ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްސްގެ ދެވަނަ ބުރުން މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ ޖާގަހޯދައިފިއެވެ.
މުބާރާތުގެ ދެވަނަ ބުރުން ސިނާ ޖާގަ ހޯދާފައިވަނީ ފުރަތަމަ ބުރުގައި އެމެރިކާގެ މެކެންޒީ މެކް ޑިނާލްޑާ ބައްދަލުކުރި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފެށުން ދިޔައީ ސިނާ ހީކުރި ގޮތާ ހިލާފަށެވެ. ފުރަތަމަ ސެޓު 6-2އިން ކާމިޔާބު ކޮށްފައިވަނީ މެކެންޒީއެވެ. ނަމަވެސް، ދެވަނަ ސެޓާ ހިސާބުން ސިނާ މެޗުގެ ތެރެއަށް ވަދެ، ކޮންޓްރޯލް ނެގިއެވެ. ޖެހިގެންއައި ތިން ސެޓު އޭނާވަނީ 6-2، 6-1 އަދި 6-2 އިން ކާމިޔާބުކޮށްފައެވެ.
މިއީ ބޭނުން ކުރުން މަނާ މާއްދާއަކަށް ސިނާ ދެ ފަހަރެއްގެ މަތިން ޕޮޒިޓިވްވުމާ ގުޅިގެން ކުރިއަށް ގެންދިޔަ އެޕީލް ޕްރޮސެސް ކާމިޔާބުވި ފަހުން އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
ސްޕެއިންގެ ކާލޯސް އަލްކަރާޒް ވެސް ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފައެވެ.
ދެވަނަ ބުރުން އަލްކަރާޒް ޖާގަ ހޯދީ ފުރަތަމަ ބުރުގައި އޮސްޓްރޭލިއާގެ ލީ ޓޫއާ ބައްދަލުކުރި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ.
މެޗުގެ ފުރަަތަމަ ސެޓު 6-2 އިން އަލްކަރާޒް ކާމިޔަބުކުރި ނަމަވެސް ޖެހިގެން އައި ސެޓު ވަނީ ލީ 4-6 އިން ކާމިޔާބުކޮށް އަލްކަރާޒް ސިއްސުވައިލާފައެވެ. ނަމަވެސް، އަލްކަރާޒް ވަނީ ޖެހިގެން އައި ދެ ސެޓު 6-3 އަދި 6-1 އިން ކާމިޔާބުކޮށް ދެވަނަ ބުރުން ޖާގަހޯދައިފައެވެ.
މި ފަހަރުގެ މުބާރާތް ކާމިޔާބުކުރުން އެންމެ ގާތް ކުޅުންތެރިންގެ ތެރޭގައި ސިނާއާއި އަލްކަރާޒް ހިމެނެއެވެ.
މުބާރާތުގައި ފަސްވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވާއި ސާބިއާގެ ޑުސާން ލަޔޮވިޗް ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކޮށް، މެޑްވެޑޭވް ވެސް ވަނީ ދެވަނަ ބުރުން ޖާގަ ހޯދައިފައެވެ.
ނަމަވެސް، މި މުބާރާތުގައި 11 ވަނައަށް ސީޑު ކުރެވިފައިވާ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސްއާއި އޮސްޓްރޭލިއާގެ ތަނާސީ ކޮކިނާކިސް ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކުރީ ކޮކިނާކިސްއެވެ. މިއީ ސިޓްސިޕާސް ޔޫއެސް އޯޕަންގެ ކުރީ ކޮޅު މުބާރާތަށް ޖެހިޖެހިގެން އަލްވަދާއު ކިޔާ ހަތްވަނަ ފަހަރެވެ.