އައްޑޫގެ ފެނަކަ ބްރާންޗުން 90އާ ގާތް ކުރާ އަދަދަކަށް މުވައްޒަފުން ވަކިކޮށްފައިވާކަން އައްޑޫގެ މޭޔަރު އަލީ ނިޒާރު މިއަދު ހާމަކުރައްވައިފިއެވެ.
ފެނަކައިގެ ވެރިންނާ ހަވާލާދެއްވައި ނިޒާރު އެކްސްގައި ލިޔުއްވި ގޮތުގައި، އެ މުވައްޒަފުން ވަކިކޮށްފައި ވަނީ، އެ މީހުން ކުރާނެ އެތައް މަސައްކަތެއް ހުއްޓައި، ޕީއެންސީ މަޖިލިސް މެންބަރުންތަކެއްގެ މަޝްވަރާ ލިބިގެންނެވެ.
އެގޮތުން، ރައްޔިތުން ހޮވާފައި ތިބޭ މަންދޫބުން "ރައްޔިތުންނަށް އަނިޔާ" ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވި ގޮތުގައި، ފެނަކައިގައި މުވައްޒަފުން ގިނައީ މާލޭގައި ހުރި ފެނަކަ ހެޑު އޮފީހުގައެވެ.
އެއީ، އެ އޮފީހުގައި 'މަސައްކަތެއް ނެތި' ކޯފީ ބޯން ތިބި މުވައްޒަފުން ކަމަށް ނިޒާރު ލިޔުއްވާފައިވެއެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު: ވިދާޅުވީ، އައްޑޫ ފެނަކަ ބްރާންޗުން 90އާ ގާތް ކުރާ އަދަދަކަށް މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ---- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް
ކަން އެހެން އޮތްއިރު، އައްޑޫގެ ފެނަކަ ބްރާންޗުން މުވައްޒަފުން ވަކި ކުރުމަކީ އަނިޔާއެއް ކަމަށާއި ތަފާތު ކުރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި، އެއީ، ޕީއެންސީގެ އައްޑޫ ލީޑަޝިޕުގެ ނުކުޅެދުމެއް ކަމަށް ނިޒާރު ގަބޫލުކުރައްވައެވެ.
ނިޒާރު މި ފަދައިން ތުހުމަތުކުރެއްވިއިރު، ސަރުކާރު ބައެއް ކުންފުނިތަކަކީ އެކަށީގެންވާ އަދަދަށް ވުރެ ގިނައިން މުވައްޒަފުން އައްޔަނުކުރާ ކަމުގެ ތުހުމަތުތައް ކުރެވެއެވެ.
އެ ފަދަ ވާހަކައެއް، މި މަހު ކުރީކޮޅު ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ. އެގޮތުން، ވިޔަފާރި ބަނދަރުތަކާ ބެހޭ ކުންފުނި އެމްޕީއެލުގައި ތިބެންޖެހޭ އަދަދަށް ވުރެ އިތުރަށް 600 މުވައްޒަފުން އެބަ ތިބި ކަމަށާއި މިހާރު ވެސް އެ ކުންފުނިން 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރަށް ބޭރުވާ ކަމަށް އެ ދުވަހު އޭނާ ވިދާޅުވިއެވެ.
ކަން އެހެން އޮތްއިރު، ދައުލަތުގައި ގިނައީ، ގެއްލުމުގައި ހިންގާ ކުންފުނިތަކެވެ. އެހެންވެ، ސަރުކާރު ކުންފުނިތަކުގެ ޚަރަދު ކުޑަ ކުރުމަށް 33 ޕަސެންޓް މުވައްޒަފުން މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފައެވެ. އަދި ފެނަކައަކީ ވަރަށް ބޮޑަށް ބޮއްސުންލާފައިވާ ކުންފުންޏަކަށް ވާތީ ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދު ކުރުމަށާއި ރީ ސްޓްރަކްޗާ ކުރުމަށް އެކުންފުންޏަށް ވަނީ އަންގައިފައެވެ.
ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ތިން މަސް ތެރޭ ނިންމަން މި މަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ އަންގައިފައެވެ.