ގައުމީ ބޭންކް، ބީއެމްއެލްގެ ނިންމުމާ އެކު އިދިކޮޅު ފަރާތްތަކުން އަޑީގައި ތިބެގެން ހިންގަން އުޅުނު ކަމަށް ތުހުމަތުކުރާ 'މާލީ ބަޣާވާތް' ނާކާމިޔާބުކޮށްލެވުނީ އޭގެ ކުރީގައި މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ދުރުކުރެވިފައި އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން 'ބަޣާވާތް'ކުރަން އުޅުނު ކަމަށް ބުނެ، ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައިފައެވެ.
'ސަން'އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ، ކުރިން ހުންނެވި ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ޖެހުނީ ވެސް ޑޮލަރުގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރަން އަމިއްލަ އިސްނެންގެވުމުގައި މަސައްކަތްކުރައްވާފައިނުވާތީ ކަމަށެވެ. އެއީ، ކުރެވުނު ރަނގަޅު ކަމެއްކަން މިހާރު ޔަގީންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެނގޭ އިގުތިސާދީ ގޮތުން ހައްސާސް ދުވަސްތަކެއް އެބަ އަންނަކަން. ވަރަށް ރިސްކީ ގޮތަކަށްކަން އަޅުގަނޑުމެންގެ އިގުތިސާދީ ކަންކަން އޮތީ. ސަބަބަކީ، ސަރުކާރާ ހަވާލުވެގެން އަޅުގަނޑުމެންނަށް ފޮތްތައް ބަލަން ލިބުނުއިރުގައި އަޅުގަނޑުމެންނަށް ފޮތްތަކުން މި ފެންނަނީ ބޮޑެތި ބާގަނޑުތައް،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށެވެ.
އެއީ، ކުއްލިއަކަށް ނިންމައިގެންވާނެ ނިންމުމެއް ނޫން ކަމަށާއި އެ ފަދަ ފިޔަވަޅެއް އެޅި ނަމަވެސް އެ ކަމަށް ދުރާލައި ވަގުތު ދޭންޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އެހެންވެ، ބީއެމްއެލުން އެ ދުވަހު އަމަލުކުރީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އިންޓަނެޓް ބޭންކިންއާއި އަނެއްކާ ރާއްޖެއިން ބޭރުގައި ކާޑުތައް ބޭނުންކުރާ ދަރިވަރުންނާއި އެމްބަސީތަކުގައި މަސައްކަތްކުރާ މީހުންނާއި މި އެންމެންނަށް ކާޑު މެދުވެރިކޮށް މި ޚިދުމަތްތައް ދިޔައީ ލިބެމުން. އެހެންވީމާ އިރުއަރާފައި އިރުއޮއްސޭއިރަކަށް އެ ޚިދުމަތް ކަނޑައެއް ނުލެވޭނެ،" ނާޒިމް ވިދާޅުވިއެވެ.
"އެކަން ކުރި ކަމަށް ވިޔަސް މުރާޖައާ ކުރި ކަމަށް ވިޔަސް އަދި ހުއްޓާލި ކަމަށްވިޔަސް އެއަށް ވަގުތު ކޮޅެއް ދޭން ޖެހޭނެ. އެ މީހުން ޑޮލަރު އެކައުންޓް ހުޅުވަން، އެ މީހުންގެ ކާޑުތަކާއި ޑޮލަރު އެކައުންޓްތަކާ ގުޅުވަން،"
އޭނާ ވިދާޅުވީ، އެމްއެމްއޭއިން އެ ދުވަހު އެޅި ފިޔަވަޅުތަކަކީ ވަރަށް މުހިންމު، ވަރަށް ރަނގަޅު ފިޔަވަޅުތަކެއް ކަމަށެވެ.
ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދޫކުރަމުން އައި ޑޮލަރު އެއްކޮށް ހުއްޓައިލާނެކަން އިއުލާނުކުރުމާ އެކު، ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނާއި ކުދި ވިޔަފާރިތައް ކުރާ މީހުން ހިމެނޭހެން ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ބީއެމްއެލުން ފަހުން ނިންމުން ބަދަލުކުރީ އެމްއެމްއޭއިން ދިން އިރުޝާދަކާ ގުޅިގެންނެވެ.
"އަޅުގަނޑުމެން ގަވަރުނަރު ބަދަލުކޮށްފައި އޮތަތީވެ، އެ ކަންތައް އެގޮތަށް ވެގެން ގޮސް، އެ މައްސަލަ ހެނދުނު ރޯވި އަލިފާންގަނޑު އިރުއޮއްސެންވާއިރަށް ނިއްވައިލެވުނީ،" އޭނާ ވިދާޅުވިއެވެ.
"ދުރާލާ އަޅުގަނޑުމެން ގަވަރުނަރު ބަދަލުކޮށްފައި އޮތީމާ، އެ ސިޔާސަތު އެ ގޮތަށް ތަންފީޒު ކުރެއްވީ،"
މީގެ އިތުރުން، ޑޮލަރުގެ މައްސަލަ ހައްލުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވި ސިޔާސަތުތަކާ ގުޅިގެން ނާޒިމް ވިދާޅުވީ، ގައުމަށް ދިމާވެފައި އޮތް އަސްލު މައްސަލައަށް ހައްލެއް ހޯދަން މަސައްކަތްކުރާތަން މި ފެންނަނީ އަދިކިރިޔާ ކަމަށެވެ.
ޑޮލަރުގެ މައްސަލައަކީ މިއަދަކު އިއްޔެއަކު ދިމާވެގެން އުޅޭ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ކުރީގެ ސަރުކާރުތަކަށް އެ މައްސަލައާ ކުރިމަތިލާން ނުކެރުނީ ކަމަށެވެ.
"އަދި ކިރިޔާ ދިމާވެފައި އޮތް އަސްލު މައްސަލައާ މި ކުރިމަތިލެވުނީ. މީގެ ކުރިން އޭގެ ވަށައިގެން ތިބެގެން އަޅުގަނޑުމެންނަށް މި ވާހަކަ މި ދެކެވެނީ. ކުރީގެ ސަރުކާރުތަކުގައި ވެސް މި މައްސަލަ ހަމަ އޭރު ވެސް އޮތް ދެއްތޯ. އެކަމަކު، ހައްލުކުރަން އެއްވެސް މަސައްކަތެއް ކުރެވިފައެއް ނެތް،" އޭނާ ވިދާޅުވިއެވެ.
"މި ސަރުކާރުން [ރައީސް] ޑރ. މުއިއްޒު އިއުލާނުކުރެއްވި ކަންކަމަކީ ރައްޔިތުން އެ ކަމަށްޓަކައި ފަހުރުވެރިވެ، ޝުކުރުވެރިވާން ޖެހޭ ވަރުގެ ނިންމެވުމެއް،"
ރައީސް ވަނީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން ބައެއް ޓެކްސްތައް ދެއްކުމާއި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ސީދާ ބޭންކްތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުން ފަދަ ފިޔަވަޅުތަކެއް އަޅުއްވާނެކަން އިއުލާނުކުރައްވައިފައެވެ. އެ ފިޔަވަޅުތަކާ އެކު ބީއެމްއެލަށް ދިމާވެފައި އޮތް ޑޮލަރުގެ ދަތިކަމަށް ހައްލެއް ލިބޭނެ ކަމަށް ނާޒިމް ގަބޫލުކުރައްވައެވެ.
ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ހުއްޓައިލަން ނިންމުމާ އެކު ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކުރަން ފަށައިފައެވެ. މީސްމީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ވެސް ގޮވާލައިފައެވެ.
އޭގެ ފަހުން ފުލުހުން ވަނީ އެ ދުވަހު ގާނޫނީ ގޮތުން އުފެދިފައި އޮތް ވެރިކަމެއް ވައްޓާލަން މަސައްކަތްކުރި ކަމަށް ބުނެ، ޖިނާއީ ތަހުގީގެއް ފަށައިފައެވެ. ރައީސް މުއިއްޒު ވެސް ވަނީ ބީއެމްއެލްގެ ނިންމުމާ އެކު އިދިކޮޅު ފަރާތްތަކުން ބަޣާވާތް ކުރަން އުޅުނު ކަމަށް ތުހުމަތުކުރައްވައިފައެވެ. ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ބީއެމްއެލްގެ ވެރިން މަގާމުން އިސްތިއުފާ ދޭން ވެސް ގޮވާލައިފައެވެ.