ތުރުކީ އެއާޕޯޓުގައި ގޭޓުގެ މައުލޫމާތު ދިވެހިން، އެތައް ދިވެހިންނެއް ހެއްވާލައިފި

ތުރުކީ އެއާޕޯޓުގައި ގޭޓުގެ މައުލޫމާތު ދިވެހިން، އެތައް ބައެއްގެ ތައުރީފު --

ތުރުކީ އެއާޕޯޓުގައި ރާއްޖެ އަންނަ މީހުންގެ ގޭޓު މައުލޫމާތު ދިވެހިން ލިޔެފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން، ގިނަ ބަޔަކު އެކަމާ ގުޅޭ ގޮތުން އުފާވެރިކަމުގެ ޝުއޫރުތައް ފާޅުކުރަން ފަށައިފިއެވެ.

މި ފޮޓޯ ހިއްސާކުރި މީހާ ލިޔެފައި ވަނީ، ދިވެހި ބަހުން ގޭޓު މައުލޫމާތު ލިޔެފައިވާތަން ބޭރު ގައުމަކުން ފެނުމުން، ދިވެއްސަކަށް ވީތީ ފަޚުރުވެރިވާކަމަށެވެ. އޭނާ ލިޔެފައި ވަނީ ދިވެހި ބަހަކީ ރީތި، ދިގު ތާރީޚެއް އޮޮތް ބަހެއް ކަމަށެވެ. އެހެންކަމުން އަމިއްލަ ބަހެއް ލިބިފައި ވުމަކީ ހުރިހާ ދިވެހީން ވެސް ފަޚުރުވެރި ވާންޖެހޭ ކަމެއްކަމަށް ވެސް އޭނާ ލިޔެފައި ވެއެވެ.

ފޮޓޯއިން ފެންނަ ގޮތުގައި ހުރިހާ ގައުމެއްގެ ގޭޓު މައުލޫމާތު ވެސް އެ ބޯޑުގައި ލިޔެފައި ވަނީ އެ ގައުމެއްގެ ބަހުންނެވެ.

މިކަމާ ގުޅިގެން އެތައް ބަޔަކު ވަނީ ޚިޔާލު ފާޅުކޮށް، އެކަމަށް ތައުރީފު ކޮށްފައެވެ. ސޯޝަލް މީޑީއާގައި ހިއްސާކޮށްފައިވާ މި ޕޯސްޓު 200އަށް ވުރެ ގިނަ މީހުން މިހާތަނަށް ޝެއާކޮށްފައި ވެއެވެ.

މި ޕޯސްޓަށް ކޮމެންޓުކޮށް، މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ލިޔުއްވާފައި ވަނީ، ދާދިފަހުން ތުރުކީއަށް ވަޑައިގެންނެވި އޭނާއަށް ވެސް މި މަންޒަރު ފެނުނު ކަމަށެވެ. އަދި ތުރުކީން ރާއްޖެ އަންނަ މީހުންގެ ގޭޓު މައުލޫމާތު ތުރުކީ އެއާޕޯޓުގައި ދިވެހިން ހުރުމުން އޭނާއަށް ވެސް ކުރެވުނީ އުފާވެރި އިހުސާސްތަކެއް ކަމަށް ޝަމާއު ވަނީ ލިޔުއްވާފައެވެ.

މީގެ އިތުރުން މިކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވީ އޭނާއަށް ވެސް މިކަމުގެ މައުލޫމާތު ލިބުނީ ސޯޝަލް މީޑިއާއިން ކަމަށެވެ.

"އެ ފޮޓޯ ފެނުނީމަ ހަމަ ވަރަށް އުފާވި،" ޝަމްއާން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޚިޔާލު ފާޅުކޮށް އެންމެ ގިނަ މީހުން ބުނެފައި ވަނީ މިކަމާ ފަޚުރުވެރިވާކަމަށެވެ. ނަމަވެސް، ރާއްޖޭގެ އެއާޕޯޓުގައި އެ މައުލޫމާތު ދިވެހިން ނުހުންނާތީ އެކަމުގެ ކަންބޮޑުވުން ވެސް މީހުން ވަނީ ފާޅުކޮށްފައެވެ.

މިއާއެކު، ރާއްޖޭގެ އެއާޕޯޓުގައި ލިޔުންތައް ދިވެހިން ފެންނަން ނުހުންނަނީ ކީއްވެގެންތޯ ވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

comment ކޮމެންޓް