ދާދި ފަހުން ފިލްމީ ދާއިރާއަށް ނުކުތް ޖުނައިދު ޚާންގެ ކިބައިގައި އެކްޓުކުރުމުގެ ހުނަރު ހުންނާނެ ކަމަށް ކުރިން ޤަބޫލު ނުކުރާ ކަމަށް ޖުނައިދުގެ ބައްޕަ އެކްޓަރު އާމިރު ޚާން ބުނެފިއެވެ.
ޖުނައިދު ވަނީ ޔަޝް ރާޖް ފިލްމްސްއިން ރިލީޒްކުރި ފިލްމު "މަހާރާޖް"އިން މި އަހަރުގެ ޖޫން މަހު ފިލްމު އިންޑަސްޓްރީއަށް ނުކުމެފައެވެ. ޖުނައިދުގެ ފުރަތަމަ ފިލްމުގެ މަސައްކަތް ފެށުމުގެ މާ ކުރިން އާމިރު ވާނީ ދަރިފުޅުގެ ފިލްމެއް ޕްރޮޑިއުސް ނުކުރާނެކަން އަންގާފައި ކަމަށާއި އޭރު ޖުނައިދަކީ އެކްޓިންގް ހުނަރު ހުރި މީހެއްކަން ނޭނގޭ ކަމަށް އާމިރު ވަނީ ބުނެފައެވެ.
އާމިރު ކިޔައިދިން ގޮތުގައި އޭނާއެކޭ އެއްގޮތަށް ޖުނައިދަކީ ވެސް ވަރަށް ލަދުރަކި ކުއްޖެކެވެ. އާމިރު ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރުމުން ވަރަށް ގިނަ ބަޔަކު އާމިރަށް އެކްޓުކުރަން ނުކެރޭނެ ކަމަށް ބުނެފައިވުމުން އުއްމީދު ކުރީ ޖުނައިދަށް ވެސް އެފަދަ ފާޑުކިޔުންތައް އަންނާނެކަމަށް ކަމުގައި އާމިރު ވަނީ ބުނެފައެވެ.
ފިލްމީ ދާއިރާއަށް ދަރިފުޅު ނުކުތުމާ އެކު އާމިރުއާ އަޅާ ކިޔާނެ މިންވަރު ހިތަށް އެރުމުން ދަރިފުޅަށް އެފަދަ ކަންކަމާ ކުރިމަތިލާނެ ހިތްވަރު ލިބޭނެތޯ ވެސް ސުވާލު އުފެދުނު ކަމަށް އެކްޓަރު ބުނެފައިވެއެވެ. ޖުނައިދަށް ފިލްމު "މަހާރާޖް" ލިބުނީ އެތައް އޮޑިޝަންތަކަކުން ފެއިލްވުމަށް ފަހުއެވެ.
ބަތަލާ ރިއާ ޗަކްރަބަތީގެ ޕޮޑް ކާސްޓުގައި ވާހަކަ ދައްކަމުން އާމިރު ބުނީ، ޖުނައިދަކީ އާމިރަށް ވުރެ މާ ބޮޑަށް ވެސް އިސްކޮޅުން ދިގު ކުއްޖެއް ކަމުން ގިނަ ބަޔަކަށް އެއީ އާމިރުގެ ދަރިފުޅުކަން ނޭނގޭ ކަމަށެވެ. ފިލްމީ ދާއިރާގެ އިތުރުން ތިއޭޓަ ޝޯތަކުގައި ވެސް މަސައްކަތް ކުރަން ބޭނުންވާ ޒުވާން އެކްޓަރު އިންޑަސްޓްރީއަށް ނުކުތީ އަމިއްލަ މަސައްކަތުން ކަމަށާއި ދަރިފުޅުގެ މަސައްކަތާ މެދު ފަޚުރުވެރިވާ ކަމަށް އާމިރު ވަނީ ބުނެފައެވެ.
ތާރީޚީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "މަހާރާޖް"ގައި ޖުނައިދު ދައްކައިދިން އެކްޓިންއަށް ކްރިޓިކުންގެ އިތުރުން ބެލުންތެރިން ވެސް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މި ފިލްމަށް ފަހު ޖުނައިދު އަންނަނީ ޒުވާން ބަތަލާ ޚުޝީ ކަޕޫރާ އެކު އިތުރު ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.