އިސްފަންތީގެ މުވައްޒަފުން ބިނާކުރުމަށާއި އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށްބޮޑު އިސްކަމެއް ދެއްވާކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ލީޑާޝިޕް ޕުރޮގުރާމުގެ ދެވަނަ ބެޗް "މޯލްޑިވްސް އެގްޒެކެޓިވް ލީޑާޝިޕް ޕްރޮގްރާމް"ގެ ތަމުރީނު ސެޝަންތައް ރަސްމީގޮތުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ކަމާގުޅޭ ޢިލްމާއި ހުނަރު ލިބި، މުސްތަޤުބަލަށް ތައްޔާރުވެފައިވާ ލީޑަރުންނާއި ސިޔާސަތުތައް އެކުލަވައިލާ ފަރާތްތައް ބިނާކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
އަދި މީގެ އިތުރުން އެ ފަރާތްތަކުގެ ލީޑާޝިޕް ހުނަރުތައް ތަރައްޤީކޮށް، ސަރުކާރުން ކާމިޔާބީތައް ހޯދައިދިނުމުގައި މަސައްކަތްކުރާނެ ޗޭންޖް އެޖެންޓުން ބިނާ ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވިއެވެ.
މިގޮތަށް މަސައްކަތްކުރުމުގައި ގާތް ރަހުމަތްތެރި، އަވަށްޓެރި ޤައުމުތަކާ ގުޅިގެން ރާއްޖޭގެ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކޮށް ހަރުދަނާކުރުމަށާއި އިދާރާތަކުގެ ޕާފޯމަންސް ރަނގަޅުކުރުމަށް ކަމާގުޅޭ ފަރާތްތަކާ ވެސް ގުޅިގެން ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މޯލްޑިވްސް އެގްޒެކެޓިވް ލީޑާޝިޕް ޕްރޮގްރާމު ފެށުމުގެ ގޮތުން މިއަދު ވަނީ ސްޓްރެޓެޖިކް ލީޑާޝިޕް އަދި ޕޮލިސީ ރަނގަޅު ނިންމުންތައް ނިންމުމަށް އަމާޒު ހިފައިގެން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މަސައްކަތު ބައްދަލުވުމެއް ފަށާފައެވެ.
މި ސެޝަންތަކުގައި މި ޕްރޮގްރާމުގައި ހިމެނޭ ޖުމުލަ ފަސް މޮޑިއުލްގެ ތެރެއިން ދެ މޮޑިއުލެއް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި ޕްރޮގުރާމުގެ ބައެއް ޔޫއޭއީގައި ވެސް ކުރިއަށްގެންދާނެއެވެ. އެގޮތުން ޕްރޮގްރާމުގެ ބައިވެރިން ޔޫއޭއީގެ ކަނޑައެޅޭ ސަރުކާރުގެ ބައެއް އިދާރާތަކަށް ޒިޔާރަތްކޮށް އެ ޤައުމުގެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރިއަށްގެންދާ ރިފޯމް އެންޑް މޮޑާނައިޒޭޝަން ޕުރޮގުރާމުތައް ދެނެގަނެ، ތަޖުރިބާ ހާސިލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ރާއްޖޭގެ ތަރައްޤީގެ އެޖެންޑާއަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ފޯރުކޮށްދެއްވި އަގުނުކުރެވޭހާ އެހީތެރިކަމާ އެއްބާރުލެއްވުމަށްޓަކައި ދިވެހި ސަރުކާރުގެ ނަމުގައި އެކުވެރި އަރަބި އިމާރާތުގެ ރައީސް، އަދި އަބޫދާބީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާންއަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޔޫއޭއީގެ ބޮޑުވަޒީރު، ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމަށާއި ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރުގެ ނައިބު ޝައިޚް މަންސޫރު ބިން ޒާއިދު އަލް ނަޙްޔާނަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.