ދިއްދޫ ކައުންސިލް އެސްޖީގެ ދެމަފިރިން، ފޯޖުކުރި ލިޔުންތަކެއް އޭޖީއަށް ފޮނުވި ކަމަށް ތުހުމަތުކޮށްފި

އދ. ދިއްދޫ: ފޯޖުކުރި ލިޔުންތައް އޭޖީއަށް ދިނީ، ދިއްދޫ ކައުންސިލް އެސްޖީގެ ދެމަފިރިން ކަމަށް ކައުންސިލުން ބުނެފި .-- ފޮޓޯ: ވިލާ ރެސިޑެންސް

އދ. ދިއްދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލާއި އޭނާގެ ފިރިމީހާ، ފޯޖުކޮށްފައިވާ ބޭންކު ސްޓޭޓްމަންޓްތައް އޮޑިޓް އޮފީހަށް ހުށަހަޅައި ދޮގު މައުލޫމާތު ދިން ކަމަށް އެ ކައުންސިލުން މިއަދު ތުހުމަތުކޮށްފިއެވެ.

އޮޑިޓް އޮފީހުން އާންމުކުރި އދ. ދިއްދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، އެ ކައުންސިލުން އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓްގެ ބޭންކް ސްޓޭޓްމަންޓް ފޯޖުކޮށް އޮޑިޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލްގެ ތިޖޫރީގައި އޮގަސްޓު 3، 2022 ވަނަ ދުވަހު ހުރި ފައިސާގެ ތެރެއިން 5،500 ރުފިޔާ އެ އިދާރާގެ ބޭންކު އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

އެ މައްސަލާގައި ކައުންސިލާ ސުވާލުކުރުމުން އަމިއްލަ ފަރާތަކުން ކައުންސިލްގެ ބޭންކް އެކައުންޓަށް ޖަމާކުރި 25،000 ރުފިޔާގެ ތެރޭގައި، އެ 5،500 ރުފިޔާ ހިމެނޭ ކަމަށް ވަނީ ބުނެފައެވެ. އަދި ދެން ޖަމާކުރި ފައިސާއަކީ ކައުންސިލަށް ކުލީގެ ގޮތުގައި ލިބުނު 19،500 ރުފިޔާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، އޮޑިޓް އޮފީހުން ބެލި ބެލުމުން އެ 25،000 ރުފިޔާއަކީ އެ އިދާރާއަށް ލިބިފައިވާ އެހީއެއްކަން ވަނީ ފާހަގަކޮށްފައެވެ.

އަދި ފަހުން އެއީ އޮޅިގެން އެސްޖީގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެ ފައިސާ ފަހުން ރައްދުކޮށްދޭން ބުނުމަށްފަހު ފޯޖުކޮށްފައިވާ ބޭންކު ސްޓޭޓްމަންޓެއް އޮޑިޓަށް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އެ މައްސަލައިގައި ދިއްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލް ހުވާކުރުމަށްފަހު ކައުންސިލަރުން އޮފީހާ ހަވާލުވިއިރު މާލީ ހިސާބު ކިތާބުތައް ބެލެހެއްޓުމުގައި ހަރުދަނާ ނިޒާމެއް ގާއިމުކުރެވިފައި ނެތްކަމަށެވެ.

ގާނޫނީގޮތުން ކައުންސިލް ހިންގޭނެ ހަމައެކަނި ގޮތަކީ މަސައްކަތް ކުރާނެ ސެކްރެޓަރީ ޖެނެރަލްއެއް ނެގުމަށް ފަހު ކަމަށާއި އެތައް ފަހަރަކު އިއުލާނުކޮށްގެން ވެސް އެއްވެސް ފަރާތަކުން އިސްވެ އެ މަގާމަށް ކުރިމަތިލާފައި ނުވާކަން އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރަށުން ބޭރު ފަރާތަކުން ދިއްދޫ ކައުންސިލުން ހުރުމުގެ ޚަރަދު ހަމަޖައްސައިދޭ ގޮތަށް ކުރިމަތިލުމަށް އެއްބަސްވިކަމަށް އެ ކައުންސިލުން ބުންޏެވެ.

އެއާއެކު 4،500 ރުފިޔާއަށް ކުއްޔަށް ގެއެއް ނަގައި، ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާއަށް އެ ފަރާތް ހަމަޖައްސައި 2022 ވަނަ އަހަރުގެ ފެބްރުއަރި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޭނާ މަސައްކަތްކުރަން ފެށި ކަމަށް ކައުންސިލުން ބުންޏެވެ.

އޭގެ ފަހުން އެސްޖީގެ ލަފާގެ މަތިން ކައުންސިލްގެ ހިންގުން ހަރުދަނާކޮށް އިތުރު މުވައްޒަފުން ނަގާ، މާލީ ހިސާބު ކިތާބުތަކާއި ދައުލަތުގެ މުދަލާއި ފައިސާ ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

އެ މަސައްކަތުގެ ދަށުން އެސްޖީގެ ލަފާގެ މަތިން އައިޓީ އަދި ފައިނޭންސް ކޮންސަލްޓަންޓަކަށް މީހަކު ނަގަން ތިން ފަހަރު އިއުލާނުކުރުމުން ވެސް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާ ކަމަށް ވަނީ ބުނެފައެވެ. އޭގެ ފަހުން އައިޓީ ކޮންސަލްޓެންޓްގެ މަގާމަށް އެސްޖީގެ ފިރިމީހާ ނަގަން އެސްޖީ އަމިއްލައަށް ނިންމި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ކައުންސިލުން އެގޮތަށް ނިންމާފައި ނުވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކަމަށް ހުއްދަ ދިނުމުން އެސްޖީގެ ލަފާގެ މަތިން އެ މަގާމަށް އޭނާގެ ފިރިމީހާއާ އެ މަސައްކަތް ހަވާލުކުރީ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ މަގާމަށް އޭނާގެ ފިރިމީހާ ހަމަޖެއްސީ ހުއްދަތައް ނަގައިގެންތޯ ކައުންސިލް މެންބަރުން ތަކުރާރުކޮށް ސުވާލުކުރިކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ސުވާލަށް ޖަވާބު ދީފައިނުވާ ކަމަށާއި އެކަން ކައުންސިލަށް އެނގުނީ އޮޑިޓް ރިޕޯޓުން ކަމަށް ވަނީ ބުނެފައެވެ.

އޮޑިޓުން ބެލި ބެލުމުން 21 މެއި 2023 ވަނަ ދުވަހުން ފެށިގެން 31 ޖުލައި 2023 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލް އެކައުންޓުން އެސްޖީގެ ފިރިކަލުންގެ އަމިއްލަ އެކައުންޓަށް ސަރުކާރު އިމާރާތްތަކުގެ ކަރަންޓު ބިލު ދެއްކުމަށާއި މި އިދާރާއަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށް އެކި ފަހަރުމަތިން ޖުމްލަ 138،517.99 ރުފިޔާ ފޮނުވާފައިވޭ، އދ. ދިއްދޫ ކައުންސިލްގެ ބަޔާން

އަދި އެކަން އެނގުނު ހިސާބުން، ކައުންސިލްގެ ހުރިހާ މުވައްޒަފުންގެ ހާޒިރުގައި ބޭއްވި ބައްދަލުވުމެއްގައި އެސްޖީ އެކަމަށް އެއްބަސްވެފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި މީގެ ކުރިން ވެސް ކައުންސިލަށް އޭނާ ދޮގު މައުލޫމާތު ދީފައިވާކަން ސާބިތުވި ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

comment ކޮމެންޓް