ތަފާތު ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއެކު، ޓްރީޓޮޕްގެ ހެލްތު ކޭމްޕެއް ތިނަދޫގައި ބާއްވަނީ

ޓްރީޓޮޕް ހޮސްޕިޓަލް ---

ތަފާތު ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއެކު، ޓްރީޓޮޕް ހޮސްޕިޓަލުން ގދ. ތިނަދޫގައި ހެލްތު ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.

އެ ހޮސްޕިޓަލުން މި ކޭމްޕް ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގައެވެ. ޑރ. ޢަބްދުޢްޞަމަދު މެމޯރިޔަލް ހޮސްޕިޓަލްއާއި ގދ. ތިނަދޫ ކައުންސިލް ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި ތަޖުރިބާކާރު ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުޞަތު ފަހިވާނެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ހެލްތު ކޭމްޕްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ކަށީގެ ބަލިތަކާއި ކަރުންމަތީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމްގެ މައްސަލަތަކާއި ހުޅުހުޅުގައި ރިއްސުމާއި ހިތުގެ ބަލިތަކާއި ގޮހޮރުގެ ބަލިތަކާއި ވައިހެދުމުގެ މައްސަލަތަކުގެ އިތުރުން އަންހެނުންގެ ޚާއްސަ ބަލިތައް ހިމެނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން މިފަދަ ހޭލުންތެރިކުރުމުގެ ސިއްޙީ ކޭމްޕުތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޮންމެ އަހަރަކު ވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިދިޔަ ޖުލައި މަހު ގއ. ވިލިނގިލީގައި ބޭއްވި ކޭމްޕްގައި 317 ފަރާތަކުން ބައިވެރިވި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން މާމެންދޫ، ކޮލަމާފުށި، ގެމަނަފުށި، ދާންދޫ، ކޮނޑޭ، ނިލަންދޫ އަދި ކަނޑުހުޅުދޫއިން ވެސް އެ ކޭމްޕްގައި މީހުން ބައިވެރިވެފައި ވާކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިކޭމްޕްތަކުގައި ޑޮކްޓަރަށް ދެއްކުމަށްޓަކައި ބަލިމީހުންގެ އަތުން އެއްވެސް ޚަރަދެއް ނުހިނގާނެ ކަމަށާއި ޓްރީޓޮޕް ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ ޢާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރްޖީ ފާހަގަކުރެއްވި ގޮތުގައި، މި ހަރަކާތުގެ ސަބަބުން މާލެއަށް ދަތުރުކުރުމަށް ހޭދަވާ ވަގުތާއި ޚަރަދު ސަލާމަތްވެ ލުއިފަސޭހަކަމާއެކު ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ފަހިވާނެއެވެ.

އަދި މި ކޭމްޕުގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ޑރ. ޢަބްދުއްޞަމަދު މެމޯރިޔަލް ހޮސްޕިޓަލްގެ ޑޮކްޓަރުން ޓެކްނިކަލް ލެވެލްގައި މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ކުރިޔަށް ގެންދަވާނެ ކަމަށްވެސް ޓްރީޓޮޕުން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކުގައި ވެސް މިފަދަ ކޭމްޕްތައް ބޭއްވުމަށް އެ ހޮސްޕިޓަލުން ވަނީ ނިންމާފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ގދ. ތިނަދޫ މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕުގައި ބައިވެރިވާ ޑޮކްޓަރުންނަކީ:
* ޑރ. މުހައްމަދު ހަބީބް (ކޮންސަލްޓަންޓް ކަށީގެ ޚާއްސަ ބަލިތަކާއި ޓްރައުމާ ސާޖަރީ)
* ޑރ. އަލީ މުޒްނީ (ކޮންސަލްޓަންޓް ކަށީގެ ޚާއްސަ ބަލިތަކާއި ސާޖަރީ )
* ޑރ. އަޙްމަދު އާޒިމް އަބްދުލް ޝަކޫރް (ކަށީގެ ޚާއްސަ ބަލިތަކާއި ސާޖަރީ ކޮންސަލްޓަންޓް)
* ޑރ. ރާޖޭޝް އަރްވިންދް ވާލަން (ކޮންސަލްޓަންޓް ކަރުން މަތީގެ ޚާއްސަ ބަލިތައް)
* ޑރ. ޝިރްމީން މުހައްމަދު (ކޮންސަލްޓަންޓް އަންހެނުންގެ ޚާއްސަ ބަލިތައް)
* ޑރ. މެހްމުތް އޮޑާރ (ކޮންސަލްޓަންޓް ކުޑަކަމުދާ ނިޒާމުގެ ބަލިތައް)
* ޑރ. އަބްދުލް އަޒީޒް އަހްމަދު (ކޮންސަލްޓަންޓް ހިތުގެ ޚާއްސަ ބަލިތައް / އިންޓަރވެންޝަނަލް ކާޑިއޮލޮޖީ)
* ޑރ. ޑިއެގޯ އެލެޖެންރޯ ބުލްޖެރިއޯނިއޯ (ކޮންސަލްޓަންޓް އެތެރެހަށީގެ ޚާއްސަ ބަލިތައް)

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުން ކަމުގައި އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެ ހޮސްޕިޓަލުން ވަނީ މި ހެލްތް ކޭމްޕާބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެދިފައެވެ.

comment ކޮމެންޓް