ކަރަންޓު އިގްތިޞާދުކުރަން ގޭބީސީތަކުގައި ސްމާޓް މީޓަރުތަކެއް ހަރުކުރަން ފަށައިފި

ސްމާޓް މީޓަރެއް: ފެނަކައިން ވަނީ ކަރަންޓު އިގްތިޞާދު ކުރުމަށް ގޭބީސީތަކުގައި ސްމާޓް މީޓަރުތަކެއް ހަރުކުރަން ފަށައިފަ ---- ފޮޓޯ/ ވިޗް

ކަރަންޓު އިގްތިޞާދުކުރަން ފެނަކަ ކޯޕަރޭޝަނުން ގޭބީސީތަކުގައި ސްމާޓު މީޓަރުތަކެއް ހަރުކުރަން ފަށައިފިއެވެ.

ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ކަރަންޓު ބިލު ބޮޑުވާތީ ރައްޔިތުންގެ ފަރާތުން ޝަކުވާ އަންނަ ކަމަށާއި އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް ބިލު ބޮޑުވާނަމަ އެ ކޯޕަރޭޝަނަށް ޝަކުވާ ހުށަހެޅުމުން އެ މައްސަލަ ބަލާނެ ކަމަށެވެ.

ކަރަންޓު ބިލު ބޮޑުވާ ސަބަބުތައްކަމަށް އެ ކޯޕަރޭޝަނަށް ފާހަގަވެފައިވާ ކަންތައްތަކެއް މުއާޒް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަރަންޓު ބިލު ބޮޑުވާ ކަމަށާއި އެކަމުގެ ސަބަބުން ޑީސަލަށް ކުރަން ޖެހޭ ޚަރަދު އިތުރުވާކަމަށް މުއާޒް ވިދާޅުވިއެވެ.

ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެ ކުންފުނިން ވަނީ ކަރަންޓު އިގްތިޞާދު ކުރުމަށް ގޭބީސީތަކުގައި ސްމާޓް މީޓަރުތަކެއް ހަރުކުރަން ފަށައިފަ --- ސަން ފޮޓޯ/ ނާއިޝް ނާހިދު

ކަރަންޓު ބިލު ކުއްލިއަކަށް މިހާ ބޮޑުވާން ދިމާވާ އެހެން ސަބަބެއް ވެސް އަޅުގަނޑުމެނަށް ފާހަގަކުރެިވފައި އެބަވޭ. އޭގެތެރޭގައި މި އޮންނަނީ ސަރުކާރުން ހަދާފައި އޮންނަ ބޭންޑުތަކެއް، ވަކި ޓެރިފްތަކެއް، ވަކި ރޭޓްތަކެއް މި ހުންނަނީ. މީގެ 12 ވަރަކަށް 15 ވަރަކަށް އަހަރު ކުރިން ހަދާފައި އޮތް ބޭންޑުތަކެއް މީ. ހަ ބޭންޑެއް ޖުމްލަ މި އޮންނަނީ. ހަވަނަ ބޭންޑުގައި މި އޮންނަނީ 600 ޔުނިޓް. ކޮންމެ ބޭންޑެއްގައި މި އޮންނަނީ ސަތޭކަ ޔުނިޓް. ބޭންޑު މަތިވާ ވަރަކަށް އަދަދު އިތުރަވަމުންދާ ގޮތަށް ރޭޓް އެބަ މަތިވޭ. ހަތަރު ރުފިޔާ ކޮންމެސް ލާރިކޮޅެއް މި އޮންނަނީ ފަހު ބޭންޑުގައި

އެހެންކަމުން، ގޭބީސީތަކުގައި ބޭނުން ކުރާ ކަރަންޓު އިތުރުވުމާއެކު އެންމެ ފަހު ބޭންޑަށް ވަރަށް ގިނަ ޔުނިޓުތައް ފޯލްވާ ކަމަށާއި އެބޭންޑަށް ފޯލްވުމުން ކަރަންޓު ބިލު ދެ ގުނަ ނުވަތަ ތިން ގުނައަށް ބޮޑުވެގެންދާ ތަން ވަރަށް ސާފުކޮށް ފެންނަ ކަމަށް މުއާޒް ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން މުއާޒް ވިދާޅުވީ، ކުރިން ކަރަންޓު ބިލަށް 1000 ރުފިޔާ އަރާ ގެތަކުގައި ހަވަނަ ބޭންޑަށް ފޯލްވާ މިންވަރު އިތުރުވުމުން 2000 ނުވަތަ 3000 ރުފިޔާއަށް ބިލު ބޮޑުވެފައިވާ ކަމަށެވެ.

ކަރަންޓު ބިލާއި ފެން ބިލުތަކެއް: ފެނަކައިން ވަނީ ކަރަންޓު އިގްތިޞާދު ކުރުމަށް ގޭބީސީތަކުގައި ސްމާޓް މީޓަރުތަކެއް ހަރުކުރަން ފަށައިފަ --- ސަން ފޮޓޯ

ކަރަންޓު ބިލު ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ސްމާޓް މީޓަރު ޕްރޮޖެކްޓުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ ޕްރޮޖެކްޓުގެ ތެރެއިން ވަރަށް ގިނަ ރަށްރަށުގައި ސްމާޓް މީޓަރަށް ބަދަލު ކުރެވިފައިވާ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، ފުވައްމުލައް ސިޓީއާއި ދ. ކުޑަހުދަވޫގެ އިތުރުން މ. އަތޮޅުގެ ބައެއް ރަށްތަކުގައި ސްމާޓު މީޓަރު މިހާރު ވަނީ ހަރުކޮށް ނިންމާފައެވެ.

މި ސްމާޓް މީޓަރުތަކުން މިއަދު އަޅުގަނޑުމެނަށް އެނގިގެންދާނެ އިއްޔެގައި އަޅުގަނޑުމެނަށް ގެތަކުގައި ބޭނުން ކުރެވުނު ކަރަންޓުގެ ޔުނިޓްތައް. އެހެންވީމަ ބޭނުން ކުރެވުނީ ކިހާ މިންވަރަކަށް ކަން. ސީދާ ފޯނު މެދުވެރިކޮށް ބެލިގެންދާނެ.

މުއާޒް ވިދާޅުވީ، އެ މީޓަރުތަކުގެ ސަބަބުން ކަރަންޓު އިގްތިޞާދު ކުރުމަށް ވަރަށް ބޮޑު ފުރުސަތެއް ހުޅުވިގެންދާނެ ކަމަށާއި ދުވަހުން ދުވަހަށް ކަރަންޓު ބިލަށް އަރަމުންދާ މިންވަރު ބަލައިލެވޭނެ ކަމަށެވެ.

އެއާކޮންޑިޝަން ނިއްވާލަނީ: ފެނަކައިން ވަނީ ކަރަންޓު އިގްތިޞާދު ކުރުމަށް ގޭބީސީތަކުގައި ސްމާޓް މީޓަރުތަކެއް ހަރުކުރަން ފަށައިފަ -- ސަން ފޮޓޯ

މީގެކުރިން ވެސް އެ ޕްރޮޖެކްޓު ފަށާފައި އޮތްކަން ފާހަގަކުރައްވައި މުއާޒް ވިދާޅުވީ، ޗައިނާގެ ވިޒްޑަމް ކިޔާ ކުންފުންޏާއެކުގައި އެ މަސައްކަތް ކުރުމަށް އެއްބަސްވުމެެއް ހަދާފައި އޮތް ކަމަށާއި އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައި އޮތުމުން އެ ކުންފުނިން ވަރަށް ޝަކުވާތައް ކޮށްފައިވާ ކަމަށެވެ.

https://sun.mv/192771

ނަމަވެސް، މިހާރު ބައެއް ޕޭމަންޓު ތަކުގެ ފައިސާ ދައްކާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ އެއްކޮށް ޚަލާސްކުރައްވާނެ ކަމަށް މުއާޒް ވިދާޅުވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުމަކަށްވީ ކަރަންޓު ބިލުތައް ބޮޑުވުމުގެ މައްސަލައެވެ. ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމުން ވެސް ކަރަންޓު ބިލު ކުޑަނުވާ ކަމަށް ބައެއް އާންމުން ބުނެއެވެ. ޗުއްޓީއަށް މުޅި ގެ އެއްކޮން ނިވާލާފައި ދިއުމުން ވެސް ކަރަންޓު ބިިލު ކުޑަނުވާ ކަމަށް އާންމުންގެ ބައެއް މީހުން ތުހުމަތުކުރިއެވެ.

comment ކޮމެންޓް