފަހު ގްލޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ތިންވަނަ ބުރުން މުބާރާތުގައި ދެވަނައަށް ސީޑުކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ތިންވަނަ ބުރުން ސަބަލެންކާ ޖާގަހޯދީ ދެވަނަ ބުރުގައި އިޓަލީވިލާތުގެ ލޫސިއާ ބްރޮންޒޭޓީއާ ބައްދަލުކުރި މެޗު ފަސޭހަކަމާ އެކު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. އޭނާ މެޗުގެ ދެ ސެޓު ކާމިޔާބުކޮށްފައިވަނީ 6-3 އަދި 6-1 އިންނެވެ.
މެޗު ނިންމާލުމަށް ފަހު އޭނާ އަވަސްވެގަތީ އޭނާއާ އެއްގޮތަށް ހެދުންއަޅައިގެން ހުރި ކުޑަކުއްޖަކާ ސަލާމްކުރުމަށެވެ.
މުބާރާތުގެ ތިންވަނަ ބުރުގައި ސަބަލެންކާ ބައްދަލުކުރާނީ 29 ވަނައަށް ސީޑުކުރެވިފައިވާ އެކަތެރީނާ އެލެގްޒެންޑްރޯވާއާއެވެ. އޭނާ ތިންވަނަ ބުރުން ޖާގަހޯދީ އެމެރިކާގެ އީވާ ޖޮވިޗްއާ ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގައި ހަތްވަނައަށް ސީޑު ކުރެވިފައިވާ ޗައިނާގެ ގިންވެން ޒެންއާއި އެރިކާ އެންޑްރީވާ ބައްދަލުކުރި މެޗު ފަހަތުން އަރައި ދެ ސެޓު އެއް ސެޓުން ކާމިޔާބުކުރީ ޒެންއެވެ.
މެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް 7-3 އިން އެންޑްރީވާ ކާމިޔާބުކުރިއިރު ޖެހިގެން އައި ދެ ސެޓު ޒެން ވަނީ 6-1 އަދި 6-2 ކާމިޔާބުކޮށްފައެވެ. ޒެން ތިންވަނަ ބުރުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޖަރުމަނުވިލާތުގެ ޖޫލް ނެއިމިއާއާއެވެ.
މީގެ އިތުރުން، ތިންވަނައަށް ސީޑުކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފްއާއި ޖަރުމަނުވިލާތުގެ ޓަތްޔާނާ މާރިއާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ގައުފް ވެސް ވަނީ ތިންވަނަ ބުރުން ޖާގަ ހޯދައިފައެވެ. އޭނާ މި މެޗުގެ ދެ ސެޓު ކާމިޔާބުކޮށްފައިވަނީ 6-4 އަދި 6-0 އިންނެވެ.
ތިންވަނަ ބުރުގައި ގައުފް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ 27 ވަނައަށް ސީޑު ކުރެވިފައިވާ ޔޫކްރެއިންގެ އެލީނާ ސްވިޓޮލީނާއާއެވެ.