ކުޅުދުއްފުށީ ސިޓީގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލާއެކު އެއްބަސްވުމެއް ނުހެދުމުން ކައުންސިލްގެ ދައުރު އަދާކުރުމަށް ހުރަސްއެޅޭ ކަމަށް ބުނެ، ފެނަކަ ކޯޕަރޭޝަނާ ދެކޮޅަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާއަކީ ކުރެވޭނެ ދައުވާއެއް ނޫން ކަމަށް އެ ކޯޓުން ކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މި މައްސަލައަކީ މިދިޔަ ޖޫން މަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ކައުންސިލުން ފެނަކައިގެ މައްޗަށް ދައުވާކުރީ ލާމަރުކަޒީ ގާނޫނުގައި ރަށެއްގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފައިވާތީއެވެ. އަދި އެ ހިދުމަތް ތިންވަނަ ފަރާތަކުން ފޯރުކޮށްދޭނަމަ އެ ފަރާތަކާއި ކައުންސިލާ ދެމެދު އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވާތީ، އެކަމަށް ހަވާލާދީއެވެ.
ނަމަވެސް ފެނަކައިން އެއްބަސްވުން ހެދުމަށް ދެކޮޅު ހަދަމުން ދިޔައީ، އެ ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ރަށްތަކުގައި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުންޏަކަށްވާތީ، ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ "ތިންވަނަ ފަރާތް" ކަމުގައި ފެނަކަ ނުހިމެނޭނެ ކަމަށް ބުނެއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ފެނަކައިން ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދެމުންގެންދަނީ އެ ކުންފުނީގެ އަމިއްލަ އިހުތިޔާރުގައި ނޫން ކަމަށެވެ. އަދި އެއީ ސަރުކާރުން އެ ކުންފުންޏަށް އެ ޒިންމާ ހަވާލުކުރުމުން ދެމުން އަންނަ ހިދުމަތެއް ކަމަށްވާތީ، އެ ދައުވާއަކީ ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އެ ނިންމުން، ސިޓީ ކައުންސިލުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މި ހަފްތާގައެވެ. އެހެންނަމަވެސް އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނުނިންމައެވެ.