ސްޕެނިޝް ލަލީގާގައި އެފްސީ ބާސެލޯނާއާއި ރާޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު ކާމިޔަބުކޮށް، ބާސާއިން ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.
ވަޔެކާނޯގެ ދަނދުގައި ކުޅުނު މި މެޗު ބާސާއިން ކަމިޔާބުކުރީ ފަހަތުން އަރައި 2-1 އިންނެވެ.
މެޗުގެ ފެށުން ރަނގަޅުވީ ވަޔެކާނޯގެއެވެ. މި ގޮތުން، މެޗުގެ ނުވަވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ވަޔެކާނޯއިންވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އުނާއި ލޯޕޭޒްއެވެ. ވަޔެކާނޯގެ ލަނޑަކީ ބާސާއަށް މާ ރަނގަޅު ކުޅުމެއް ފަހަކަށް އައިސް ދެއްކޭ ދަނޑަކަށް ނުވަތީ މި މެޗުގައި ވެސް އެކަން ތަކުރާރުވެދާނެ ކަމަށް ހީވިއެވެ.
އެކަމަކު، ދެވަނަ ހާފުގައި ބާސާއިން ވަނީ މެޗު އަނބުރާލައިފައެވެ. އެ ގޮތުން، މެޗުގެ 60 ވަނަ މިނެޓުގައި ޕެޑްރީ ލަނޑެއް ޖަހާ އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ. މިއީ މި ސީޒަންގައި ޕެޑްރީ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މެޗުން ބާސާ މޮޅުވި ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ޖަހައިދިނީ ބާސާގެ ޖާޒީގައި މުޅިން އަލަށް ކުޅުނު ޑަނީ އަލްމޯއެވެ.
މިއީ އޭނާ ބާސާއަށް ސޮއިކުރުމަށް ފަހު އެ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އޭނާއަށް މިހާތަނަށް ބާސާއަށް ނުކުޅެވި ލަސްވެފައިވަނީ އޭނާ ލަލީގާގައި ރަޖިސްޓާ ކުރުމުގައި ބާސާއަށް ކުރިމަތިވެފައިވި ދަތިތަކަކާހުރެއެވެ.
މި ކާމިޔާބީއާ އެކު ބާސާ ވެފައިވަނީ ލަލީގާގައި މި ސީޒަންގައި މިހާތަނަށް ސައްތައިން ސައްތަ ރިކޯޑެއް ދަމަހައްޓަމުން އަންނަ ހަމައެކަނި ކްލަބަށްވެފައެވެ.
އެ ޓީމު މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައެވެ. މުބާރާތުގައި ސެލްޓަވީގޯއާއި ވިޔަރެއާލް ބައްދަލުކުރި މެޗު 4-3 އިން ކާމިޔާބުކޮށްފައިވަނީ ވިޔަރެއާލްއެވެ. މި ކާމިޔާބީއާ އެކު އެ ޓީމުން މިހާރު އުޅެނީ ހަތް ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައެވެ.