ޅެންވެރީންގެ ދުވަހަށް ޚާއްސަކޮށް، ދިވެހި ޅެންވެރީންގެ ތަފާތު ހުށަހެޅުންތަކާ އެކު 'މަރިޔާދު'ގެ ނަމުގައި ހަފުލާއެއް ބާއްވައިފިއެވެ.
މާލެ ސިޓީ ކައުންސިލާއި ޅެންވެރީންނާއި ސްމައިލް އެންޓަޓައިމެންޓްގެ އިތުރުން އެސްއެސް ޓީވީއާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ކުރިއަށްގެންދިޔަ މި މަރިޔާދު ބާއްވާފައި ވަނީ ރޭ އާޓިފިޝަލް ބީޗުގައެވެ.
މަރިޔާދުގައި ދިވެހި ޅެންވެރީންނާއި ސްމައިލް އެންޓަޓައިމެންޓްއިން ތަފާތު ސަގާފީ ހުށަހެޅުންތަކެއް ދައްކުވައިދިނެވެ.
އޭގެތެރޭގައި ޅެމާއި ލަވަޔާއި ރައިވަރާއި ތަމްސީލެއް ވެސް ހުށަހަޅައިދީފައިވެއެވެ.
މި މަރިޔާދުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމްގެ އިތުރުން އެކެޑަމީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޅެންވެރީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 15ވަނަ ދުވަހެވެ. މި އަހަރުގެ ޅެންވެރީންގެ ދުވަސް ޚާއްސަކޮށްފައި ވަނީ ޅެންވެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލުކުރައްވައިފައިވާ ޢަބްދުﷲ ސާދިގު (ސޯދުބެ)އަށެވެ.
ޅެންވެރީންގެ ދުވަހަކީ ދިވެހި ޅެންވެރިކަމުގެ ޝާޢިރުއްޝަބާބް، އަލްމަރުޙޫމު އިބްރާހީމް ޝިހާބުގެ ހަނދާނުގައި ސަރުކާރުން ރަސްމީކޮށް ފާހަގަކުރާ ދުވަހެކެވެ.
މި ދުވަހުގެ މައިގަނޑު މަގުސަދަކީ ދިވެހި ޅެންވެރީންގެ ޚިދުމަތުގެ އަގު ވަޒަންކުރުމާއި ދިވެހި ޅެންވެރިކަމަށް ދިވެހީން ހޭލުންތެރިކުރުވައި ބަހުގެ އަދަބުގެ ލޯބި އާލާކޮށް ދިރުވުމެވެ.