ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މުޅިން އަލަށް އޮފީސް އަދި ރިސޯޓް ފައިވްކޭ ޓީމް އިވެންޓް ކެޓަގަރީއެއް މިއަހަރު ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނީ މި ކެޓަގަރީ ތައާރަފު ކުރުމުގެ މަގުސަދަކީ އެކި ރިސޯޓުތަކާއި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޓީމެއްގެ ގޮތުގައި ބައިވެރިވެ ވާދަވެރި މާހައުލެއްގައި އެކި މުއައްސަސާތައް ތަމްސީލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
ދިރާގުން އަލަށް ތައާރަފުކުރި އޮފީސް އަދި ރިސޯޓް ކެޓަގަރީއާ އެކު، އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހަތަރު މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެވެއެވެ.
މުއައްސަސާއެއް ތަމްސީލުކުރުމަށް ކިތަންމެ ގިނަ ޓީމަކަށް ވެސް ރަޖިސްޓްރީ ވެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. އަދި ރިސޯޓުތަކާ ސަރުކާރުގެ އިދާރާތަކާ ސަރުކާރު ހިއްސާވާ ކުންފުނި އަދި ޕްރައިވެޓް ސެކްޓާގެ މުވައްޒަފުންނަށް ވެސް އެ ފަރާތެއްގެ މުއައްސަސާ ތަމްސީލުކުރުމުގެ ޓީމްތައް އެކުލަވާލާ ރަޖިސްޓާ ކުރެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ޓީމެއްގެ ގޮތުގައި ރަޖިސްޓާ ކުރާ އިރު ކޮންމެ މެމްބަރެއްގެ ރެޖިސްޓްރޭޝަން ފީއަކީ 250 ރުފިޔާ ކަމަށާއި މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރެޖިސްޓްރީކުރުމަށް ރޯޑްރޭހަށް ޚާއްސަ ލިންކު www.dmrr.nv ދެމުވެރިކޮށް ރެޖިސްޓްރީ ވެވޭނެކަމަށް ދިރާގުން ވަނީ ބުނެފައެވެ.
އޮފީސް އަދި ރިސޯޓް ކެޓަގަރީއިން މޮޅުވާ ޓީމުތައް ހޮވާނީ ޓީމުގެ ހުރިހާ މެމްބަރުން ރޭސް ނިންމާ ޖުމްލަ ވަގުތައް ބަލާފައި ކަމަށާއި ހުރިހާ މެމްބަރުން ވެސް ފައިވްކޭ ރޭހުގެ ކަޓްއޮފް ވަގުތުކަމަށްވާ 45 މިނެޓުގެ ތެރޭގައި ރޭސް ނިންމަންވާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
އެ ކެޓެގަރީގެ އިނާމުތަކުގެ ގޮތުގައި ދިރާގުން ކަނޑައަޅާފައި ވަނީ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ރަނަރަޕް ޓީމަށް 8،000 ރުފިޔާ އަދި ދެވަނަ ރަނަރަޕް ޓީމަށް 6000 ރުފިޔާއެވެ.
ދިރާގުން ބުނީ މި ކެޓަގަރީގައި އަންހެން އަދި ފިރިހެން ޑިވިޝަނުން ވެސް ބައިވެރިވެވޭނެ ކަމަށެވެ. ނަމަވެސް މި ކެޓެގަރީގައި ބައިވެރިވާ ފަރާތްތަކަށް މި ނޫން އެހެން ކެޓެގަރީއެއްގައި ބައިވެރި ނުވެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގުގެ ރޯޑްރޭހަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް އެއިމްސް ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
އެގޮތުން މިއަހަރު ފާހަގަކުރަނީ މި ރޭހުގެ 15 ވަނަ އެޑިޝަންއެވެ. މި ދުވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 25 އޮކްޓޫބަރު ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރޯދްރޭހަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގުން ބުނީ، މި ދުވުމުގައި 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެން ރެޖިސްޓާ ކުރުމުގެ ފުރުސަތު އޮތްކަމަށެވެ.